ކުޅިވަރު
ޕީއެސްޖީއިން ޔޫއެފާ ސުޕަރ ކަޕް ކާމިޔާބުކޮށްފި

ސުޕަރ ކަޕްގެ ތަށި ޕީއެސްޖީއިން އުފުލާލުން---
ޔޫރަޕްގެ ފުޓުބޯޅައިގެ މައި އިދާރާ، ޔޫއެފާއިން ކްލަބް ލެވެލްގައި ބާއްވާ އެންމެ ބޮޑު ދެ މުބާރާތުގެ ޗެމްޕިއަނުންގެ މެދުގައި ކުޅޭ ސުޕަރ ކަޕް، ފްރާންސްގެ ޕެރިސް ސެއިންޓް-ޖަމެއިން (ޕީއެސްޖީ)އިން ކާމިޔާބުކޮށްފިއެވެ.
އިޓަލީގެ އޫޑިނާއީގައި، މިދިޔަ ސީޒަންގައި މުޅިން އަލަށް ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ޕީއެސްޖީ އާއި ޔޫއެފާ ޔޫރޮޕާ ލީގުގެ ޗެމްޕިއަން، ޓޮޓެންހަމް ހޮޓްސްޕަރއާ ބައްދަލުކުރި މެޗު، ޕީއެސްޖީއިން ކާމިޔާބުކުރީ ޕެނަލްޓީ ޖަހައިގެން 4-3އިންނެވެ.
މެޗު ޕެނަލްޓީއަށް ދިޔައީ، ފުރަތަމަ ހާފުގެ ފަހުކޮޅާއި ދެވަނަ ހާފުގެ ކުރީކޮޅު ކާމިޔާބުކުރި ގޯލުތަކާއެކު، ސްޕާރސްއިން ދެ ގޯލުގެ ލީޑެއް ނަގާފައި ވަނިކޮށް، މެޗު ނިމެން ކުޑަތަންވެފައި އޮއްވާ ޕީއެސްޖީއިން ނަތީޖާ ހަމަހަމަކުރުމުންނެވެ.
ޕީއެސްޖީއިން ރޭ އުފުލާލި ސުޕަރ ކަޕް ތައްޓަކީ، މި އަހަރު އެ ޓީމުން އުފުލާލި 5ވަނަ ތައްޓެވެ.
ސްޕާރސްގެ ގޯލުތައް ކާމިޔާބުކުރީ އެ ޓީމުގެ ޑިފެންޑަރުންނެވެ. އެގޮތުން ފުރަތަމަ ގޯލަކީ ޕަލީނިއާ ފޮނުވާލި ހަމަލާއެއް ޕީއެސްޖީގެ ގޯލު ބެލެހެއްޓުމަށް ރޭ ހަވާލުކުރި ލޫކަސް ޝަވެލިއާގެ އިނގިލިތަކުގެ ކުރީގައި ޖެހިފައި ގޮސް ގޯލުގެ ހުރަސް ދަނޑީގައި ޖެހިފައި ގޯލުގެ ކުރިމައްޗަށް ވެއްޓުނު ވަގުތު، މިކީ ވެން ޑަ ވީން ކާމިޔާބުކުރި ގޯލެކެވެ.
ޕީއެސްޖީ ދޫކޮށްލަން އެ ޓީމުގެ ގޯލު ބަލަހައްޓަމުން ދިޔަ ޖިއާންލުޖީ ޑޮނަރުއްމާ އިޢުލާންކުރުމާ ގުޅިގެން، ރޭ އެ ޓީމުގެ ގޯލު ދިފާއުކުރުމުގެ ޒިންމާ ހަވާލުކުރި ޝަވެލިއާއަށް ފުރަތަމަ ގޯލު ހުއްޓުވުމުގައި ނާކާމިޔާބުވި ނަމަވެސް، ދެވަނަ ގޯލަކީ އޭނާގެ ޒިންމާ ރަނގަޅަށް އަދާނުކުރެވިގެން ވަތް ގޯލެކެވެ. ސްޕާރސްގެ ކެޕްޓަންގެ މަޤާމު އަލަށް ހަވާލުކުރި ކްރިސްޓިއަން ރޮމޭރޯ ބޮލުން ފޮނުވާލި އެ ހަމަލާ ގޯލުގެ ތެރެއަށް ވަނީ ޝަވެލިއާ އަތުގައި ޖެހުމަށްފަހުއެވެ.
ޕީއެސްޖީގެ ފުރަތަމަ ގޯލު މެޗުގެ 85ވަނަ މިނެޓުގައި ލީ ކަންގް-އިން ކާމިޔާބުކުރިއިރު، އެ ޓީމުން މެޗުގެ ނަތީޖާ ހަމަހަމަކުރީ، އިތުރު ވަގުތުގެ 4ވަނަ މިނެޓުގައެވެ. މި ގޯލި ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ގޮންޗާލޯ ރާމޯސްއެވެ.
ޕެނަލްޓީގައި ޕީއެސްޖީއިން ފުރަތަމަ ޖެހި ޕެނަލްޓީ ވިޓީނިއާއަށް ކާމިޔާބު ނުކުރެވުނަސް، އެ ޓީމުން ޖެހި ފަހު 4 ޕެނަލްޓީ ވަނީ ކާމިޔާބުކޮށްފައެވެ. އެ ޕެނަލްޓީތައް ކާޏިޔާބުކޮށްދިނީ ގޮންޗާލޯ ރާމޯސް، އުސްމާން ޑެމްބެލޭ، ލީ ކަންގް-އިން އަދި ނޫނޯ މެންޑޭޒްއެވެ.
ސްޕާރސްއަށް ކާމިޔާބު ނުކުރެވުނީ ވެން ޑަ ވީން އާއި މަތީޒް ޓެލް ފޮނުވާލި ޕެނަލްޓީތަކެވެ. އެ ޓީމުން ޕެނަލްޓީ ކާމިޔާބުކުރީ ޑޮމިނިކް ސޮލަންކޭ، ރޮޑްރީގޯ ބެންޓެންކޫރު އަދި ޕެޑްރޯ ޕޯރޯއެވެ.