ޚަބަރު
އޭދަފުށީގައި 1،000 ހައުސިން ޔުނިޓުގެ މަސައްކަތް މި އަހަރު ފެށޭނެ: ރައީސް

ރައީސުލްޖުމްހޫރިއްޔާ އޭދަފުށީގެ ރައްޔިތުންނާ ބައްދަލުކުރެއްވުން، ފޮޓޯ: ޙަސަން އިޔާދު / ފަރުދުން
ބ. އޭދަފުއްޓަކީ އާރބަން ސެންޓަރެއްގެ ގޮތުގައި ސަރުކާރުން ތަރައްޤީ ކުރުމުގެ މަސައްކަތް ކުރަމުންގެންދާ ރަށެއްކަމުން، އެ ރަށުގައި މި އަހަރު 1،000 ހައުސިން ޔުނިޓުގެ މަސައްކަތް ފައްޓަވާނެކަމަށް ރައީސުލްޖުމްޙޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މި ފަދައިން ވިދާޅުވީ، ބ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އޭދަފުއްޓަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި މޭރުމުން ސަރުކާރުގެ ސިޔާސަތު ހާމަކުރައްވަމުން ރައީސް ވިދާޅުވީ، ރާއްޖެ ތަރައްޤީ ކުރުމުގައި ސަރުކާރުން ކަނޑައަޅާފައިވާ 7 އާރބަން ސެންޓަރަކީ ރާއްޖޭގެ ތަރައްޤީގެ ދުވެލީގައި މުހިންމު ބައިވެރިއަކަށް ވެގެންދާނެކަމަކަށެވެ. އަދި އޭދަފުށި އެ 7 ރަށުގެ ތެރޭގައި ހިމެނިފައި އޮތުމަކީ އެ ރަށުގެ ތަރައްޤީގެ ދުވެލި ހަލުވިވެގެންދާނެ ކަމެއްކަމަށް ވިދާޅުވިއެވެ.
ތަރައްޤީގެ މަޝްރޫޢުތަކުގެ ދުވެލި ލަސްވާ ސަބަބު ބަޔާންކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ވެރިކަމުގެ ފުރަތަމަ އަހަރު ތަރައްޤީގެ މަޝްރޫޢުތައް ކުރިޔަށް ގެންދިއުމަށް އެންމެ ދަތިވީ، ޤައުމުގެ އިޤުތިޞާދީ ޙާލަތު އޮތް ޙާލަތުން ކަމަށެވެ. ނަމަވެސް އެ ޙާލަތު ރަނގަޅުކުރުމަށް ކުރެވޭ މަސައްކަތުން މިހާރު ކުރިއެރުންތަކެއް ލިބިފައިވާތީ، ތަރައްޤީގެ މަޝްރޫއުތައް ކުރިއަށްއޮތްތަނުގައި ބާރު ސްޕީޑުގައި ކުރިއަށްގެންދެވޭނެކަމަށް ވިދާޅުވިއެވެ.
އެގޮތުން އޭދަފުށީގައި ޤާއިމްކުރުމަށް ނިންމާފައިވާ ހައުސިން ޔުނިޓުތަކުގެ މަސައްކަތް މި އަހަރު ފެށުމަށްފަހު، މި ދައުރުގެ ތެރޭގައި މަސައްކަތް ނިންމަވާނެކަމަށް ވިދާޅުވިއެވެ. މި މަސައްކަތް ހަވާލުކޮށްފައި ވަނީ ޗައިނާގެ ސައިނޯ ހައިޑްރޯ ކޯޕަރޭޝަން ލިމިޓެޑާއެވެ.
އަދި މި ހައުސިން މަޝްރޫޢުގެ ތެރެއިން އޭދަފުށީގައި ވަޒަންވެރިވުމަށް ބޭނުންވާ ފަރާތްތަކަށް ވެސް އެ ފުރުސަތު ދިނުމަށް ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސް އޭދަފުށީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި އޭދަފުށީ ހޮސްޕިޓަލަށް އިތުރުކުރެވޭ އައު ޢިމާރާތުގެ މަސައްކަތާއި ޤައުމީ ޔުނިވާސިޓީގެ ކެމްޕަހެއް ތަރައްޤީކުރުމުގެ މަސައްކަތް ވަނީ ކޮންޓްރެކްޓަރުންނާ ހަވާލުކުރައްވާފައެވެ.