ޚަބަރު
ރައީސުލްޖުމްހޫރިއްޔާ، ކިހާދޫ ކައުންސިލާއި ބައްދަލުކުރައްވާ މުހިންމު މަޝްވަރާތަކެއް ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ، ކިހާދޫ ކައުންސިލާއި ބައްދަލުކުރެއްވުން/ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މާޅޮސްމަޑުލު ދެކުނުބުރީ ކިހާދޫ ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
މިއަދު މާޅޮސްމަޑުލު ދެކުނުބުރީ ކިހާދޫ ސްކޫލްގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި، ކައުންސިލްގެ މެންބަރުންގެ ފަރާތުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ފެނާއި ނަރުދަމާގެ މަސައްކަތް ހުއްޓި ލަސްވަމުންދިއުމުގެ ކަންބޮޑުވުން ހިމެނެއެވެ. ހަމަ މިއާއެކު، ރަށުގެ ކަރަންޓުގެ ހާލަތު ރަނގަޅުކުރުމަށާއި، ރަށު އިންޖީނުގެ މީހުން ދިރިއުޅޭ ސަރަހައްދުން ދުރަށް ބަދަލުކުރުމަށް ރައީސް ގެ އަރިހުގައި ދެންނެވިއެވެ. އަދި ރަށު ސްކޫލްގެ ޖާގައިގެ ދަތިކަން ހައްލުކޮށްދެއްވުމަށް އެދިލެއްވިއެވެ.
މީގެއިތުރުން މި ބައްދަލުކުރެއްވުމުގައި މެންބަރުން ވަނީ، ރަށު ރައްޔިތުން ޕިކްނިކް ދާނެ ރަށެއް ނެތުމާއި، ބ. އަތޮޅުގައި އާރް.ޓީ.އެލް ފެރީ ނިޒާމުގެ ރޫޓު ކިހާދުއަށް ފަހިގޮތަކަށް ބަދަލުކުރުމަށް ރައީސްގެ އަރިހުން އެދިވަޑައިގެންފައެވެ. ހަމަ އެހެންމެ، ކިހާދޫ ސްކޫލަށް ސައިންސް ލެބެއްގެ ބޭނުންޖެހިފައިވާކަމާއި ޞިއްޙީ މަރުކަޒަށް އެންމިބިއުލަންސެއް ފޯރުކޮށްދިނުމާއި، ޞިއްޙީ މަރުކަޒުގެ ޖާގައިގެ ދަތިކަން ހައްލުކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެ މަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.