ކުޅިވަރު / ދުނިޔެ
ފަލަސްތީނުގެ ޕެލޭއާ ގުޅިގެން ޔޫއެފާއިން ކުރި ޕޯސްޓަށް ސަލާޙް ފާޑު ކިޔައިފި

ލިވަޕޫލްގެ މުޙައްމަދު ސަލާޙް---
ފަލަސްތީނުގެ ޕެލޭ ޝަޙީދުކޮށްލި ހާދިސާއާ ގުޅިގެން ޔޫރަޕްގެ ފުޓުބޯޅައިގެ މައި އިދާރާ، ޔޫއެފާއިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓަށް، ލިވަޕޫލްގެ މުޙައްމަދު ސަލާޙް ފާޑު ކިޔައިފިއެވެ.
ފަލަސްތީނުގެ ފުޓުބޯޅަ އެސޯސިއޭޝަން، ޕީއެފްއޭއިން ހާމަކޮށްފައިވާ ގޮތުގައި، ފަލަސްތީނުގެ ފުޓުބޯޅަ ކުޅުންތެރިއެއް ކަމުގައިވާ އުމުރުން 41 އަހަރުގެ ސުލޭމާން އަލް-އޮބެއިދު ވަނީ އޭނާގެ ފުޓުބޯޅަ ކެރިއަރުގައި 100އަށް ވުރެ ގިނަ ގޯލު ކާމިޔާބުކޮށްފައެވެ. އޭގެތެރޭގައި ބައިނަލްއަޤުވާމީ 24 މެޗުން އޭނާ ކާމިޔާބުކުރި 2 ގޯލު ވެސް ހިމެނެއެވެ.
ސުލޭމާން ޝަހީދުވެފައިވާކަމަށް ޕީއެފްއޭއިން އާންމުކުރީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އެ އެސޯސިއޭޝަނުން އެކަން ހާމަކުރަމުން ބުނީ، އިންސާނީ އެހީއަށް މަޑުކޮށްގެން ހުއްޓައި އިޒްރޭލުން ދިން ހަމަލާއެއްގައި ސުލޭމާން ޝަހީދުވެފައިވާ ކަމަށެވެ.
މި ހާދިސާއާ ގުޅިގެން ހޮނިހިރު ދުވަހު ޔޫއެފާއިން ކުރި ޕޯސްޓުގައި ބުނީ، ފަލަސްތީނުގެ ޕެލޭއަށް އަލްވަދާއު ކިޔާކަމަށާއި، އޭނާއަކީ އެންމެ އަނދިރި ދުވަސްތަކުގައި ވެސް އެތައް ކުޑަކުދިންނަކަށް އުއްމީދުތަކެއް ގެނަސްދިން ހުނަރުވެރިއެއް ކަމަށެވެ.
މި ޕޯސްޓާ ގުޅުވައި ސަލާޙް ދިން ރައްދުގައި ބުނީ، ސުލޭމާން މަރުވި ގޮތާއި، މަރުވިތަނާއި އަދި މަރުވީ ކީއްވެގެންކަން ކިޔައިދިނުމަށެވެ. ސަލާޙް މިހެން ބުނެފައި މިވަނީ، ސުލޭމާން މަރުވުމަށް މެދުވެރިވި ހާލަތު އެއްވެސް ވަރަކަށް ބަޔާންކުރުމެއް ނެތި، އޭނާގެ ވަކިވެ ދިއުމުގެ ވާހަކަ ޔޫއެފާއިން ދެއްކުމުންނެވެ.
Can you tell us how he died, where, and why? https://t.co/W7HCyVVtBE
— Mohamed Salah (@MoSalah) August 9, 2025
މިކަމާ ގުޅިގެން ބޮޑެތި ބައެއް މީޑިއާތަކުން ޔޫއެފާގެ ބަހެއް ހޯދުމަށް މަސައްކަތް ކުރިއެވެ. ނަމަވެސް މިކަމަށް އެ އެސޯސިއޭޝަނުން އަދި ކޮމެންޓެއް ކޮށްފައެއް ނުވެއެވެ.
ޕްރިމިއަރ ލީގުގެ އެންމެ ވިދުން ގަދަ އެއް ތަރި ކަމުގައިވާ ސަލާޙް ވަނީ، ޣައްޒާއަށް އިންސާނީ އެހީ ވެއްދުމަށް އިސްރާއީލުން ޙުއްދަ ނުދިނުމުން އެކަމާ ގުޅިގެން ވެސް ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކޮށްފައެވެ. ނަމަވެސް، މުސްލިމަކަށްވެހުރެ، ފަލަސްތީނުގެ ހާލަތުގެ ވާހަކަ އޭނާ ދެއްކުން މަދުވުމުން، ގިނަ ބަޔަކު އޭނާއަށް ފާޑުކިޔާފައި ވެސް ވެއެވެ.
އެކުވެރި ދައުލަތް، އދއިން ހާމަކޮށްފައިވާ ގޮތުގައި، ކާއެއްޗެހި ބަހާ ތަންތަނުގެ ކައިރީގައި 1،000އަށް ވުރެ ގިނަ މީހުން މިހާތަނަށް ޝަޙީދުވެފައިވެއެވެ.