ޚަބަރު
އަނެއްކާވެސް ޤައުމު ހަލަބޮލި ކުރުމަށް ޝައިޚް އިމްރާން މާލެއަށް!

ކުރީގެ ހޯމް މިނިސްޓަރ އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން ޢަބްދުﷲ

ފަރުދުން
16 އޯގަސްޓު 2025، 03:18
16 އޯގަސްޓު 2025، 03:18
އަނެއްކާވެސް ޤައުމު ހަލަބޮލި ކުރުމަށްކުރީގެ ހޯމް މިނިސްޓަރ އައް ޝައިޚް އިމްރާން ޢަބްދުﷲ މާލެ ވަޑައިގަންނަވަން އުޅުއްވާކަމަށް އިމްރާންގެ އަރިސް ބޭފުޅަކު ވިދާޅުވެއްޖެއެވެ.
ނަން ނުޖެހުމަށް ޝަރުތުކޮށް އިމްރާންއާއި ވަރަށް ގާތް ބޭފުޅަކު "ފަރުދުން"އަށް ވިދާޅުވީ އިމްރާން މާލޭ ވަޑައިގަންނަވަނީ އަދާލަތު ޕާޓީގެ އަހަރީދުވަހުގެ ޖަލްސާގައި ބައިވެރިވުމުގެ ނަމުގައި ކަމަށެވެ. ނަމަވެސް "އިމްރާންގެ ގާތް" މީހަކު ބުނި ގޮތުގައި އިމްރާން މާލެ ވަޑައިގަންނަވަނީީ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް، އިބޫ އަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ޓިކެޓު ހޯދުމަށް ކުރަންޖެހޭ މަސައްކަތް ކުރުމުގައި އެހީތެރިވުމަށެވެ.
ޝައިޚް އިމްރާނަކީ ކުރިންވެސް ގައުމު ހަލަބޮލި ކުރުމަށް އިސްވެހުރެ އެކި އެކި އެއްވުންތައް ބާއްވާފައިވާ ބޭފުޅެކެވެ. އަނެއްކާވެސް މިފަދަ ސިލްސިލާ ހަރަކާތްތަކެއް އެކި ނަން ނަމުގައި ކުރިއަށް ގެންދިއުމުގެ މަސައްކަތް ކުރަން ރާވާފައިވާ ކަމަށް އެ ފަރާތުން މައުލޫމާތު ދީފައިވެއެވެ.
ޝައިޚް އިމްރާން އިސްވެ ހުންނަވާ ކުރިއަށް ގެންދެވި މުޒާހަރާތަކުގެ ތެރޭގައި 23 ޑިސެމްބަރުގެ މުޒާހަރާއާއި މޭޑޭ މުޒާހަރާ ހިމެނެއެވެ. މޭޑޭ މުޒާހަރާގައި އަނިޔާވެރި ކަމަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަތެއް ދެއްކި މައްސަލައިގައި 11 އަހަރުގެ ޖަލު ހުކުމެއް ޝައިޚް އިމްރާނަށް އިއްވިއެވެ. ޖަލުގައި 3 އަހަރާ ބައި ހޭދަ ކުރެއްވުމަށް ފަހު ޝައިޚް އިމްރާން މިނިވަންވެ ވަޑައިގެންނެވީ 2018 ވަނަ އަހަރު އިންތިޚާބުވި އިބޫ ސަރުކާރުގައެވެ.
މިފަހުން އިމްރާން ވަނީ، ރާއްޖޭގެ ފުރަތަމަ އިސްލާމިކް މިނިސްޓަރު އަދި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އަބްދުލް މަޖީދު އަބްދުލްބާރީ އަވަހާރަވީ ނޫން ކަމަށާއި، ޝަހީދުކޮށްލީ ކަމަށް އެކްސް ޕޯސްޓެއްގައި ވިދާޅުވެފައެވެ. މަޖީދު އަވަހާރަވީ މެއި 22، 2018ގައި ސްޓްރޯކެއް ޖެހުމުން ލަންކާ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށެވެ. ނަމަވެސް އޭރު ޑރ. މަޖީދު އަވަހާރަވުމާ ގުޅޭ ގޮތުން އެއްވެސް އެއްޗެއް އިމްރާން ވިދާޅުވެފައެއް ނުވެއެވެ.
މިކަމުގެ ސަބަބުން އެތައް ބަޔެއްގެ ނުރުހުން އިމްރާނަށް ލިބިފައިވެއެވެ. ސަބަބަކީ މީގެ ކުރިން 2012ގައި އަވަހާރަކޮށްލި ދީނީ އިލްމުވެރިޔާ އަދި މަޖިލިސް މެންބަރު އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައާ ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ގުޅުވައި، ކިތާބީ ހެކި ހުރި ކަމަށް ވިދާޅުވެ 2015ގައި އިމްރާން ދޮގު ވާހަކަތަކެއް ފަތުރައްވާފައިވާތީ ކަމަށް ބެލެވެއެވެ.
ބަޣާބާތް ކުރުމާއި، މަގުތަކަށް އެއްވުމާއި ހަމަނުޖެހުންތައް ހިންގުމުގެ މާޒީއެއް ގޮތް ޝައިޚް އިމްރާން މިހާރު ދިރިއުޅުއްވަނީ ބެންކޮކްގައެވެ. ނަމަވެސް ޤައުމުގެ ހަމަޖެހުން ނަގާލާ، އެއްވުންތައް ރާވާ ހިންގުމަށް ރާއްޖެއައުމުގެ ތައްޔާރީތައް ވަމުންދާކަން މިވަނީ އެނގިފައެވެ. މިކަމަށް ހުރިހާ ދިވެހި ރައްޔިތުންވެސް ހުށިޔާރުވެ ތިބެ ހަމަނުޖެހުންތަކަށް "ނޫނެކޭ" ބުންނަވާނެއެވެ.