ވިޔަފާރި / ޚަބަރު
ބައެއް ސަރަހައްދުތަކަށް ކަރަންޓު އަލުން ދީފި، ބާކީ ތަންތަނަށް ދިނުމުގެ މަސައްކަތް ދަނީ ކުރެވެމުން : ސްޓެލްކޯ

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައަށް ދިމާވެފައިވާ ކްރިޓިކަލް މައްސަލަތަކެއް ހައްލުކުރަނީ ފޮޓޯ:ސްޓެލްކޯ
މާލެއާއި ހުޅުމާލެއިން މިއަދު ހެނދުނު ކަރަންޓު ކެނޑުމަށްފަހު، މާލޭގެ ބައެއް ސަރަހައްދުތަކަށް މިހާރު ކަރަންޓު ދޭން ފަށައިފިއެވެ. މި މައްސަލަ ދިމާވީ ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.
މިއަދު ހެނދުނު 9:30 ކަންހާއިރު މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑުމުގެ ސަބަބުން ދެ އަވަށުގެ ގިނަ އަދަދެއްގެ ރައްޔިތުންނަށް ދަތިތަކަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ. ގިނަ އޮފީސްތަކާއި ވިޔަފާރިތަކަށް މިކަމުގެ އަސަރު ކޮށްފައިވެއެވެ.
ސްޓެލްކޯއިން މީސްމީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މާލެއާއި ހުޅުމާލެއިން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ ކަމަށެވެ. އަދި މި މައްސަލަ ހައްލުކޮށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ސްޓެލްކޯއިން ވަނީ ހާމަކޮށްފައެވެ.
މާލޭގެ ބައެއް ސަރަހައްދުތަކަށް ކަރަންޓުގެ ހިދުމަތް އަލުން ދެވިފައިވާއިރު، ނުދެވި ހުރި ސަރަހައްދުތަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ދަނީ ކުރެވެމުން. ދިމާވާނެ ދަތިތަކަށް މަޢާފަށް އެދެން.
— STELCO (@STELCOMALDIVES) August 9, 2025
މަޢުލޫމާތު ލިބޭ ގޮތުގައި މާލޭގެ ބައެއް ސަރަހައްދުތަކަށް މިހާރު ކަރަންޓު ދޭން ފަށާފައިވާކަން ސްޓެލްކޯއިން ކަށަވަރުކޮށްދީފައިވެއެވެ. އެގޮތުން، މާފަންނުގެ ބައެއް ގެތަކަށް މިހާރު ކަރަންޓު ދީފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
މީގެ ކުރިން މިދިޔަ ޖޫން 1 ވަނަ ދުވަހުވެސް މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑިފައިވެއެވެ.
ސްޓެލްކޯއިންވަނީ މިކަމުގެ ސަބަބުން ދިމާވި ދަތިތަކަށް މާފަށްއެދިފައެވެ.