ޚަބަރު
ޑީއެންރާއުގެ ރެކޯޑު ތަކުގައި "ސުންދަރލިންގަމް ކޫޑަލިންގަމް" ނަން ކިޔާ ދިވެއްސެއް ނެތް : ދާޚިލީ ސަލާމަތާބެހޭ ވުޒާރާ

އިނގިރޭސި ފިލްމީ ތަރިއަކަށް ޖިންސީ ގޯނާކުރި މީހަކީ ދިވެއްސެއް ނޫން: އިމިގްރޭޝަން އިނގިރޭސި ފިލްމީ ތަރިއަކަށް ޖިންސީ ގޯނާކުރިކަމަށް ބުނި މީހާ އާއި އެ ތަން-

ފަރުދުން
08 އޯގަސްޓު 2025، 03:44
08 އޯގަސްޓު 2025، 03:44
ޑީއެންރާއުގެ ރެކޯޑު ތަކުގައި "ސުންދަރލިންގަމް ކޫޑަލިންގަމް" ނަން ކިޔާ ދިވެއްސެއް ނެތް ކަމަށް ދާޚިލީ ސަލާމަތާ ފަންނިއްޔާތާބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
އެ ވުޒާރާއިން މިހެން ވިދާޅުވީ، ޖިންސީގޯނާގެ މައްސަލައެއްގައި އިނގިރޭސިވިލާތުގައި ހުކުމްކޮށްފައިވާ "ސުންދަރަލިންގަމް ކޫޑަލިންގަމް" ނަމަކަށް ކިޔާ މީހަކީ ދިވެއްސެއްކަމަށް ބުނެ ދައުރުވަމުންދާ ޚަބަރުތަކާއި ގުޅޭގޮތުން ނެރުއްވި ނޫސްބަޔާނެއްގައެވެ.
ދާޚިލީ ސަލާމަތާ ފަންނިއްޔާތާބެހޭ ވުޒާރާއިން ވިދާޅުވީ، ޖިންސީ ގޯނާކުރުމުގެ މައްސަލައެއްގައި އިނގިރޭސިވިލާތުގެ ކޯޓަކުން ހުކުމްކޮށްފައިވާ "ސުންދަރލިންގަމް ކޫޑަލިންގަމް" އަކީ ދިވެހިރާއްޖޭގެ ރައްވެހިކަން އޮންނަ ފަރާތެއް ކަމަށް ބުނެ، ބައެއް މީޑިއާތަކުގައާއި މީސްމީޑިއާގައި ދައުރު ކުރަމުންދާ ޚަބަރަކީ ދޮގެއްކަމަށެވެ.
އެގޮތުން، ޑިޕާރޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަންގެ ރިކޯޑުތަކުގައި، "ސުންދަރލިންގަމް ކޫޑަލިންގަމް" ނަން ކިޔާ ދިވެހި ރައްޔިތަކު ރިކޯޑުކުރެވިފައި ނުވާކަމަށާއި، މޯލްޑިވްސް އިމިގްރޭޝަނުގެ ރިކޯޑުތަކުގައިވެސް، އެއްވެސް އިރެއްގައި، އެނަން ކިޔާ ފަރާތަކަށް ދިވެހި ޕޯސްޕޯޓެއް ހައްދާދީފައި ނުވަތަ ދޫކޮށްފައިވާކަން އެނގެން ނެތްކަމަށް އެވުޒާރާއިން ވިދާޅުވެފައި ވެއެވެ. އެހެންކަމުން، "ސުންދަރލިންގަމް ކޫޑަލިންގަމް" އަކީ ދިވެހި ރައްޔިތެއް ކަމަށް ލިޔެ، ދައުރުކުރަމުންދާ ޚަބަރަކީ އެއްވެސް އަސްލެއް އެކުލެވިގެންވާ މައުލޫމާތެއް ނޫންކަމަށް ވިދާޅުވިއެވެ.
ދާޚިލީ ސަލާމަތާ ފަންނިއްޔާތާބެހޭ ވުޒާރާއިން ވަނީ، މިފަދަ ކަންކަމުގައި އެކި މަންސަތަކުގައި ޚަބަރު ފަތުރާއިރު، ޞައްހަ މަޢުލޫމާތު ފެތުރުމަށް އިލްތިމާސްކުރައްވާފައެވެ.