Ads by Stelco

ޚަބަރު

ޒުވާން ޚަޠީބުން ޕްރޮގުރާމަކީ މި ޤައުމުގެ މުސްތަޤުބަލަށް މުހިންމު ޕްރޮގުރާމެއް: ވަޒީރު

ޒުވާން ޚަޠީބުން ޕްރޮގުރާމަކީ މި ޤައުމުގެ މުސްތަޤުބަލަށް މުހިންމު ޕްރޮގުރާމެއް: ވަޒީރު

ވަޒީރު ޑރ. ޝަހީމް/ފޮޓޯ: އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

12 އޯގަސްޓު 2025، 06:58

12 އޯގަސްޓު 2025، 06:58

ޒުވާން ޚަޠީބުން ޕްރޮގުރާމަކީ މި ޤައުމުގެ މުސްތަޤުބަލުގެ އިސްލާމީ ޝަޚުސިއްޔަތު ދެމެހެއްޓުމަށް ފަރުމާކުރެވިފައިވާ ޕްރޮގުރާމެއްކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ، ޒުވާން ޚަޠީބުން ތަމްރީން ޕްރޮގުރާމުގެ ތިންވަނަ ބުރު ނިންމާ ސަނަދު ޙާސިލްކުރި ދަރިވަރުންނަށް ސަނަދު އެރުވުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތު ޝަރަފްވެރިކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ވަޒީރުގެ ވާހަަކަފުޅުގައި ވަނީ، ޒުވާން ޚަޠީބުންނަށް އަގުހުރި ގިނަ ނަޞޭޙަތްތަކެއް ދެއްވާފައެވެ. އެގޮތުން ވަޒީރު ވިދާޅުވީ، މި ޕްރޮގުރާމުގައި ބައިވެރިވި ޒުވާން ކުދިން އިޚްތިޔާރުކޮށްފައިވަނީ ވަރަށް މާތް މަގެއްކަމަށާއި ޚަޠީބުކަމުގެ މަޤާމަކީ ވަރަށް މަތީ އަދި ޝަރަފްވެރި މަޤާމެއްކަމަށެވެ. އަދި ޒުވާން ޚަޠީބުން މުޖުތަމަޢުއަށް ދައްކައިދެމުންދަނީ ވަރަށް ރިވެތި ނަމޫނާއެއް ކަމަށާއި މި ކަމުގެ މަތީގައި އަބަދަށް ދެމިތިބުމަށާއި މި ދާއިރާއިން އިތުރަށް ހުނަރު ތަރައްޤީ ކުރުމަށް މަސައްކަތް ކުރެއްވުމަށް ވަޒީރު ވަނީ ޒުވާން ޚަޠީބުންނަށް ނަސޭޙަތްތެރިވެލައްވާފައެވެ.

މީގެ އިތުރުން ވަޒީރު ވަނީ، ޒުވާން ޚަޠީބުން އިސްވެ މި ދާއިރާއިން އިތުރު ޒުވާނުން ކުރިއަށް ދިއުމަށް ހިތްވަރުދީ ފުރުސަތު ހޯދައިދިނުމަށް މަސައްކަތްކުރެއްވުމަށް ސަނަދު ޙާސިލްކުރެއްވި ޒުވާނުންނަށް އިލްތިމާސްކުރައްވާފައެވެ. ހަމަ އެހެންމެ، ޒުވާން ޚަޠީބުން ތަމްރީން ޕްރޮގުރާމު ނިންމާ ޒުވާނުންނަށް ރަށްރަށުން ކިޔާ ހޫނު މަރުޙަބާއާ, ޢީދު ނަމާދު ފަދަ ބޮޑެތި ޖަމާޢަތްތަކުގައި އިމާމުވެ ނަމާދުކުރުމުގެ ފުރުޞަތު ދޭ މަންޒަރަކީ އުފާވެރި މަންޒަރެއްކަމަށާއި، މިކަމުން އެނގިގެންދަނީ މި ޕްރޮގުރާމު ބަލައިގެންފައިވާ މިންވަރުކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

ޒުވާން ޚަޠީބުން ތަމްރީން ޕްރޮގުރާމުގެ ތިން ވަނަ ބުރު ފުރިހަމަކޮށް 269 ޒުވާން ޚަޠީބުން މިއަދު ވަނީ ސަނަދު ހާސިލްކޮށްފައެވެ. މިއާއެކު މިހާތަނަށް މި ސަނަދު ޙާސިލްކުރި ޚަޠީބުންގެ އަދަދު ވަނީ 503 އަށް އަރާފައެވެ. އިސްލާމީ  ކަންތައްތަކާ ބެހޭ ވުޒާރާއިން އަމާޒު ހިފާފައިވަނީ ފަސް އަހަރުގެ ތެރޭގައި 1000 ޒުވާން ޚަޠީބުން ތަމްރީންކުރުމަށެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން