ޚަބަރު
ބ. ގޮއިދޫ ފުލުހުންގެ މަރުކަޒު އިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް ފަށްޓަވައިފި

ބ. ގޮއިދޫ ފުލުހުންގެ މަރުކަޒު އިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް ފެށްޓެވުން/ފޮޓޯ: ރައީސް އޮފީސް
ބ. ގޮއިދޫ ފުލުހުންގެ މަރުކަޒު އިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.
ގޮއިދޫ ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިހުސާނާއި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢިލް ނަވީން އަދި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ނަޖާޙުއެވެ. މި ރަސްމިއްޔާތުގައި ރައިސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒާއި ގޮއިދޫ ކައުންސިލްގެ ރައީސް ބައިވެރިވެވަޑައިގެންނެވިއެވެ. މި ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައި މިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ބ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
ގޮއިދޫގައި ތަރައްޤީކުރާ ފުލުހުންގެ މަރުކަޒަކީ ފެނަކަ ކޯޕަރޭޝަންއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢުއެކެވެ. މިމަޝްރޫޢުގެ ދަށުން ފުލުހުންގެ މަރުކަޒުގެ އިތުރުން ޖަލު ގޮޅިތަކާއި ވެހިކަލް ޝެޑެއް ތަރައްޤީ ކުރާނެއެވެ.
މި ދެއަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ މަރުކަޒުތައް ގާއިމުކޮށް ދިވެހި ފުލުހުންގެ ޚިދުމަތް ގާއިމުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. އެގޮތުން، މިއަހަރުގެ މިހާތަނަށް ފުލުހުންގެ މަރުކަޒު ނެތް ގިނަ ރަށްރަށުގައި މަރުކަޒު ޤާއިމުކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.