ދުނިޔެ

ނޯވޭގެ ސޮވެރިން ވެލްތު ފަންޑުން އިސްރާއީލްގެ 11 ކުންފުންޏަކަށް ކޮށްފައިވާ އިންވެސްޓްމަންޓްތައް އަނބުރާ ގެންދަނީ

ނޯވޭގެ ސޮވެރިން ވެލްތު ފަންޑުން އިސްރާއީލްގެ 11 ކުންފުންޏަކަށް ކޮށްފައިވާ އިންވެސްޓްމަންޓްތައް އަނބުރާ ގެންދަނީ

ނިކޮލައި ޓަންގެން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

11 އޯގަސްޓު 2025، 10:40

11 އޯގަސްޓު 2025، 10:40

ދުނިޔޭގެ އެންމެ ބޮޑު ސޮވެރިން ވެލްތް ފަންޑު ކަމުގައިވާ ނޯވޭގެ ސޮވެރިން ވެލްތް ފަންޑުން އިސްރާއީލްގެ 11 ކުންފުންޏަކަށްކޮށްފައިވާ އިންވެސްޓްމަންޓްތައް އަނބުރާ ގެންދަން ނިންމާފައިވާކަމަށް އިޢުލާނުކޮށްފިއެވެ. 

މި ނިންމުން ނިންމާފައިވަނީ ޣައްޒާގައި ހިނގަމުންދާ އިންސާނިއްޔަތާ ދެކޮޅު ޢަމަލުތަކުގެ ތެރެއިން ޣައްޒާއަށް ހަމަލާދިނުމަށް ބޭނުންކުރާ އިސްރާއީލީ ހަނގުރާމަ މަތިންދާބޯޓުތަކުގެ އިންޖީނު އުފައްދާ ކުންފުންޏަކަށް، ސޮވެރިން ވެލްތް ފަންޑުގެ އިންވެސްޓްމެންޓެއްގެ ބޭނުންކޮށްފައިވާކަން ހާމަވުމާ ގުޅިގެންނެވެ.

ނޯވޭގެ ބޭންކް އިންވެސްޓްމަންޓް މެނޭޖްމަންޓް (އެންބީއައިއެމް)ގެ ވެރިޔާ ނިކޮލައި ޓަންގެން މި ނިންމުން އިޢުލާނުކުރައްވަމުން ވިދާޅުވެފައިވަނީ، މިއީ ޚާއްޞަ ޙާލަތަކާ ގުޅިގެން ނިންމި ނިންމުމެއްކަމަށެވެ. ޣައްޒާގެ ޙާލަތު އޭނާ ސިފަކުރީ ވަރަށް ނުރައްކާތެރި އިންސާނީ ކާރިސާއެއްގެ ގޮތުގައެވެ. 

އޮއިލް ފަންޑުގެ ނަމުންވެސް މަޝްހޫރު، ނޯވޭގެ ސޮވެރިން ވެލްތު ފަންޑުގައި ގާތްގަނޑަކަށް 1.9 ޓްރިލިއަން ޑޮލަރުގެ އެސެޓު ހިމެނެއެވެ. މި ފަންޑަށް ފައިސާ ލިބެނީ އެ ޤައުމުގެ ހަކަތައިގެ އެކްސްޕޯޓުން ލިބޭ އާމްދަނީންނެވެ. އަދި މި ފަންޑުން ދުނިޔޭގެ އެކި ހިސާބުތަކުގައި އިންވެސްޓްކުރެއެވެ.

ނޯވޭގެ ނޫސް އަފްޓެންޕޯސްޓެންއިން ފާހަގަކުރި ގޮތުގައި، މި ފަންޑުން ބެޓް ޝެމެޝް އިންޖިންސް ހޯލްޑިންގްސްގައި އިންވެސްޓްކޮށްފައިވެއެވެ. މި ކުންފުންޏަކީ އިސްރާއީލްގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުގެ އިންޖީނުގެ ބައިތައް އުފައްދާ ކުންފުންޏެކެވެ. އަދި ޣައްޒާގައި ހިންގަމުންދާ އިންސާނިއްޔަތާ ދެކޮޅު ޢަމަލުތައް ފެށުމަށްފަހު މި ކުންފުންޏަށް ކޮށްފައިވާ އިންވެސްޓްމަންޓް އިތުރުވެފައިވާކަން ޓަންގެން ކަށަވަރުކޮށްދެއްވިއެވެ.

އެންބީއައިއެމްއިން ބުނާ ގޮތުގައި، 2025 ގެ ފުރަތަމަ ދެ ކުއާޓަރުގައި 61 އިސްރާއީލްގެ ކުންފުންޏެއްގައި އިންވެސްޓްކޮށްފައިވެއެވެ. މީގެ ތެރެއިން 11 ކުންފުންޏަކީ ފަންޑުގެ "އިކުއިޓީ ބެންޗްމާކް އިންޑެކްސް" ގައި ނުހިމެނޭ ކުންފުނިތަކެކެވެ.

މި އިންޑެކްސްއަކީ ފައިނޭންސް މިނިސްޓްރީން ފަންޑުގެ ޕަރފޯމަންސް ވަޒަންކުރުމަށް ކަނޑައަޅާފައިވާ މިންގަނޑެކެވެ. އަދި މި އިންޑެކްސްގައި ނުހިމެނޭ އިސްރާއީލީ އިންވެސްޓްމަންޓްތައް ވީހާވެސް އަވަހަކަށް ވިއްކާލުމަށް ނިންމާފައިވާ ކަމަށް އެންބީއައިއެމްއިން ބުނެފައިވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން