ކުޅިވަރު
ސެސްކޯ ގެނަސް، މެންޗެސްޓަރ ޔުނައިޓެޑުން އައު ތިން ފޯވާޑުން ހަމަކޮށްފި

މެންޗެސްޓަރ ޔުނައިޓެޑާއި ފިއޮރެންޓީނާ ބައްދަލުކުރި މެޗުގެ ކުރިން، އެ ޓީމަށް އަލަށް ގެނައި ތިން ފޯވާޑުން ދައްކާލުން، ފޮޓޯ: ޕްރިމިއަރ ލީގު
މެންޗެސްޓަރ ޔުނައިޓެޑުން އަންނަ ސީޒަނުގައި އެ ޓީމުގެ އެޓޭކިން ރަގަޅުކުރުމުގެ ގޮތުން، ބްރްޔަން ބެއުމޯ އާއި މެތިއުޒް ކޫނާއަށްފަހު ޖަރުމަނުގެ އާރުބީ ލެޕްޒިގްއަށް ކުޅެމުންދިޔަ ސްލޮވީނިއާގެ ބެންޖަމިން ސެސްކޯ ވެސް ގެންގޮސްފިއެވެ. ސެސްކޯ އިތުރުވުމާއެކު ޔުނައިޓެޑުގެ އެޓޭކިންއަކީ އެހެން ޓީމުތައް ޖެހިލުންވާނެފަދަ ފޯވާޑުލައިނަކަށް ވާނެކަމާމެދު ޔަޤީންކުރެވެއެވެ.
މި ތިން ކުޅުންތެރިން މިދިޔަ ސީޒަނުގައި ޖަހާފައިވާ ގޯލުތަކުގެ އަދަދު އެއްކޮށްލުމުން، އެއީ މިދިޔަ ސީޒަންގައި މުޅި ޔުނައިޓެޑުން ޖެހި ގޯލުގެ އަދަދަށް ވުރެ އިތުރު އަދަދެކެވެ.
ސެސްކޯ ގެނައުމަށް ޔުނައިޓެޑުން ޖުމްލަ 73.7 މިލިއަން ޕައުންޑު ހޭދަކުރާނެއެވެ. އެގޮތުން ޔަޤީންކަމާއެކު 66.3 މިލިއަން ޕައުންޑު ހޭދަކުރަންޖެހޭއިރު، ބާކީ ބަޔަކީ އިތުރު ކަންތައްތަކާއެކު ޔުނައިޓެޑުން ލެޕްޒިގްއަށް ދޭންޖެހޭ ފައިސާއެވެ.
އުމުރުން 22 އަހަރުގެ ސެސްކޯ ގެންދިއުމަށް މި ސީޒަނުގައި ޗެމްޕިއަންސް ލީގަށް ކޮލިފައިވެ، އަދި އިނގިރޭސި ލީގު ކަޕް ވެސް ކާމިޔާބުކޮށްފައިވާ ނިއުކާސްލް ޔުނައިޓެޑުން ވެސް މަސައްކަތްކޮށްފައި ވެއެވެ. ނަމަވެސް ސެސްކޯ ބުނީ، މެންޗެސްޓަރ ޔުނައިޓެޑުގެ ތާރީޙާ، އެ ކްލަބާއެކު އޭނާގެ ކުރިމަގު މާ އުޖާލާކުރެވޭނެކަމަށް ޤަބޫލު ކުރެވޭތީ ޔުނައިޓެޑަށް ދިއުމަށް ނިންމީ ކަމަށެވެ.
ލެޕްޒިގްއާ ސެސްކޯ ގުޅުނީ 2023 ވަނަ އަހަރު ސަލްސްބާރގްއިންނެވެ. ލެޕްޒިގްއާ ގުޅުމަށްފަހު 87 މެޗުން އޭނާ ވަނީ 39 ގޯލު ކާމިޔާބުކޮށް 8 އެސިސްޓުކޮށްދީފައެވެ. މީގެ ތެރެއިން 27 ގޯލު ކާމިޔާބުކުރީ ލީގު މެޗުތަކުގައެވެ.
ޔޫރަޕްގެ ބޮޑު 5 ލީގަށް ބަލާއިރު، ސެސްކޯއަކީ 23 އަހަރުން ދަށުގެ ކުޅުންތެރިންގެ ތެރެއިން މިދިޔަ ސީޒަންގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއެވެ. އޭނާ ވަނީ ރެއާލް މެޑްރިޑްގެ ޖޫޑް ބެލިންގްހަމްއަށްވުރެ 1 ގޯލު އިތުރަށް، އަދި ލިވަޕޫލްއާ ގުޅުނު ފްލޯރިއަން ވާރޓްޒްއަށްވުރެ 5 ގޯލު އިތުރަށް ކާމިޔާބުކޮށްފައެވެ.
މީގެ އިތުރުން ސެސްކޯއަކީ ޖަރުމަނު ލީގުގައި ކުޅުނު އެންމެ ހަލުވި ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ފޯވާޑެކެވެ. އޭނާގެ އެންމެ ބާރު ދުވެލި، ގަޑިއަކު 35.7 ކިލޯމީޓަރުގައި ހުންނައިރު، އޭނާއަކީ މަތިން އަންނަ ބޯޅަތައް ހޯދުމުގައި ވެސް މޮޅު ކުޅުންތެރިއެކެވެ. އެގޮތުން އިސްކޮޅުގައި 6 ފޫޓު 5 އިންޗި ހުންނަ ސެސްކޯ ވަނީ މަތީގައި %57.4 ބޯޅަތައް ހޯދާފައެވެ.
މިއަންނަ ހަފްތާގައި އިނގިރޭސި ލީގު ފެށުމަށް ހަމަޖެހިފައިވާއިރު، ޔުނައިޓެޑުން ފުރަތަމަ ނިކުންނަން ޖެހޭނީ އާސެނަލްއާ ދެކޮޅަށެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 17ވަނަ ދުވަހެވެ.