ކުޅިވަރު

އިނގިރޭސި ލީގު ފެށުމުގެ ގޮތުން ކުޅޭ މެޗުގައި މިރޭ ލިވަޕޫލް އާއި ޕެލެސް

އިނގިރޭސި ލީގު ފެށުމުގެ ގޮތުން ކުޅޭ މެޗުގައި މިރޭ ލިވަޕޫލް އާއި ޕެލެސް

މި މެޗު ލިވަޕޫލުން ކާމިޔާބުކޮށްފިނަމަ، އާސެނަލްއާއެކު އެ ޓީމު ވެސް ވެގެންދާނީ ދެވަނައަށް އެންމެ ގިނަ ފަހަރު ކޮމިއުނިޓީ ޝީލްޑް ކާމިޔާބުކުރި ޓީމަށް، ފޮޓޯ ކްރެޑިޓްސް: ޕްރިމިއަރ ލީގު

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

10 އޯގަސްޓު 2025، 10:13

10 އޯގަސްޓު 2025، 10:13

އިނގިރޭސި ޕްރިމިއަރ ލީގު ފެށުމުގެ ގޮތުން ކުޅޭ، އެފްއޭ ކޮމިއުނިޓީ ޝީލްޑް މެޗުގައި މިރޭ ލިވަޕޫލް އާއި ކްރިސްޓަލް ޕެލެސް ބައްދަލުކުރާނެއެވެ.

އެފްއޭ ކޮމިއުނިޓީ ޝީލްޑް މެޗަކީ ނިމުނު ސީޒަންގެ ލީގު ކާމިޔާބުކުރި ޓީމާއި، އެފްއޭ ކަޕްގެ ޗެމްޕިއަނުންގެ މެދުގައި ކުޅޭ މެޗެކެވެ. އެގޮތުން ލީގު ޗެމްޕިއަނުންގެ ގޮތުގައި މި މެޗަށް ލިވަޕޫލް ނިކުންނައިރު، ޕެލެސް މި މެޗަށް ނިކުންނަނީ މިދިޔަ ސީޒަންގެ އެފްއޭ ކަޕް ފައިނަލުގައި މެންޗެސްޓަރ ސިޓީ 1-0އިން ބަލިކޮށް އެފްއޭކަޕްގެ ޗެމްޕިއަނުންގެ ގޮތުގައެވެ.

ކޮމިއުނިޓީ ޝީލްޑަކީ ބޮޑު ޓްރޮފީއެއްގެ ގޮތުގައި ގިނަ ޓީމުތަކާއި ކުޅި ބެލުންތެރިން ނުބެލި ނަމަވެސް، މިއީ ސީޒަން ފެށުން ރަނގަޅު ކުރުމަށް ޓީމުތަކުން އަހައްމިއްޔަތުކަން ދެމުން އަންނަ މެޗެކެވެ. 

1974ވަނަ އަހަރުން ފެށިގެން ކޮންމެ ސީޒަނެއް ފެށުމުގެ ކުރިން ކުޅެމުން އަންނަ ކޮމިއުނިޓީ ޝީލްޑް އެންމެ ގިނައިން ކާމިޔާބުކޮށްފައި ވަނީ މެންޗެސްޓަރ ޔުނައިޓެޑުންނެވެ. އެ ކްލަބުން ވަނީ ކޮމިއުނިޓީ ޝީލްޑް 21 ފަހަރު ކާމިޔާބުކޮށްފައެވެ. 

ދެވަނައަށް މި ޓްރޮފީ އެންމެ ގިނައިން (17) ކާމިޔާބުކޮށްފައި ވަނީ އާސެނަލްއެވެ. ނަމަވެސް މިރޭގެ މެޗު ލިވަޕޫލުން ކާމިޔާބުކޮށްފިނަމަ، އާސެނަލްއާއެކު އެ ޓީމު ވެސް ވެގެންދާނީ ދެވަނައަށް އެންމެ ގިނަ ފަހަރު ކޮމިއުނިޓީ ޝީލްޑް ކާމިޔާބުކުރި ޓީމަށެވެ.

މި ޓްރޮފީއަށް ލިވަޕޫލުން އެންމެ ފަހުން ވާދަކުރީ 2022 ވަނަ އަހަރެވެ. އެ ފަހަރު ލިވަޕޫލުން ވަނީ 3-1އިން މެންޗެސްޓަރ ސިޓީ ބަލިކޮށް، ކޮމިއުނިޓީ ޝީލްޑް އުފުލާލާފައެވެ.

އަނެއްކޮޅުން، ޕެލެސްއަށް މިއީ އެ ކްލަބުގެ ތާރީޙުގައި ކުޅޭ ފުރަތަމަ ކޮމިއުނިޓީ ޝީލްޑް މެޗެވެ.

މި މެޗު ފެށުމަށް ހަމަޖެހިފައިވަނީ މިރޭ ރާއްޖެ ގަޑިން 7 ޖަހާއިރެވެ.

ކޮމިއުނިޓީ ޝީލްޑް މެޗަށްފަހު އިންގްލިޝް ޕްރިމިއަރ ލީގު ފެށުމަށް ހަމަޖެހިފައި ވަނީ އޯގަސްޓު 16ވަނަ ދުވަހެވެ. އެ ހަފްތާގައި ލިވަޕޫލުން ބޯނެމައުތާ ދެކޮޅަށް ނިކުންނައިރު، ޕެލެސްއިން ބައްދަލުކުރާނީ ދުނިޔޭގެ ޗެމްޕިއަން، ޗެލްސީއާއެވެ. 

ޔޫރަޕްގެ އެހެން ބޮޑެތި ލީގުތަކަށް ބަލާއިރު، ސްޕެއިން ލީގު ފަށާނީ މި މަހުގެ 15ގައެވެ. ޖަރުމަނު ލީގާއި ފްރާންސް ލީގު  އޭގެ އެއް ހަފްތާ ފަހުން 22 އޯގަސްޓުގައި ފަށާނެއެވެ. އަދި އިޓަލީ ލީގު ފެށުމަށް ތާވަލުކޮށްފައި ވަނީ 23 އޯގަސްޓުގައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން