Ads by Stelco

ޚަބަރު

ގޮއިދޫ ރައްޔިތުންނަށް ވެވަޑައިގެންފައިވާ ހުރިހާ ވަޢުދެއް ފުރިހަމައަށް ފުއްދަވައިދެއްވާނޭކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި

ގޮއިދޫ ރައްޔިތުންނަށް ވެވަޑައިގެންފައިވާ ހުރިހާ ވަޢުދެއް ފުރިހަމައަށް ފުއްދަވައިދެއްވާނޭކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި

ގޮއިދޫ ރައްޔިތުންނާ ބައްދަލުކުރެއްވުން/ފޮޓޯ: ރައީސް އޮފީސް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

12 އޯގަސްޓު 2025، 05:23

12 އޯގަސްޓު 2025، 05:23

ބ. ގޮއިދޫ ރައްޔިތުންނަށް ވެވަޑައިގެންފައިވާ ހުރިހާ ވަޢުދެއްވެސް ފުރިހަމައަށް ފުއްދަވައިދެއްވާނޭކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ރަށުގެ ރައްޔިތުންނަށް ދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ޔަޤީންކަން ދެއްވާފައިވަނީ، މާޅޮސްމަޑުލު ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ގޮއިދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވަނީ، ގޮއިދޫއާއި ގުޅުންހުރި ރިޔާސީ ވަޢުދުތަކުގެ އަދާހަމަ ރައްޔިތުންނާ ހިއްސާކުރައްވާފައެވެ. އެގޮތުން، ރަށުގެ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް މި މަހު ޓެންޑަރކުރައްވައި، މި އަހަރުގެ ތެރޭގައި ޢަމަލީ މަސައްކަތް ފައްޓަވާނޭކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް އަންނަ އަހަރު ފައްޓަވައިދެއްވާނޭ ކަމަށާއި، ރަށުގެ އިންޖީނުގޭގެ މައްސަލަތައް ޙައްލުކޮށް އިތުރަށް ފުރިހަމަކުރުމުގެ ވަށާޖެހޭ މަޝްރޫޢެއް ވެސް މި އަހަރު ފައްޓަވާނޭކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.

މީގެ އިތުރުން، ސްކޫލްގެ މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ސްކޫލުގެ ޖާގަ އިތުރުކުރުމުގެ މަސައްކަތް ދާދި އަވަހަށް ނިންމަވައިދެއްވާނޭކަމަށާއި، ދެވަނަ ފިޔަވައްސެއްގެ ގޮތުން މަލްޓި ޕަރޕަސް ހޯލުގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ކުރިއަށް ގެންގޮސްދެއްވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ސިއްޙީ ދާއިރާއަށް ބަލާއިރު، ގިނަ ވަޞީލަތްތައް ހިމެނޭ ފުރިހަމަ ހެލްތު ސެންޓަރެއް އެޅުމުގެ މަސައްކަތް މި އަހަރު ފައްޓަވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ހަމަ މިއާއެކު، ކުރިއަށް އޮތް ދެތިން މަސްދުވަހުގެ ތެރޭގައި، ގޮއިދޫގައި ފުލް ސްކޯޕް ފުޓުބޯޅަ ދަނޑެއްގެ ޢަމަލީ މަސައްކަތް ފައްޓަވައި، ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރުގެ މަސައްކަތްވެސް މިއަހަރުތެރޭ ފައްޓަވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ފަތުރުވެރިކަމުގެ ދާއިރާއަށް އިޝާރާތްކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، މިއަހަރު ތެރޭ އެރަށުގައި އިކޯ ޓޫރިޒަމްގެ މަސައްކަތް ފައްޓަވާނޭކަމަށެވެ. އަދި ގޮއިދޫ ފަޅުގައި ރިޒޯޓެއް ތަރައްޤީ ކުރުމުގެ ބިޑް އެވޯޑުކުރައްވާފައިވާކަމަށާއި، މި މަސް ނިމުމުގެ ކުރިން އެއްބަސްވުމުގައި ސޮއިކުރައްވާނޭކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން، ބޯހިޔާވަހިކަމާއި ގެދޮރުވެރިކަމުގެ ދާއިރާއަށް އަލިއަޅުއްވާލައްވަމުން އެ މަނިކުފާނު ވަނީ، ގޮއިދޫއިން ގޯތި ދޫކުރުމަށް ސަރުކާރުން ދޭން ޖެހޭ ހުއްދަތައް ދެއްވާފައިވާކަމަށް ވިދާޅުވެފައެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ގޮއިދޫގައި ބޭންކް އޮފް މޯލްޑިވްސްގެ އޭ.ޓީ.އެމް ޚިދުމަތް ރަސްމީގޮތުން ފައްޓަވައިދެއްވާފައެވެ. އަދި އެ ރަށުގައި އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ މަސައްކަތްވެސް ރަސްމީކޮށް ވަނީ ފަށްޓަވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން