Ads by Stelco

ޚަބަރު

މަޖިލީހަށް ހުށައަޅާފައިވާ ޒަކާތުގެ ޤާނޫނަކީ ރާއްޖޭގެ އިސްލާމީ ތާރީޚުގައި ލިޔެވިގެންދާ ހެޔޮ ޞަފްޙާއެއް: ވަޒީރު

މަޖިލީހަށް ހުށައަޅާފައިވާ ޒަކާތުގެ ޤާނޫނަކީ ރާއްޖޭގެ އިސްލާމީ ތާރީޚުގައި ލިޔެވިގެންދާ ހެޔޮ ޞަފްޙާއެއް: ވަޒީރު

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު/ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

13 އޯގަސްޓު 2025، 03:30

13 އޯގަސްޓު 2025، 03:30

ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށައަޅާފައިވާ ޒަކާތާއި ގުޅޭ ޤާނޫނަކީ ރާއްޖޭގެ އިސްލާމީ ތާރީޚުގައި ލިޔެވިގެންދާނެ ހެޔޮ ޞަފްޙާއެއްކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު ވިދާޅުވީ، ޒަކާތުގެ ޤާނޫނެއް ވުޖޫދުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަޞައްވުރުގައި ހިމެނޭކަމެއްކަމަށާއި މިކަމަށް ރައީސް ދެއްވަމުން ގެންދަވާ އަހައްމިއްޔަތުތަކަމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

ވަޒީރު ވިދާޅުވީ، ޒަކާތް ނެގުމާއި ބެހުމުގެ އިދާރީ ނިޒާމު ހަރުދަނާކުރުމަށާއި ޒަކާތު ފަންޑުން ހެޔޮގޮތުގައި ހޭދަކޮށް އަމާނާތްތެރިކަމާއެކު ބެލެހެއްޓުމަށާއި ޒަކާތާ ގުޅޭ ހަރުދަނާ ޒަމާނީ ނިޒާމެއް ޤާނޫނީ ތަރަހައިގެ ތެރެއިން ރާއްޖޭގައި ޤާއިމުކުރުމުގެ މަޤުޞަދުގައި އެކުލަވައިލި ޒަކާތާއި ބެހޭ ބިލު ސަރުކާރުން މަޖިލީހަށް ހުށައަޅާފައިވާކަމަށެވެ. އަދި ޒަކާތުގެ ޤާނޫނު ފާސްވުމުން ރާއްޖޭގެ ޒަކާތުގެ ނިޒާމު ޤާނޫނީ އިމުގެ ތެރެއަށް ވެއްދޭނެކަމަށާއި މިއީ ރާއްޖޭގެ އިސްލާމީ ތާރީޚުގައި ލިޔެވިގެންދާނެ ހެޔޮ ޞަފްޙާއެކަމުގައި ދެކޭކަމަށް ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން ވަޒީރު ވިދާޅުވީ، މިހާރު މަޖިލީހަށް ހުށައަޅާފައިވާ ޒަކާތު ބިލް އެކުލަވައިލާފައިވަނީ ބައިނަލްއަޤުވާމީ މިންގަނޑުތަކާ އެއްގޮތަށްކަމަށާއި މި ބިލް އެކުލަވާލާފައިވަނީ، ދާއިރާގައި ކުރިއަރާފައިވާ އިސްލާމީ ޤައުމުތަށް ނަމޫނާއަކަށް ބަލައިގެންކަމަށެވެ. އެގޮތުން، މެލޭޝިޔާއާއި، ކުވައިތު، ޔޫއޭއީ، އަދި މިޞްރު ފަދަ ޤައުމުތަކުގައި ވެސް ޒަކާތުގެ ކަންކަން ހިނގަމުންދަނީ ޤާނޫނު ތެރެއިންކަމަށް ވަޒީރު ވިދާޅުވެފައިވެއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، މި ބިލް ފާސްވެ ޤާނޫނަކަށް ވެގެންދިއުމުން ދަޢުލަތަށް ފަސޭހަވެގެންދާނެކަމަށާއި ޝަރުޢީ ހަމަތަކުގެ މަތިން ޒަކާތު ފަންޑުން އިންވެސްޓްކުރުމަކީ ހުއްދަކަމެއް ކަމަށެވެ. އަދި އެގޮތުގެ މަތިން އިންވެސްޓްކުރުމުން ޒަކާތް ހައްޤުވާ ފަރާތްތަކުގެ އެންމެހައި ކަމެއް ވެސް ހިލޭ ފޯރުކޮށްދެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ. ހަމަ އެއާއެކު، ޒަކާތު ފަންޑު ޒަމާނާއި ޙާލަތާއި ޙާޖަތާއި އެއްވަރަށް ތަރައްޤީވެގެންދާނެ ކަމަށާއި ރާއްޖެއިން ފަޤީރުކަން ނައްތާލެވި އިޖްތިމާޢީ ތަނަވަސްކަން ގެނެސްދެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ރައީސް ޑރ. މުޢިއްޒުގެ ވެރިކަމުގެ ވަރަށް ކުރީކޮޅު ދިވެހިރާއްޖޭގައި ޒަކާތަށް ޚާއްޞަ ވަކި އިދާރާއެއް އުފައްދަވާ ޒަކާތުގެ ކަންކަން އިތުރަށް ހަރުދަނާކޮށް އާއްމުންނަށް ޒަކާތާއި ގުޅޭ މަޢުލޫމާތު ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް މިހާތަނަށް ވަނީ ކުރައްވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން