ކުޅިވަރު
މަތިވެރި ފުޓްސަލް ލީގު: އެސްއާރުސީ-ބޮޑުފޮޅުދޫއިން ލީގުގައި ސައްތައިންސައްތަ ރެކޯޑެއް ދަމަހައްޓައިފި

ސްޓެލްކޯ ރެކްރިއޭޝަން ކްލަބް-ބޮޑުފޮޅުދޫ އާއި އެކުއެޓިކް ބައްދަލުކުރި މެޗު---
އިރުބެ މަތިވެރި ފުޓްސަލް ލީގުގައި ސްޓެލްކޯ ރެކްރިއޭޝަން ކްލަބް-ބޮޑުފޮޅުދޫއިން ހަނިގޮތަކަށް އެކުއެޓިކް ބަލިކުރުމަށްފަހު، މުބާރާތުގައި މިހާތަނަށް ކުޅުނު ތިން މެޗުން ސައްތައިންސައްތަ ރެކޯޑެއް ދަމަހައްޓައިފިއެވެ.
އއ. މަތިވެރީގައި ކުރިޔަށްދާ މި މުބާރާތުގެ ތިން ވަނަ ހަފްތާގައި އެސްއާރުސީ-ބޮޑުފޮޅުދޫއިން އެކުއެޓިކް ބަލިކުރީ 1-0އިންނެވެ. މި މެޗުގެ ހަމައެކަނި ގޯލު ކާމިޔާބުކުރީ އެ ޓީމުގެ ޖާރޒީ ނަންބަރު 20، ޖާދުއްالله އަޙުމަދު (ޖޭޑީ)އެވެ. މެޗުގެ 13ވަނަ މިނެޓުގައި ޖޭޑީ ކާމިޔާބުކުރި މި ގޯލަކީ މުބާރާތުގައި އޭނާގެ ދެވަނަ ގޯލެވެ.
ރޭ ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ ސްޓެލްކޯ ރެކްރިއޭޝަން ކްލަބް-މަތިވެރި އާއި ފިއުޗާރ ޕްރޮމޯޝަން (އެފްޕީ)އެވެ. އެސްއާރުސީ-މަތިވެރިއަށް މި މެޗުން ތިން ޕޮއިންޓު ގެއްލުނީ، މެޗު ނިމެން ކުޑަތަންވެފައި ވަނިކޮށް އެ ޓީމުގެ ޝާވިން ރަޝީދުގެ އަތުން ބައިކޮޅަށް ވަތް ގޯލާއެކު، މެޗުގެ ނަތީޖާ 2-2އިން އެއްވަރުވުމުންނެވެ.
މި މެޗުގައި ފުރަތަމަ ލީޑު ނަގާފައި ވަނީ އެފްޕީއިންނެވެ. އެއީ ރާއްޖޭގެ އެންމެ އުހުގައި ފުޓުސަލް ކުޅެމުން އަންނަ ކުޅުންތެރިއެއް ކަމުގައިވާ އަބްދުالله ޖުނެއިދު، މެޗުގެ 11ވަނަ މިނެޓުގައި ކާމިޔާބުކުރި ގޯލާއެކުއެވެ. ނަމަވެސް އެސްއާރުސީ-މަތިވެރިން ދެވަނަ ހާފުގައި ނިކުމެ، މުޙައްމަދު ޝަފްރާޒް އާއި އާދަމް ހާޒިފްގެ ގޯލުތަކުން އެ ޓީމުގެ ކޮޅަށް ނަތީޖާ އަނބުރާލިއެވެ. އަދި މެޗު 2-2 އިން އެއްވަރުވީ ނިމެން މިނެޓަކަށްވެފައި ވަނިކޮށެވެ.
ރޭ ކުޅުނު އެހެން މެޗެއްގައި، ބަބްލް ޕޮއިންޓުން ވަނީ ތަފާތު ބޮޑުކޮށް، ޓީމް އެސް.ޔޫ. ކޯނާރ ބަލިކޮށްފައެވެ. 6-1އިން ބަބްލް ޕޮއިންޓު ކާމިޔާބުކުރި މި މެޗުގައި އެ ޓީމުގެ އަޙުމަދު މާއިން ވަނީ ހެޓްރިކެއް ހަދާފައެވެ. މީގެ އިތުރުން އެ ޓީމުގެ ޔޫނުސް ރައްޔާން ދެ ގޯލު ކާމިޔާބުކުރިއިރު، އާދަމް ހައްސާން ވެސް ގޯލެއް ކާމިޔާބުކުރިއެވެ. އެސް.ޔޫ. ކޯނާރގެ ހަމައެކަނި ގޯލު ކާމިޔާބުކުރީ ޝަމްވީލް އަޙުމަދެވެ.
މި ނަތީޖާތަކާއެކު ލީގުގެ ދެވަނައިގައި އޮތީ، 3 މެޗުން ޖުމްލަ 9 ޕޮއިންޓު ހޯދާފައިވާ އެސްއާރުސީ-ބޮޑުފޮޅުދޫއަށް ވުރެ 2 ޕޮއިންޓު މަދުން ލިބިފައިވާ، އެސްއާރުސީ-މަތިވެރިއެވެ. ތިންވަނައިގައި 4 ޕޮއިންޓާއެކު އެފްޕީ އޮތްއިރު، ބަބްލް ޕޮއިންޓާއި އެކުއެޓިކްއަށް ވަނީ 3 ޕޮއިންޓު ލިބިފައެވެ. ނަމަވެސް ފައިދާ ގޯލާއެކު ހަތަރު ވަނައިގައި އޮތީ ބަބްލް ޕޮއިންޓެވެ.
ކޮންމެ ހަފްތާ ބައްދެއްގައި ކުޅޭ މި މުބާރާތުގެ 4ވަނަ ބުރުގެ މެޗުތައް އޮންނާނީ މި މަހުގެ 22ވަނަ ދުވަހުގެރެއެވެ.
މުބާރާތުގެ ހަތަރުވަނަ ބުރުގެ މެޗުތައް:
- އެފްޕީ އަދި އެކުއެޓިކް
- އެސްއާރުސީ-ބޮޑުފޮޅުދޫ އަދި ބަބްލް ޕޮއިންޓް
- އެސްއާރުސީ-މަތިވެރި އަދި ޓީމް އެސް.ޔޫ. ކޯނާރ
އއ. މަތިވެރީގައި ކުރިއަށްދާ މި ލީގުގައި ޖުމްލަ 6 ޓީމު ހިމެނޭއިރު، މުބާރާތް ބާއްވާ މަތިވެރީގެ 4 ޓީމެއް ވާދަކުރެއެވެ. މީގެ އިތުރުން އެ އަތޮޅު ބޮޑުފޮޅުދޫގެ 2 ޓީމު ވެސް ހިމެނެއެވެ. މި މުބާރާތުގެ މެޗުތައް "މަތިވެރި ލީގު" ޔޫޓީއުބް ޗެނަލުން ލައިވްކޮށް ވެސް ބަލާލެވޭނެއެވެ.