ކުޅިވަރު
ޤައުމީ ބެޑްމިންޓަން ޓީމް އެކުލަވާލުމުގެ ސެލެކްޝަން މިއަދު ވެސް ކުރިޔަށްދާނެ

47ވަނަ ޤައުމީ ބެޑްމިންޓަން މުބާރާތުގެ ތެރެއިން، ފޮޓޯ: ސަން

ފަރުދުން
12 އޯގަސްޓު 2025، 07:44
12 އޯގަސްޓު 2025، 07:44
ޤައުމީ ބެޑްމިންޓަން ޓީމު އެކުލަވާލުމުގައި ވީހާ ވެސް ގިނަ ކުޅުންތެރިންނަށް ފުރުސަތު ދިނުމުގެ ގޮތުން އާންމުކޮށް ހުޅުވާލައިގެން ކުރިޔަށް ގެންދާ ސެލެކްޝަން މިއަދު ވެސް ކުރިޔަށްދާނެއެވެ.
މި ސެލެކްޝަން މަރުހަލާ ކުރިޔަށް ގެންދަނީ މޯލްޑިވްސް އޮލިމްޕިކް ކޮމެޓީ (އެމްއޯސީ) އާއި ސްޕޯޓްސް ކޮމިޝަނަރގެ އޮފީހުން އެކުލަވާލާފައިވާ އެޑްހޮކް ކޮމިޓީއަކުން ވަގުތީގޮތުން ބަލަހައްޓަމުން އަންނަ ބެޑްމިންޓަން އެސޯސިއޭޝަނުންނެވެ.
އިއްޔެ އާއި މިއަދު ކުރިޔަށްގެންދާ މި ސެލެކްޝަން މަރުހަލާގައި ޤައުމީ ބެޑްމިންޓަން ޓީމަށް 8 އަންހެން ކުޅުންތެރިންނާއި 8 ފިރިހެން ކުޅުންތެރިން ހޮވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ކުޅުންތެރިން ހޮވާނީ ސިލެކްޝަން މެޗުތަކުގެ ނަތީޖާއަށް ބަލާ ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް) ގެ ރޭންކިންއަށް ބަލައިގެންކަމަށް އެ އެސޯސިއޭޝަނުން ހާމަކުރެއެވެ.
ދެ ޖިންޖުގެ ކުޅުންތެރިން 6 ގުރޫޕަކަށް ބަހާލައިގެން ކުރިޔަށް ސެލެކްޝަން މެޗުތަކުން ކޮންމެ ގުރޫޕަކުންވެސް އެންމެ މޮޅު ކުޅުންތެރިޔާއަށް ޤައުމީ ޓީމުގެ ޖާގަ ލިބޭނެއެވެ. އަދި ބާކީ ދެ ޖާގައަށް ނަގާނީ ޤައުމީ ޓީމުގެ ކޯޗު ކަނޑައަޅާ ދެ ކުޅުންތެރިންނެވެ.
މާލޭގެ އެކުވެނީގައި ސެލެކްޝަން މެޗުތައް ކުރިޔަށްގެންދާއިރު، މީގެތެރޭގައި މާލެ ސިޓީ، ބ. އޭދަފުށި، ޅ. ނައިފަރު އަދި އައްޑޫ ސިޓީގެ ކުޅުންތެރިން ހިމެނެއެވެ.