ކުޅިވަރު
ހުޅުމާލޭގައި އޮތް އެފްއޭއެމްގެ ބިމުގައި އިތުރު މަސައްކަތެއް ނުކޮށް އެއްބަސްވުންތައް ޙިއްސާކުރުމަށް އެދިއްޖެ

އެފްއޭއެމްގެ އައު ހިންގާ ކޮމެޓީގެ މެންބަރުން، ފޮޓޯ: އަދަދު
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ހުޅުމާލެއިން އެ އެސޯސިއޭޝަނަށް ދޫކޮށްފައިވާ ބިމުގައި އިތުރު މަސައްކަތެއް ނުކޮށް، އެ ބިމާ ގުޅުންހުރި އެއްވެސް އެއްބަސްވުމެއް އެއްވެސް ފަރާތަކާމެދު ހަދާފައިވާނަމަ އެ އެއްބަސްވުންތައް ޙިއްސާކުރުމަށް އެދިއްޖެއެވެ.
އެ އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ، ފުޓްބޯލް ޓްރެއިނިންގ ފެސިލިޓީއެއް ތަރައްޤީކޮށް ޤާއިމުކުރުމުގެ މަޤްސަދުގައި 2018 ވަނަ އަހަރު ޖުލައި 11 ވަނަ ދުވަހު ވެފައިވާ އެއްބަސްވުމުގެ ދަށުން ހުޅުމާލެއިން އެ އެސޯސިއޭޘަނަށް 230،000 އަކަ ފޫޓްގެ ބިމެއް ދީފައިވާ ކަމަށެވެ. އަދި އެ ބިމުގެ ތެރެއިން 180،000 އަކަފޫޓުގެ ބިމެއްގައި ފުލްސައިޒްގެ ފުޓްބޯޅަ ދެ ދަނޑު އަޅައި އަދި ބާކީއޮތް ބައިގައި އެކަމާއި ގުޅުންހުރި ފެސިލިޓީތައް ޤާއިމުކުރުމަށް 25 އަހަރުގެ މުއްދަތަށް، އެއްވެސްކުއްޔެއް ނެގުމެއްނެތި އެފްއޭއެމްއަށް ދޫކޮށްފައިވާކަމަށެވެ.
އޭގެ ފަހުން އެފްއޭއެމްއިން އެދިގެން 7 ޑިސެމްބަރު 2022 ވަނަ ދުވަހު ބަދަލުގެނަސް، އެ ބިމުގެ ބައެއް ވިޔަފާރި އުސޫލުން ދޫކޮށްފައިވާކަން އެންގެން އޮތް ކަމަށް ވެސް އެފްއޭއެމްއިން ނެރުނު ބަޔާނުގައިވެއެވެ.
ނަމަވެސް އެއްބަސްވުމަށް ގެނައި ބަދަލާ ގުޅިގެން ދައްކަންޖެހޭ ކުއްޔާއި އޭގެ ޖޫރިމަނާ ދައްކާފައި ނުވާތީ އާއި ފުޓްބޯޅަ ޓްރެއިނިންގ ފެސިލިޓީ ޤާއިމްކޮށްފައި ނުވާތީ އާއި އެ ބިން ހުސްކޮށް ހަވާލުކޮށްފައި ނުވާތީ، އެޗްޑީސީއިން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ހިނގަމުންދާތީ، އެ ބިން ބޭނުންކުރާ ފަރާތްތަކުން އެ ބިމުގައި މިހާރު ހުރި އެއްވެސް އިމާރާތަކަށް އެއްވެސް ބަދަލެއް ނުގެނައުމަށް ވަނީ އަންގާފައެވެ. އަދި އިމާރާތް ހުރި ބިމާއި އަދި ވަށައިގެންވާ ބިމުގައި އެއްވެސް އިތުރު އިމާރާތެއް ނުކުރުމަށް ވެސް އެފްއޭއެމްއިން ވަނީ އަންގާފައެވެ.
އަދި މިއާއެކު، އެފްއޭއެމް އާއި އެއްވެސްފަރާތަކާއި ދެމެދު، އެ ބިމުން ބައެއް ނުވަތަ އެ ބިމުގައި އިމާރާތްކޮށްފައިވާ އިމާރާތުން ބައެއް ކުއްޔަށް ދޫކުރުމަށް ސައްޙަ އެއްބަސްވުމެއް ވާނަމަ އެ ފަރާތަކުން އެ އެއްބަސްވުމުގެ ކޮޕީ އާއި އަދި މިނޫންވެސް ކަމާގުޅުންހުރި އެންމެހާ ލިޔެކިޔުންތައް 24 އޮގަސްޓް 2025 ގެ 14:30 ގެ ކުރިން އެފްއޭއެމް އަށް އީމެއިލް މެދުވެރިކޮށް ނުވަތަ ގަލޮޅު ރަސްމީ ދަނޑުގައި ހުންނަ އެ އެސޯސިއޭޝަންގެ އޮފީހަށް ފޮނުވައި ދެއްވުމަށް ވަނީ އެދިފައެވެ. މީގެ ތެރޭގައި ސަބްލީސްކޮށްފައިވާ ފަރާތެއްވާނަމަ، އެ ފަރާތްތަކާމެދު ހަދާފައިވާ އެއްބަސްވުންތައް ވެސް ފޮނުވުމަށް އަންގާފައިވެއެވެ.