ޚަބަރު
އިންޑިއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ޚާރިޖީ ވަޒީރު ތަހުނިޔާ ފޮނުއްވައިފި

ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު އަދި އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް/ފޮޓޯ: މޯލްޑިވްސް ރިޕަބްލިކް
އިންޑިއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ތަޙުނިޔާ ފޮނުއްވައިފިއެވެ.
އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ޑޮކްޓަރ އެސް، ޖައިޝަންކަރް އަށް އެ ޤައުމުގެ މިނިވަން ދުވަހުގެ މުނާސަބަތާއި ގުޅިގެން ވަޒީރު ފޮނުއްވި ޚާއްޞަ މެސެޖުގައި ވިދާޅުވީ، ދިވެހިރާއްޖޭގެ ސަރުކާރާއި ރައްޔިތުންގެ ނަމުގައާއި ވަޒީރުގެ އަމިއްލަ ނަމުގައި އެ ޤައުމުގެ ޚާރިޖީ ވަޒީރަށާއި، އިންޑިއާގެ ސަރުކާރަށާއި ރައްޔިތުންނަށް، އެޤައުމުގެ 78 ވަނަ މިނިވަން ދުވަހުގެ ތަހުނިޔާ އާއި އިޚްލާޞްތެރި ހެޔޮ އެދުންތައް އަރިސްކުރައްވާ ކަމަށެވެ.
ހަމަ އެހެންމެ، ދިވެހިރާއްޖެއާއި އިންޑިޔާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކުރިތާ 60 އަހަރު ފުރުން ފާހަގަކުރުމާއި، ދާދިފަހުން ދެޤައުމުގެ ދެމެދުގައި ހިނގާފައިވާ އިސް ފެންވަރުގެ ބައްދަލުވުންތަކުން ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރިކަން އިތުރަށް ބަދަހިވެފައިވާކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. ހަމަ މިއާއެކު، ދެ ޤައުމުގެ ދެމެދުގައި އޮތް އެކުވެރިކަމާއި އެއްބާރުލުމުގެ ގުޅުން، ކުރިއަށް އޮތް އަހަރުތަކުގައިވެސް އިތުރަށް ބަދަހިވެ، ކުރިއަރަމުންދާނެކަމުގައި ޔަޤީންކުރައްވާކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
ވަޒީރުގެ މެސެޖު ނިންމަވާލައްވާފައިވަނީ، އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް އަށް ކުރައްވާ މަތިވެރި ޤަދަރު އާކުރައްވާ، އެކަން ޔަޤީންކޮށް އެރުވުމަށްފަހުއެވެ.