ކުޅިވަރު

އިރުބެ މަތިވެރި ފުޓްސަލް ލީގު: ދެވަނަ ރޭގެ މެޗުތައް ވެސް ކުރިއަށްދިޔައީ ފޯރިގަދަކޮށް

އިރުބެ މަތިވެރި ފުޓްސަލް ލީގު: ދެވަނަ ރޭގެ މެޗުތައް ވެސް ކުރިއަށްދިޔައީ ފޯރިގަދަކޮށް

އިރުބެ މަތިވެރި ފުޓްސަލް ލީގު/ފޮޓޯ: ބިލް ގްރަފީ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

09 އޯގަސްޓު 2025، 11:38

09 އޯގަސްޓު 2025، 11:38

މަތިވެރި އެސޯސިއޭޝަން ފޯ ރެކްރިއޭޝަން  އެންޑް ސްޕޯޓްސް (މާރންސް) އަދި އަންބަރު ގްރޫޕުން އިންތިޒާމުކޮށްގެން ބާއްވާ "އިރުބެ މަތިވެރި ފުޓްސަލް ލީގު 2025" ގެ ދެވަނަ ރޭގެ މެޗުތައް ވެސް ފޯރިގަދަކަމާއެކު ނިންމާލައިފިއެވެ.

މިމަހުގެ 1 ވަނަ ދުވަހުން ފެށިގެން ކުރިއަށްދާ މި ލީގުގެ ދެވަނަ ހަފްތާގައި ޖުމްލަ 3 މެޗެއް ވަނީ ކުޅެފައެވެ. އެގޮތުން، ފުރަތަމަ މެޗުގައި ބައްދަލުކޮށްފައިވަނީ، ބަބްލް ޕޮއިންޓް އަދި ފިއުޗަރ ޕްރޮމޯޝަން ޓީމެވެ. މި މެޗު 20:30 އިން ފެށިގެން ކުރިއަށްދިޔައިރު ދެ ޓީމުން ވެސް ފެނިގެންދިޔައީ ހުނަރުވެރި ޒުވާން މޮޅު ކުޅުންތެރިންނެވެ. ހަމަ މިއާއެކު، ވާދަވެރި ކުޅުމަކަށް ފަހު 2-3 އިން ފިއުޗަރ ޕްރޮމޯޝަން ޓީމުން ވަނީ މި މެޗު ކާމިޔާބުކޮށްފައެވެ. އަދި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ، ފިއުޗަރ ޕްރޮމޯޝަން ޓީމުގެ ޖަރޒީ ނަންބަރު 11، އަހްމަދު ފިިރާޝްއެވެ. އޭނާ ވަނީ، މި މެޗުގައި މުހިންމު ގޯލްތަކެއް ޖަހައި މޮޅު ކުޅުމެއް ދައްކާފައެވެ.

ލީގުގެ ދެވަނަ ހަފްތާގެ ދެވަނަ މެޗު 21:30 ގައި ފަށައިގެން ކުރިއަށް ގޮސްފައިވާއިރު، މި މެޗުގައި ބައްދަލުކޮށްފައިވަނީ، އެސްއާރުސީ މަތިވެރި އަދި އެކުއެޓިކް ޓީމެވެ. މި ދެ ޓީމަކީ ވެސް އއ. މަތިވެރީގެ ފުޓްސެލް އަށް ލޯބިކުރާ ކުޅުންތެރިން ހިމެނޭ ޓީމްތަކަކަށް ވީއިރު، 1-5 ގެ ނަތީޖާއަކުން މި މެޗު ކާމިޔާބުކޮށްފައިވަނީ އެސްއާރުސީ މަތިވެރި ޓީމުންނެވެ. ހަމަ މިއާއެކު، މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ، މިޓީމުގެ ޖަރޒީ ނަންބަރު 10، އަލީ އަލްސަން އެވެ. އޭނާ ވަނީ، މި މެޗުގައި ތަފާތު މޮޅު ކުޅުމެއް ދައްކާފައެވެ.

މިއަށްފަހު، ތިންވަނަ މެޗު 22:30 އިން ފެށިގެން ކުރިއަށްދިޔައިރު، މި މެޗުގައި ވާދަކޮށްފައިވަނީ އެސްއާރުސީ ބޮޑުފޮޅުދޫ އަދި އެސް.ޔޫ ކޯނަރ ޓީމެވެ. ސަޕޯޓަރުންގެ ފޯރިއާއި ކުޅުންތެރިންގެ ހިތްވަރާއެކު ކުޅުނު މި މެޗުގައި 5-0 އިން އެސް.ޔޫ ކޯނަރ ބަލިކޮށް، މި މެޗު ކާމިޔާބުކޮށްފައިވަނީ އެސްއާރުސީ ބޮޑުފޮޅުދޫ އިންނެވެ. އަދި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ، އެޓީމުގެ ޖަރޒީ ނަންބަރު 4، މުހައްމަދު  ޝިރުޚާން އެވެ. އޭނާ އަކީ އަރިއަތޮޅުގައި ބާއްވާ މުބާރާތްތަކުގައި  ފާހަގަކޮށްލެވޭ ފަދަ ހުނަރުވެރި ކުޅުމެއް ދައްކަމުން އަންނަ ފަރާތެކެވެ. 

އއ. މަތިވެރީގައި ކުރިއަށްދާ މި ލީގުގައި ޖުމްލަ 6 ޓީމަކުން ވާދަކުރާއިރު، އޭގެ ތެރޭގައި މަތިވެރީގެ 4 ޓީމަކާއި އއ. ބޮޑުފޮޅުދޫގެ 2 ޓީމެއް ހިމެނެއެވެ. އަންނަ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ލީގުގެ މެޗުތައް ކުޅޭނީ ހަފްތާ ބަންދުގައިކަމަށް ލީގު އިންތިޒާމުކުރި ފަރާތުން މަޢުލޫމާތުދެއެވެ.

މީގެ އިތުރުން، މި މުބާރާތުގެ ޗެމްޕިއަން ޓީމަކަށް 15 ހާސް ރުފިޔާގެ އިނާމު ކަނޑައަޅާފައިވާއިރު، މިއީ މަތިވެރީގައި މިފަދަ ފޯރިގަދަ ލީގެއް ބާއްވާ 3 ވަނަ ފަހަރެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން