ކުޅިވަރު
އަންހެނުންގެ 10 ކިލޯމީޓަރުގެ ޤައުމީ ރެކޯޑު ޝަމްހާ އާކޮށްފި

މިދިޔަ އަހަރު އައިއޯއައިޖީގެ ތެރެއިން ޝަމްހާ، ފޮޓޯ: އެމްއޯސީ

ފަރުދުން
10 އޯގަސްޓު 2025، 09:09
10 އޯގަސްޓު 2025، 09:09
ޖަރުމަނުވިލާތުގެ ހެމްބާރގުގައި ކުރިޔަށްދިޔަ ނައިޓް އޮފް ދަ ޓެންސް 2025 މެރަތަންގައި ވާދަކޮށް، ރާއްޖޭގެ އަންހެނުންގެ 10 ކިލޯމީޓަރު ދުވުމުގެ ރެކޯޑު ޝަމްހާ އަޙުމަދު އާކޮށްފިއެވެ.
މި ރޭސް ޝަމްހާ ނިންމީ 40:41.83 އިންނެވެ. މިއީ ކުރީގެ ރެކޯޑަށްވުރެ ގާތްގަނޑަކަށް ދޮޅު މިނެޓު އަވަސް ވަގުތެކެވެ.
މި ރެކޯޑު ކުރިން އޮތީ މަރިޔަމް އަބްދުލް ކަރީމްގެ އަތުގައެވެ. 2019ވަނަ އަހަރު އޮތް ސައުތު އޭޝިއަން ގޭމްސްގައި އޭނާ މި ރެކޯޑު އާކުރީ 42:08.62 އިން ރޭސް ނިންމައިގެންނެވެ.
ރާއްޖޭގެ އަންހެން 5 ކިލޯމީޓަރު ދުވުމުގެ ރެކޯޑު ވެސް އޮންނަނީ ޝަމްހާގެ އަތުގައެވެ. އެ ރެކޯޑު އޭނާ ގާއިމް ކުރީ ޖަރުމަންގެ ވަސެންބަރގްގައި ކުރިޔަށްދިޔަ ލޯންގް ޑިސްޓެންސް ޗެމްޕިއަންޝިޕުގައި 19 މިނެޓު 41.86 ސިކުންތުން ރޭސް ނިންމައިގެންނެވެ. އެ ރޭހުން ޝަމްހާ ވަނީ ލޯ މެޑަލް ވެސް ހޯދާފައެވެ.
ޖަރުމަނުގައި ދުވުމުގެ ތަމްރީނުތައް ހަދަމުން އަންނަ ޝަމްހާ ވަނީ ތުރުކީވިލާތުގެ އަންތާލިޔާގައި މިދިޔަ އަހަރު އޭޕްރީލް މަހު ބޭއްވި އެ ސަރަޙައްދުގެ އެންމެ ބޮޑު މެރަތަން ކަމަށްވާ ރަންތާލިޔާގެ އަންހެނުންގެ ރޭހުން ދެވަނަ ހޯދާފައެވެ.