ޚަބަރު
ކެންދޫ ފުޓުބޯޅަ ދަނޑާއި، ފިޓްނަސް ސެންޓަރ ތަރައްްޤީކުރުމަށް ސަރުކާރުގެ ކުންފުންޏަކާ ހަވާލުކުރަނީ

ކެންދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި ރައީސް ބައްދަލުކުރެއްވުން. ފޮޓޯ: ރައީސް އޮފީސް
ބ. ކެންދޫގައި ފުޓުބޯޅަ ދަނޑާއި، ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރާއި އައުޓްޑޯ ޖިމް ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުގެ ކުންފުންޏަކާ ހަވާލުކުރުމަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ނިމިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ކެންދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، މި މަސައްކަތްތައް މި އަހަރުގެ ތެރޭގައި އަމަލީ ގޮތުން ފެށޭނެ ކަމަށެވެ. މީގެ އިތުރުން ކެންދޫގެ ބަނދަރާއި ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމަށް ސޮއިކުރެވުނު އެއްބަސްވުމަކީ އެކުއެކީގައި ކުރިއަށްދާނެ ތިން މަޝްރޫޢު ކަމަށާއި، އޭގެ ހެޔޮ ނަތީޖާ ކައިރި މުސްތަގުބަލެއްގައި ފެންނާނެ ކަމަށްވެސް ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބުގައި ވެވަޑައިގެންނެވި ވަޢުދުފުޅުތަކުގެ ތެރެއިން، ކެންދޫގެ މަގުތައް ހެދުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށާއި، ބިން ހިއްކުމުގެ މަސައްކަތް ނިމުމުން ގެދޮރުވެރިކަމުގެ މަޝްރޫޢު ކުރިއަށް ގެންދަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި "އަންނަ އަހަރަކީވެސް ގެދޮރުގެ މައްސަލަ ހައްލުކުރުމަށް އިސްކަންދޭނެ އަހަރެއް" ކަމަށް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ސިއްޙީ ދާއިރާ ކުރިއެރުވުމާއި ކުޅިވަރުގެ ދާއިރާއިންވެސް ކެންދޫގެ ތަރައްޤީއަށް މަސައްކަތްކުރައްވާނެ ކަމަށެވެ. އަދި ޒުވާނުންނަށް ބޭނުންވާ ކުޅިވަރުގެ ވަސީލަތްތައް ޤާއިމްކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން މި މަޝްރޫޢުތައް ކުރިއަށް ގެންދެވޭނެ ކަމަށެވެ.
ރައީސް ވަނީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރަށްރަށުގެ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް އިސްކަންދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން މަޖުބޫރުކޮށްގެން އެއްވެސް ކައުންސިލެއް މާލެ ގެންގޮސްގެން ބައްދަލު ނުކުރާނެ ކަމަށާއި، ވަޒީރުންނާއި ކުންފުނިތަކުގެ ވެރިން ރަށްރަށަށް ވަޑައިގެން ބައްދަލުކުރުމަކީ އެ މަނިކުފާނުގެ ސިޔާސަތު ކަމުގައި ވިދާޅުވިއެވެ.
ބައެއް ކައުންސިލްތަކުން ބްލޮކް ގްރާންޓާއި އާމްދަނީގެ ގޮތުގައި ލިބޭ ފައިސާ ނުރަނގަޅު ގޮތުގައި ބޭނުންކުރާކަން ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި ބައެއް ކައުންސިލްތަކުން ތަޖުރިބާ ދަތުރުތަކުގެ ނަމުގައި ރައްޔިތުންނަށް ފައިދާ ނުވާނެ ގޮތަށް ބްލޮކް ގްރާންޓް ބޭނުންކޮށްގެން ދަތުރުކުރަމުންދާ ކަމަށާއި، މިއީ ޒިންމާދާރު ގޮތެއް ނޫންކަމަށް ވިދާޅުވިއެވެ. "ކޮންމެވެސް ކައުންސިލަކުން މުޅި ކައުންސިލް އެއްކޮށް ބޭރަށް ދަތުރު. ދައުރު ނިމެނިކޮށް ދަތުރު މިކުރަނީ ތަޖުރިބާ ދަތުރުކަމަށް" ރައީސް ވިދާޅުވިއެވެ.
ބްލޮކް ގްރާންޓާއި ކައުންސިލަށް ދޭ ފައިސާއަކީ ރައްޔިތުން ބޭނުންވާ ކަންކަމަށް އިންވެސްޓްކޮށް އާމްދަނީ ހޯދުމަށާއި، މުނިސިޕަލް ޚިދުމަތް ފޯރުކޮށްދިނުމަށް ބަޖެޓުން ދޭ ފައިސާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ނުޤަވާއިދުން ކައުންސިލްގެ ފައިސާ ބޭނުންކުރުން ހުއްޓުވައި ޒިންމާދާރުކުރުވަންޖެހޭކަމަށް ވިދާޅުވެފައިވެއެވެ.
މީގެއިތުރުން، ރައީސް ވަނީ ޢާންމު ރައްޔިތުންކުރާ ވިޔަފާރިތަކަށް ބައެއް ކައުންސިލްތަކުން ވަންނަމުންދާކަން ފާހަގަކުރައްވާފައެވެ. ލޯކަލް ކައުންސިލް ކުންފުނި އުފެއްދިނަމަވެސް، އެ ވިޔަފާރިތަކަށް ވަދެގެން ނުވާނެކަމަށް ވިދާޅުވެ، މި ސަރުކާރުން ދެމިއޮންނާނީ ރައްޔިތުންގެ ފަޅީގައި ރައްޔިތުން އެދޭގޮތަށްކަމަށް ވިދާޅުވިއެވެ.
މިކަމާ ގުޅިގެން، މިދިޔަ ހަފްތާގައި ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ވަނީ ފާސްކޮށްފައެވެ. މި އިޞްލާޙުގައި ލޯކަލް އޮތޯރިޓީ ކުންފުނިތަކުން ކުރާ ވިޔަފާރީގެ މަސައްކަތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކެއް ކަނޑައަޅާފައިވެއެވެ.