ޚަބަރު
ސްޕެއިންގައި ކިޔަވާ ދިވެހި ދަރިވަރުން ވިސާ ނެގުމަށް ލުއި ގޮތްތަކެއް ހަމަޖައްސައިފި

މަތީ ތަޢުލީމާ ބެހޭ ވަޒީރު ޑރ ޢަލީ ހައިދަރު
ސްޕެއިންގައި ކިޔެވުމަށް ވިސާ ނެގުމުގައި ދަރިވަރުންނަށް ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސައިދީފައިވާ ކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. ޢަލީ ހައިދަރު އަޙްމަދު ވިދާޅުވެއްޖެއެވެ.
ވަޒީރު ހައިދަރު މިކަން ހާމަކުރެއްވެވީ ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުންނެވެ. ވަޒީރު ވިދާޅުވީ، ސްޕެއިންގައި ކިޔަވަމުންދާ ދަރިވަރުންނަށް ދިމާވާ ދަތިތަކަށް ހައްލު ހޯދައިދިނުމަށް އެ ވުޒާރާއިން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. މީގެ ތެރޭގައި ދަރިވަރުންނާ އޮންލައިންކޮށް ބައްދަލުކުރުމާއި، ސްޓޫޑެންޓް ލޯނާ ގުޅޭ ދަތިތަކަށް ހައްލު ހޯދުމަށް މާލީ ވުޒާރާއާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއާއެކު މަޝްވަރާކުރުން ހިމެނެއެވެ.
ވިސާ ހޯދުމުގައި ދިމާވާ ދަތިތަކަށް ހައްލެއްގެ ގޮތުން، ދަރިވަރުންގެ ބަޔޮމެޓްރިކް ޑޭޓާ ހުށައެޅުމަށްފަހު، ވަގުތީ ގޮތުން ރާއްޖެ އަންނަ ދަރިވަރުންނާއި ވަކި މުއްދަތެއްގެ ކުރިން ބަޔޮމެޓްރިކް ޑޭޓާ ހުށައަޅާފައިވާ ދަރިވަރުންގެ ޕާސްޕޯޓްތައް، ވުޒާރާ މެދުވެރިކޮށް ނިއުދިއްލީގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނަށް ފޮނުވައި، ސްޕެއިން އެމްބަސީއަށް ވިސާއަށް އެދި ހުށައެޅުމުގެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
"ސްޕެއިންގެ ވިސާއަށް އެދި ހުށައެޅުމަށް ވިސާގެ ޚިދުމަތް ފޯރުކޮށްދޭ މަރުކަޒެއްކަމުގައިވާ ބީއެލްއެސް އިންޓަރނޭޝަނަލްގެ ވެބްސައިޓް މެދުވެރިކޮށް ދަރިވަރުން ދުރާލާ އެޕޮއިންޓްމަންޓް ހަމަޖެއްސުމަށް އިލްތިމާސްކުރާކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވި،" ވަޒީރު ވިދާޅުވިއެވެ.
މިވަގުތު ސްޕެއިންގައި 127 ދިވެހި ދަރިވަރުން ދަނީ ޕައިލެޓްކަން ކިޔަވަމުންނެވެ. މީގެ ތެރެއިން 72 ދަރިވަރަކު ޓޮޕް އަޕް ލޯން ސްކީމަށް ހުށައަޅާފައިވާއިރު، ޝަރުތު ހަމަވާ 52 ދަރިވަރަކަށް 700,000 ރުފިޔާގެ ލޯނު ދޫކުރުމަށް ވަނީ ނިންމާފައެވެ. އަދި ދަރިވަރުންނާ މުޢާމަލާތުކުރުމަށް ވަޓްސްއެޕް ނަންބަރެއްވެސް ތަޢާރަފްކޮށްފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.