ޚަބަރު
ނުރައްކާތެރިކޮށް ދުއްވި ކާރުގައި ދުއްވަން އިނީ 18 އަހަރުގެ ފިރިހެނެއް

ނުރައްކާތެރިކޮށް ކާރު ދުއްވަން އިން ފިރިހެން މީހާ

ފަރުދުން
10 އޯގަސްޓު 2025، 11:26
10 އޯގަސްޓު 2025، 11:26
ބާރު ސްޕީޑުގައި ނުރައްކާތެރިކޮށް ހުޅުމާލޭ ފޭސް 1 އަދި ފޭ 2 ގައި ދުއްވި ކާރެއް ހުއްޓުވައި 2 މީހުން ހައްޔަރުކޮށްފިއެވެ.
ބާރު ސްޕީޑުގައި ނުރައްކާތެރިކޮށް ދުއްވި ކާރެއް ހުއްޓުވައި ދެ މީހުން ހައްޔަރުކޮށްފައިވަނީ ރޭގެ ވަގުތެއްގައެވެ. ފުލުހުން ވަނީ އެ ކާރުގައި ދުއްވަން އިން މީހާގެ ވަނަވަރު އާންމުކޮށްފައެވެ. މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ އުމުރުން 18 އަހަރުގެ އައިކް ހައިޝަމް، ހ.ފިލިމާގެ/ ކ.މާލެއެވެ. ކާރުގައި އިތުރަށް އިން ކަމަށް ފުލުހުން ވިދާޅުވެފައި ވަނީ އަންހެނެކެވެ. އެ އަންހެން މީހާ މިހާރު ވަނީ ދޫކޮށްލާފައެވެ.
ފުލުހުން ވިދާޅުވީ، ހުޅުމާލޭގައިި ބާރު ސްޕީޑުގައި ނުރައްކާތެރިކޮށް ދުއްވަމުންދިޔަ ކާރެއް މަޑުކުރަން ފުލުހުން ބުނުމުން މަޑުނުކޮށް، ބާރު ސްޕީޑުގައި ހުޅުމާލޭ ފޭސް1އާއި ފޭސް 2ގައި ދުއްވަމުން ދިއުމުން ފުލުހުން އެ ކާރު ފަހަތުން ދިއުމުން ފުލުހުންގެ ސައިކަލުގައި ކާރުން ޖައްސައި ވައްޓާލާފައިވާކަމަށެވެ. އަދި އެއް ފުލުހަކަށް އަނިޔާވެ ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދީފައިވާ ކަމަށާއި ސްޕެޝަލިސްޓަކަށް ދެއްކުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށްވެސް ވިދާޅުވިއެވެ.
ފުލުހުން ދަނީ މިމައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.