ޚަބަރު
ސޯޝަލް ހައުސިންގ މަޝްރޫޢުތަކުން ގެދޮރު ދޫކުރެވޭނީ، ރައްޔިތުންގެ ޙާލަތަށް ރިޢާޔަތްކޮށް ކައުންސިލުގެ އުޞޫލުތަކާ އެއްގޮތަށް: ރައީސް

ރައީސުލްޖުމްހޫރިއްޔާ ތުޅާދޫ ރައްޔިތުންނާއި ބައްދަލުކުރެއްވުން/ފޮޓޯ: ރައީސް އޮފީސް
ސޯޝަލް ހައުސިންގ މަޝްރޫޢުތަކުން ގެދޮރު ދޫކުރެވޭނީ، އެރަށެއްގެ ރައްޔިތުންގެ ބޭނުންތަކާއި ޙާލަތަށް ރިޢާޔަތްކުރެވި، ރަށު ކައުންސިލުން ކަނޑައަޅާ އުޞޫލުތަކާ އެއްގޮތަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، މާޅޮސްމަޑުލު ދެކުނުބުރީގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ބ. ތުޅާދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ މިއަދު ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ތުޅާދޫގައި އައު 100 ހައުސިންގ ޔުނިޓްގެ މަސައްކަތް އިޢުލާންކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެފަދަ މަޝްރޫޢުތަކުގެ ދަށުން ދޫކުރެވޭ ގޯއްޗާއި ފްލެޓް ރައްޔިތުންނާއި ހަވާލުކުރުމުގައި އެރަށެއްގެ ރައްޔިތުންގެ ހާލަތަށް ރިޢާޔަތްކޮށް، ކައުންސިލުން ކަނޑައަޅާ އުޞޫލުތަކާއި މިންގަނޑުތަކަށް ސަރުކާރުން އިހްތިރާމްކުރައްވާނެކަމަށެވެ. އަދި އެއީ ސަރުކާރުން ކޮންމެ ރަށެއްގައި ވެސް އަމަލުކުރާނޭ ގޮތްކަމަށާއި، ރައްޔިތުންގެ އެފަދަ ނިންމުންތަކަށް އިހްތިރާމްކުރުމަކީ ސަރުކާރުގެ ސިޔާސަތުކަަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، ތުޅާދޫގެ ރައްޔިތުން އަމިއްލައަށް ހިއްކާފައިވާ 119 ގޯތި އަމިއްލަކުރެވޭނޭ ގޮތް ހައްދަވައިދެއްވުމަށް އެރަށުގެ ރައްޔިތުން އެދިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެކަން ސަރުކާރުން ފަހިކޮށްދެއްވާނެކަމުގެ ޔަޤީންކަން ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ. ހަމަ މިއާއެކު، މި ދަތުރުފުޅުގައި ރައީސް ވަނީ ތުޅާދޫގެ އެއާޕޯޓް މަޝްރޫޢު ފަށްޓަވައިދެއްވާފައެވެ. އަދި އެއާޕޯޓް މަޝްރޫޢު ފަށައިގެން، ހުއްޓުމެއްނެތި މަސައްކަތް ނިންމައި، އެއާޕޯޓް ހުޅުވިގެންދާނޭ ކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.
މާޅޮސްމަޑުލު ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްތަކަށް ކުރައްވާ 4 ދުވަހުގެ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ފުރާވަޑައިގަތީ އިއްޔެ ހެނދުނުއެވެ. މި ދަތުރުފުޅުގައި، މާޅޮސްމަޑުލު ދެކުނުބުރީގެ މީހުން ދިރިއުޅޭ 13 ރަށަށް ވަޑައިގަތުމަށް ހަމަޖެހިފައިވެއެވެ. މި ދަތުރުފުޅުގައި ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ވެސް ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައިވެރިވެވަޑައިގަންނަވައެވެ.