ކުޅިވަރު

ލީގު ޗެމްޕިއަނުން ބަލިކޮށް، ޕެލެސްއިން ވެމްބްލޭގައި އިތުރު ތައްޓެއް ކާމިޔާބުކޮށްފި

ލީގު ޗެމްޕިއަނުން ބަލިކޮށް، ޕެލެސްއިން ވެމްބްލޭގައި އިތުރު ތައްޓެއް ކާމިޔާބުކޮށްފި

ކްރިސްޓަލް ޕެލެސްއިން ފުރަތަމަ ފަހަރަށް ކޮމިއުނިޓީ ޝީލްްޑް ކާމިޔާބުކުރުން، ފޮޓޯ: ޓެލެގްރާފް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

10 އޯގަސްޓު 2025، 09:50

10 އޯގަސްޓު 2025، 09:50

އިނގިރޭސި އެފްއޭ ކޮމިއުނިޓީ ޝީލްޑް މެޗުގައި ލީގު ޗެމްޕިއަން ލިވަޕޫލް ބަލިކުރުމަށްފަހު، ކްރިސްޓަލް ޕެލެސްއިން ވެމްބްލޭ ސްޓޭޑިއަމްގައި އިތުރު ތައްޓެއް ކާމިޔާބުކޮށްފިއެވެ.

އެގޮތުން ޕެލެސްއިން މިވަނީ ފާއިތުވި ހަތަރު މަސްދުވަހުގެ ތެރޭގައި ތާރީޙީ ތިން ކާމިޔާބެއް ވެމްބްލޭގައި ހޯދާފައެވެ. އެއީ މިދިޔަ ސީޒަންގެ އެފްއޭ ކަޕް ސެމީފައިނަލްގައި އެސްޓަން ވިލާގެ މައްޗަށް ހޯދި ބޮޑު ކާމިޔާބާއި، އޭގެ ފަހުން އެ މުބާރާތުގެ ފައިނަލުގައި މެންޗެސްޓަރ ސިޓީގެ މައްޗަށް ހޯދި ކާމިޔާބެވެ. އަދި އެ ކާމިޔާބާ ގުޅިގެން މުޅިން އަލަށް ފުރުސަތު ލިބުނު ކޮމިއުނިޓީ ޝީލްޑް މެޗުގައި އެ ޓީމުން މިވަނީ ކްލަބުގެ ތާރީޙް ލިޔެފައެވެ. 

މިރޭގެ މެޗުގައި ފުރަތަމަ ލީޑު ނެގީ ލިވަޕޫލުންނެވެ. މެޗުގެ 4ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ، މި ސީޒަނުގައި އެ ޓީމާ އަލަށް ގުޅުނު ހޫގޯ އެކިޓިކޭއެވެ. އެ ގޯލަށް އެސިސްޓުކޮށްދިނީ ވެސް ޓީމާ އަލަށް ގުޅުނު ފްލޯރިއަން ވާރޓްސްއެވެ.

ޕެލެސްއިން ފުރަތަމަ ފަހަރަށް މެޗުގެ ނަތީޖާ ހަމަހަމަކުރީ ލިވަޕޫލުން ލީޑު ނެގިތާ 13 މިނެޓު ފަހުންނެވެ. ލިވަޕޫލްގެ ވާރޖިލް ވެން ޑައިކް ކުރި ފައުލަކަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް، ޕެލެސްގެ ހިތްވަރު އާކޮށްދިނީ ޖީން-ފިލިޕް މަޓޭޓާއެވެ.

ލިވަޕޫލުން އެ ޓީމުގެ ލީޑު އަނބުރާ ހޯދާކަށް މާ ގިނަ ވަގުތެއް ނުނެގިއެވެ. މެޗުގައި ދެވަނަ ފަހަރަށް އެ ޓީމުން ލީޑު ނެގީ އެލެކްސެންޑަރ އާރނޯލްޑުގެ ބަދަލުގައި އެ ޓީމަށް ގެނައި ޖެރެމީ ފްރިންޕޮންގްގެ ގޯލަކުންނެވެ.

ޕެލެސްއަށް މެޗުގެ ނަތީޖާ ހަމަހަމަކުރެވުނީ މެޗު ނިމެން 13 މިނެޓަށްވެފައި ވަނިކޮށް، އިސްމައިލާ ސާރ ކާމިޔާބުކުރި ގޯލަކުންނެވެ. އެ ގޯލާއެކު މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 2-2 އިން އެއްވަރުވެފައިވުމުން، ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ.



ލިވަޕޫލުން ފުރަތަމަ ޕެނަލްޓީ ޖެހުމަށް ނިކުތީ، މެޗުގައި މާ އެދެވޭ ކުޅުމެއް ދެއްކިފައިނުވާ މުޙައްމަދު ސަލާޙްއެވެ. އޭނާގެ ޕެނަލްޓީ ދިޔައީ ގޯލަށް އަމާޒުނުވެ، ގޯލުގެ ހުރަސް ދަނޑި މަތިންނެވެ. މީގެ އިތުރުން، ލިވަޕޫލްގެ އެލްކްސިސް މެކަލިސްޓާ ޖެހި ޕެނަލްޓީ އާއި ހާވީ އެލިއޮޓް ޖެހި ޕެނަލްޓީ ވަނީ ޕެލެސްގެ ގޮލްކީޕަރު، ޑީން ހެންޑަސަން މަތަކޮށްފައެވެ. ލިވަޕޫލުން ޕެނަލްޓީ ކާމިޔާބުކުރީ ކޯޑި ގަކްޕޯ އާއި ޑޮމިނިކް ސޮބޯޒްލާއިއެވެ.

ޕެލެސްއިން ޖެހި ޕެނަލްޓީތަކުގެ ތެރެއިން، އެބެރެޗީ އެޒޭ ޖެހި ޕެނަލްޓީ ލިވަޕޫލްގެ ގޯލްކީޕަރު އެލިސަން ބެކާރ ހިފެހެއްޓިއިރު، ބޯރނާ ސޯސާޖެހި ޕެނަލްޓީގެ ހުރަހަކަށްވީ ގޯލުގެ ހުރަސް ދަނޑިއެވެ. އެ ޓީމުން ޖެހި ތިން ޕެނަލްޓީ ކާމިޔާބުކުރީ، ކުޅުމުގެ ތެރެއިން ލިބުނު ޕެނަލްޓީ ކާމިޔާބުކުރި މަޓޭޓާ އާއި މެޗުގެ ނަތީޖާ ދެވަނަ ފަހަރަށް ހަމަހަމަކުރި އިސްމައިލާ ސާރ އަދި ޖަސްޓިން ޑެވެނީއެވެ. މިއާއެކު ޕެލެސްއިން ޕެނަލްޓީ ޝޫޓް-އައުޓް ކާމިޔާބުކުރީ 3-2އިންނެވެ.

މިއީ ޕެލެސްގެ ތާރީޙުގައި ކުޅުނު ފުރަތަމަ ކޮމިއުނިޓީ ޝީލްޑް މެޗުކަމުން، މިއީ އެ ޓީމުން މި ޓްރޮފީ ކާމިޔާބުކުރި ފުރަތަމަ ފަހަރު ވެސް މެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން