ކުޅިވަރު

ގިނަ ގޮންޖެހުންތަކަކާއެކު މެޗަށް ނިކުތް މާޒިޔާގެ މައްޗަށް ކުވޭތު ޓީމުން ކުރި ހޯދައިފި

ގިނަ ގޮންޖެހުންތަކަކާއެކު މެޗަށް ނިކުތް މާޒިޔާގެ މައްޗަށް ކުވޭތު ޓީމުން ކުރި ހޯދައިފި

މާޒިޔާގެ ހަމްޒާ، ފޮޓޯ: އަދަދު

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

12 އޯގަސްޓު 2025، 09:12

12 އޯގަސްޓު 2025، 09:12

އޭއެފްސީ ޗެލެންޖު ލީގުގެ ޕްރިލިމިނަރީ ބުރުގައި ކުވެއިތުގެ އަލް-އަރަބި ސްޕޯޓްސް ކްލަބުން ދިވެހިރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބަލިކޮށްފިއެވެ.

ގަލޮޅު ދަނޑުގައި މިއަދު ކުޅުނު މި މެޗުގައި މާޒިޔާގެ މައްޗަށް އަލް-އަރަބިން ކުރި ހޯދީ 4-0 އިންނެވެ.

މި ނަތީޖާއާއެކު އޭއެފްސީ ޗެލެންޖު ލީގުގެ ގްރޫޕް ސްޓޭޖަށް ކޮލިފައިވެފައި ވަނީ އަލް-އަރަބިއެވެ.

މިއަދު ރާއްޖެ ގަޑިން މެންދުރުފަހު 3 ޖެހިއިރު ފެށި މި މެޗުގެ ތިން ވަނަ މިނެޓުގައި އަލް-އަރަބިން ވަނީ ލީޑު ނަގާފައެވެ. މާޒިޔާގެ ޑިފެންޑަރު ކައިރިން ޕެނަލްޓީ އޭރިއާގެ ވާތް ފަރާތުން ނައްޓާލުމަށްފަހު، "ނިއަރ ޕޯސްޓަށް" އިވުއާލާ ފޮނުވާލި ބާރު ހަމަލާ ގޯލުގެ ތެރެއަށް ވަނީ މާޒިޔާގެ ގޯލްކީޕަރަށް ދިފާއު ކުރާނެ އެއްވެސް ފުރުސަތެއް ނުދީއެވެ. 

އެ ޓީމުގެ ދެވަނަ ގޯލު ކާމިޔާބުކުރީ ފުރަތަމަ ހާފު ނިމެން 3 މިނެޓަށްވެފައި ވަނިކޮށް ހައްސީމީ ފަޑީގާ ހުރަސްކޮށްދިން ބޯޅައެއް ގޯލު އޭރިއާގެ ލައިން މަތިންކަހަލަ ގޮތަކަށް ކޮންޓްރޯލް ކޮށްލުމަށްފަހު، ކުރިއަށް ކުޅުނު އެންގޯއީއެވެ. 

އަލް-އަރަބިގެ ތިން ވަނަ ގޯލު ޖެހީ، މާޒިޔާގެ ހައިޝަމް ޙަސަންގެ ކައިރިން ފަސޭހަކަމާއެކު ނައްޓާލުމަށްފަހު، 55ވަނަ މިނެޓުގައި ޕަވެއީއެވެ. އަދި އެ ޓީމުގެ ފަހު ގޯލު މެޗު ނިންމެ 3 މިނެޓަށްވެފައި ވަނިކޮށް ކާމިޔާބުކުރީ މޮހްސިންއެވެ. ފުރަތަމަ ގޯލެކޭ އެއްގޮތަށް، މި ގޯލަކީ ވެސް ގޯލުގެ "ނިއަރ ޕޯސްޓަށް" ފޮނުވާލި ބާރު ހަމަލާއަކުން ކާމިޔާބުކުރި ގޯލެކެވެ.

މުޅި މެޗުގައި ވެސް މާޒިޔާއަށް އެހާ ރަގަޅު ހަމަލާތަކެއް އަލް-އަރަބިގެ ގޯލަށް ފޮނުވާލެވިފައެއް ނުވެއެވެ. ފަހު ހާފުގައި އަލް-އަރަބިއަށް އެންމެ ބޮޑު ނުރައްކަލަކަށްވީ ވާތް ފަރާތުން ކުޅުނު ހަމްޒާއެވެ. ނަމަވެސް އޭނާގެ ކުޅުމުން މެޗުގެ ނަތީޖާއަށް ބަދަލު ގެނުވާނެ ހަމަލާއެއް އެ ޓީމަށް އުފެއްދިފައެއް ނުވެއެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން މާޒިޔާގެ ކޯޗު ލުއިސްމާ ހެނާންޑޭޒް ބުނީ، އޭނާ ހިންހަމަޖެހޭފަދަ ކުޅުމެއް ޓީމުގެ ޑިފެންޑަރުންނަށް ދެއްކިފައި ނުވާކަމަށެވެ. އަދި ޕްރެކްޓިސް މެޗެއް ކުޅެވިފައި ނުވުމުންނާއި، ޕްރެޝަރު މެޗުތަކެއް ކުޅުމުގެ ފުރުސަތު ލިބިފައި ނެތުމަކީ މެޗަށް ނިކުތްއިރު އޮތް އެންމެ ބޮޑު ގޮންޖެހުން ކަމަށް އޭނާ ފާހަގަކުރިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން