ޚަބަރު
އިންޑޮނޭޝިއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ޚާރިޖީ ވަޒީރު ތަހުނިޔާ ފޮނުއްވައިފި

ދިވެހިރާއްޖެއާއި އިންޑިނޭޝިއާގެ ދިދަ/ފޮޓޯ: ޕޮންޑް5
އިންޑޮނޭޝިއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ތަޙުނިޔާ ފޮނުއްވައިފިއެވެ.
އިންޑޮނޭޝިއާގެ ޚާރިޖީ ވަޒީރު ސުޖިއޯނޯ އަށް އެ ޤައުމުގެ މިނިވަން ދުވަހުގެ މުނާސަބަތާއި ގުޅިގެން ވަޒީރު ފޮނުއްވި ޚާއްޞަ މެސެޖުގައި ވިދާޅުވީ، ދިވެހިރާއްޖޭގެ ސަރުކާރާއި ރައްޔިތުންގެ ނަމުގައާއި ވަޒީރުގެ އަމިއްލަ ނަމުގައި އެ ޤައުމުގެ ޚާރިޖީ ވަޒީރަށާއި، އިންޑޮނޭޝިއާގެ ސަރުކާރަށާއި ރައްޔިތުންނަށް، އެޤައުމުގެ 80 ވަނަ މިނިވަން ދުވަހުގެ ތަހުނިޔާ އާއި ހެޔޮ އެދުންތައް އަރިސްކުރެއްވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
ހަމަ އެހެންމެ، ދިވެހިރާއްޖެއާއި އިންޑޮނޭޝިއާ އާއި ދެމެދުގައިވާ އެކުވެރި އަދި ގާތް ގުޅުން، ދެ ޤައުމުގެ ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި އިތުރަށް ބަދަހިވެގެންދާނޭކަމަށް އެމަނިކުފާނު އުންމީދުކުރައްވާކަމަށް ވިދާޅުވިއެވެ. ހަމަ މިއާއެކު، އިންޑޮނޭޝިއާގެ ޚާރިޖީ ވަޒީރު ސުޖިއޯނޯ އަށް ދުޅަހެޔޮ ސިއްހަތާއި އިންޑޮނޭޝިއާގެ ސަރުކާރާއި ރައްޔިތުންނަށް އިތުރު ކުރިއެރުމާއި އުފާ ފާގަތިކަން ލިބުމަށް އެދިވަޑައިގަންނަވާކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
ވަޒީރުގެ މެސެޖު ނިންމަވާލައްވާފައިވަނީ، އިންޑޮނޭޝިއާގެ ޚާރިޖީ ވަޒީރަށް ކުރައްވާ މަތިވެރި ޤަދަރު އާކުރައްވާ، އެކަން ޔަޤީންކޮށް އެރުވުމަށްފަހުއެވެ.