ކުޅިވަރު
ޕްރިމިއަރ ލީގަށް އެނބުރި އައިސް ސަންޑަލޭންޑުން ފުރަތަމަ މެޗު ބޮޑު ތަފާތަކުން ކާމިޔާބުކޮށްފި

ސަންޑަލޭންޑުގެ ގޯލު ކާމިޔާބުކުރުމަށްފަހު އުފާފާޅުކުރަނީ---
އިންގްލިޝް ޕްރިމިއަރ ލީގަށް 8 އަހަރަށް ފަހު އެނބުރި އައި ސަންޑަލޭންޑުން އެ ޓީމުގެ ފުރަތަމަ މެޗު ބޮޑު ތަފާތަކުން ކާމިޔާބުކޮށްފިއެވެ.
ލީގަށް ތައްޔާރުވުމުގެ ގޮތުން، ލެޖިސް ލެ ބްރީސްގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ސަންޑަލޭންޑުން ވަނީ ރަގަޅު ކުޅުންތެރިންތަކެއް އެ ޓީމަށް ގެނަސްފައެވެ. އޭގެ ތެރޭގައި އާސެނަލް އާއި ބެޔާ ލެވަކޫސަންގައި މޮޅު ކުޅުމެއް ދެއްކި ގްރެނިޓް ޒަކާ ހިމެނެއެވެ.
އިންގްލިޝް ޕްރިމިއަރ ލީގުގެ މެޗުތައް ރޭ ފަށާފައިވާއިރު، މިރޭ ވެސްޓް ހޭމްއާ ދެކޮޅަށް ސަންޑަލޭންޑުން ކުޅުނު މެޗު އެ ޓީމުން ކާމިޔާބުކުރީ 3-0އިންނެވެ.
މި މެޗުގައި ސަންޑަލޭންޑަށް ފުރަތަމަ ގޯލު ކާމިޔާބުކޮށްދިނީ، ޗެމްޕިއަންޝިޕް ޕްލޭ-އޮފް ފައިނަލްގައި މިދިޔަ މޭ މަހު ކުޅުނު މެޗުގައި، އެ ޓީމަށް މުހިންމު ގޯލެއް ކާމިޔާބުކޮށްދިން އެލިއެޒޭ މަޔެންޑާއެވެ.
އެ ޓީމުގެ ދެވަނަ ގޯލަކީ ވެސް ޕްލޭ-އޮފްގައި މުހިންމު ގޯލެއް ކާމިޔާބުކުރި ޑޭން ބަލާރޑް ކާމިޔާބުކުރި ގޯލެކެވެ. މި މެޗުގައި ސަންޑަލޭންޑުގެ ލީޑު ފުޅާކޮށްދިނީ، ޗެމްޕިއަންޝިޕްގެ ޕްލޭ-އޮފްގެ ސެމީފައިނަލްގައި ގޯލު ކާމިޔާބުކޮށްފައިވާ ބަލާރޑެވެ.
މެޗުގެ އިތުރު ވަގުތުގައި އެ ޓީމުގެ ފަހު ގޯލު ކާމިޔާބުކުރީ، ވިލްސަން އިސިޑޯރއެވެ.
މީގެ އިތުރުން، އިންގްލިޝް ޕްރިމިއަރ ލީގުގައި މިރޭ ޓޮޓެންހަމް ހޮޓްސްޕާރ އިން ވަނީ 3-0އިން ބާންލޭ ބަލިކޮށްފައެވެ. މި މެޗުގައި ރިޗާލިސަން ދެ ގޯލި ކާމިޔާބުކުރިއިރު، އޭނާގެ ދެވަނަ ގޯލަކީ މި ސީޒަންގެ މޮޅު ގޯލަކަށް ވާނެ ކަމާމެދު ޝައްކެއްނެތެވެ. އެހެން މެޗެއްގައި، ނިއުކާސްލް ޔުނައިޓެޑު ދޫކޮށްލުމަށް ބޭނުންވާ އެލެކްސެންޑަރ އިސާކްއާ ނުލައި އެ ޓީމުން އެސްޓަން ވިލާއާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 0-0އިން އެއްވަރުވެގެނެވެ.