ޚަބަރު
އައުޤާފު ޢިމާރަތްތަކުން ލިބޭ ނަފާގެ ވަކި އިންސައްތައެއް ޙައްޖުގެ ޚިދުމަތަށް ވަޤުފުކުރުމަށް މަޝްވަރާކުރަނީ

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު/ފޮޓޯ: ސަން
އައުޤާފު ޢިމާރަތްތަކުން ލިބޭ ނަފާގެ ވަކި އިންސައްތައެއް ޙައްޖުގެ ޚިދުމަތަށް ވަޤުފުކުރުމަށް މަޝްވަރާ ކުރަމުންދާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ، އިއްޔެ ރައްޔިތުންގެ މަޖިލީހަށް ޙާޒިރުވެ މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ވިދާޅުވީ، މިއަހަރު އިމާރާތް ކުރަން ފެށުމަށް ހަމަޖެހިފައިވާ އައުޤާފު ޢިމާރަތްތައް ނިމުމުން، އެތަންތަނުން ލިބޭ ނަފާގެ ވަކި އިންސައްތައެއް ދިވެހި ރައްޔިތުންގެ ހައްޖުގެ ޚިދުމަތަށް ވަޤުފުކުރުމަށް މަޝްވަރާ ކުރަމުންދާކަމަށެވެ. އަދި މިހާރު މަޝްވަރާތައް ކުރެވެމުންދާ ގޮތަށް މިކަން ފުރިހަމަވެގެން ހިނގައްޖެ ނަމަ، ޙައްޖަށް ދިއުމަށް ރައްޔިތު މީހާ ދައްކާ އަދަދުގެ މިންވަރެއް މަދުވެގެންދާނެކަމަށާއި ޙައްޖުގެ އަގު ހެޔޮ ވެގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ޑރ. ޝަހީމްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، އައުޤާފާއި ޙައްޖުގެ ކަންކަން ހަރުދަނާކުރުމަށްޓަކައި އިސްލާމީ ޤައުމުތަކުގައި ވެސް ޢަމަލު ކުރާގޮތަށް، ރާއްޖޭގައި އައުޤާފުގެ ޤާނޫނަކާއި ޙައްޖާއި ޢުމްރާގެ އިންތިޒާމުތަކާއި ޙައްޖު ފަންޑު މެނޭޖްކުރުމާ ގުޅޭ ޤާނޫނެއް ވުޖޫދުވުމަކީ މުހިންމުކަމެއް ކަމުގައި ދެކިލައްވާކަމަށެވެ.
މި ސަރުކާރުން އިސްލާމީ ދާއިރާއިން ކުރިއަށް ގެންދާ އެންމެ ބޮޑު މަޝްރޫޢުތަކުގެ ތެރޭގައި، އަލަށް އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ދާރުލްއަރުޤަމްއާއި ދާރުއްސަލާމްގެ މަސައްކަތް ހިމެނެއެވެ. އަދި މިއަހަރު ތެރޭގައި މި މަޝްރޫޢު ފެށުމަށް ކުރަން ޖެހޭ މަސައްކަތްތައް މިހާރު އަންނަނީ ކުރަމުންނެވެ. މި މަޝްރޫޢުތައް ނިމުމުން މި ވަޤުފް އިމާރާތްތަކުން އިސްލާމީ ވަޤުފް ފަންޑަށް ބޮޑު އާމްދަނީއެއް ލިބިގެންދާނެއެވެ.