ކުޅިވަރު
ދުނިޔޭގެ ފުޓުބޯޅައިގެ އެންމެ ޝަރަފުވެރި އެވޯޑަށް ވާދަކުރާ ކުޅުންތެރިންގެ ލިސްޓު އާންމުކޮށްފި

ބެލަން ޑިއޯރ އެވޯޑު ހަފްލާ އޮންނާނީ ސެޕްޓެންބަރު މަހު 22 ގައި---
ދުނިޔޭގެ ފުޓުބޯޅައިގެ އެންމެ ޝަރަފުވެރި އެވޯޑު، ބެލަން ޑިއޯރއަށް މި އަހަރު ވާދަކުރާ 30 ކުޅުންތެރިންގެ ލިސްޓު އާންމުކޮށްފިއެވެ.
މި ލިސްޓުގައި މިދިޔަ ސީޒަންގައި ފެނުނު ތަފާތު ހުނަރުތައް ހިމެނޭއިރު، ލިސްޓު އެކުލަވާލާފައި ވަނީ އެންމެ ފަހުން ބޭއްވި ކްލަބް ވޯލްޑް ކަޕަށް ވެސް ބަލައިގެންނެވެ.
މި އަހަރު މި އެވޯޑަށް އެންމެ ކައިރިން ވާދަކުރާނެކަމަށް ބެލެވެނީ އޮސްމަން ޑެންބެލޭއެވެ. އޭނާ ވަނީ ޕެރިސް ސެއިންޓް-ޖަމެއިން (ޕީއެސްޖީ) އިން މިދިޔަ ސީޒަނުގައި ތިން ތަށި ހޯދުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. މީގެ ތެރެއިން، މުޅިން އަލަށް އެ ޓީމުން ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމަކީ ވެސް، ބެލަން ޑިއޯރ އެވޯޑު އޭނާއަށް ލިބުން ގާތް ކަމެކެވެ. އޭނާއާއެކު ޕީއެސްޖީގެ އަޝްރަފް ހަކީމީ އާއި ވިޓީނިއާ ވެސް މި ލިސްޓުގައި ހިމެނެއެވެ.
މީގެ އިތުރުން، މިދިޔަ ސީޒަންގައި ދެއްކި މޮޅު ކުޅުމާއެކު ސެޕެއިންގެ ޒުވާން ތަރި، ލެމީން ޔަމާލްއަކީ ވެސް މި އެވޯޑަށް އެންމެ ކައިރިން ވާދަކުރާ އެއް ކުޅުންތެރިޔާއެވެ. އަދި ޔަމާލްއާއެކު ބާސެލޯނާއަށް ކުޅޭ ރަފީނިއާ އާއި ލިވަޕޫލްގެ މުޙައްމަދު ސަލާޙް ވެސް ގިނަ ގޯލުތަކަކާއި އެސިސްޓުތަކާއިއެކު މި އެވޯޑަށް ވަރަށް ކައިރިން ވާދަކުރާނެކަމަށް ބެލެވެއެވެ.
ބެލަން ޑިއޯރއަށް ނޮމިނޭޓްވެފައިވާ ކުޅުންތެރިން:
- އޮސްމަން ޑެންބެލޭ (ޕީއެސްޖީ)
- ޖިއަންލުއިޖީ ޑޮނަރުއްމާ (ޕީއެސްޖީ)
- ޖޫޑް ބެލިންގްހަމް (ރެއާލް މެޑްރިޑް)
- ޑެޒީރޭ ޑޫއޯ (ޕީއެސްޖީ)
- ޑެންޒެލް ޑަމްފްރީޒް (އިންޓަރ މިލާން)
- ސޭހޯ ޖިރެސީ (ޑޯޓްމަންޑް)
- އާރލިން ހާލަންޑު (މެންޗެސްޓަރ ސިޓީ)
- ވިކްޓަރ ޔޮކެރޭޒް (އާސެނަލް)
- އަޝްރަފް ހަކީމީ (ޕީއެސްޖީ)
- ހެރީ ކޭން (ބެޔާން މިއުނިކް)
- ވިޗާ ވަރަޝެލިއާ (ޕީއެސްޖީ)
- ރޮބާޓް ލެވަންޑޯސްކީ (ބާސެލޯނާ)
- އެލެކްސިސް މެކަލިސްޓަރ (ލިވަޕޫލް)
- ލައުޓާރޯ މާޓިނޭޒް (އިންޓަރ މިލާން)
- ސްކޮޓް މެކްޓޮމިނޭ (ނަޕޯލީ)
- ކީލިއަން އެމްބައްޕޭ (ރެއާލް މެޑްރިޑް)
- ނޫނޯ މެންޑޭޒް (ޕީއެސްޖީ)
- ޖޯއާއޯ ނެވޭޒް (ޕީއެސްޖީ)
- ޕެޑްރީ (ބާސެލޯނާ)
- ކޯލް ޕާމާ (ޗެލްސީ)
- މިކޭލް އޮލީސޭ (ބެޔާން މިއުނިކް)
- ރަފީނިއާ (ބާސެލޯނާ)
- ޑެކްލަން ރައިސް (އާސެނަލް)
- ފެބިއަން ރުއިޒް (ޕީއެސްޖީ)
- ވާރޖިލް ވެން ޑައިކް (ލިވަޕޫލް)
- މުޙައްމަދު ސަލާޙް (ލިވަޕޫލް)
- ވިނީސިއަސް ޖޫނިއަރ (ރެއާލް މެޑްރިޑް)
- ފްލޯރިއަން ވާރޓްޒް (ލިވަޕޫލް)
- ވިޓީނިއާ (ޕީއެސްޖީ)
- ލެމީން ޔަމާލް (ބާސެލޯނާ)
މި އެވޯޑު ހަފްލާ އޮންނާނީ މި އަންނަ ސެޕްޓެންބަރު މަހުގެ 22ވަނަ ދުވަހު ޕެރިހުގައެވެ.
ބެލަން ޑިއޯރ އެވޯޑަށް ވާދަކުރާ ކުޅުންތެރިން ޝޯޓުލިސްޓު ކުރަނީ ފްރާންސްގެ ފުޓުބޯޅަ ޖާރނަލިސްޓުންނާއި އެ ޤައުމުގެ އެލް އެކުއިޕްގެ ނޫސްވެރިން ގުޅިގެން، ނިމުނު ސީޒަންގައި ކުޅުންތެރިންގެ ކުޅުމަށް ބެލުމަށްފަހުއެވެ.
މި ލިސްޓުން އެންމެ މޮޅު ކުޅުންތެރިޔާ ހޮވަނީ ފީފާގެ ރޭންކިންގެ އެންމެ މަތީގައި ހިމެނޭ 100 ޤައުމުގެ ތެރެއިން ކޮންމެ ޤައުމަކުން ވެސް އެ ޤައުމަކުން ކަނޑައަޅާ ނޫސްވެރިއަކު ދޭ ވޯޓަށް ބަލައިގެންނެވެ.
އެގޮތުން ކޮންމެ ނޫސްވެރިއަކު ވެސް އެ ނޫސްވެރިއަކަށް އެންމެ މޮޅު 10 ކުޅުންތެރިންނަށް ވޯޓު ދޭންޖެހެއެވެ. ވޯޓު ދިނުމުގައި އެ ނޫސްވެރިއަކަށް އެންމެ މޮޅު ކުޅުންތެރިއާއަށް އެއްވަނަ ދިނުމަށްފަހު ބޭނުންވާ ތަރުތީބުން ކުޅުންތެރިން ރޭންކު ކުރަން ޖެހެއެވެ. އަދި ކުޅުންތެރިންނަށް ޕޮއިންޓު ލިބެނީ ނޫސްވެރިން ރޭންކުކުރާ ތަރުތީބުންނެވެ. އެގޮތުން އެއްވަނައަށް ރޭންކުކުރާ ކުޅުންތެރިއާއަށް 15 ޕޮއިންޓު ލިބޭއިރު ދެވަނައަށް ލިބެނީ 12 ޕޮއިންޓެވެ. ދެން ހުރި ވަނަތަކަށް ރޭންކުކުރާ ތަރުތީބުން، މަތިން ތިރިއަށް ލިބެނީ 10، 8، 7، 5، 4، 3، 2 އަދި 1 ޕޮއިންޓެވެ.
މިދިޔަ އަހަރު މި އެވޯޑު ލިބުނު ރޮޑްރީ މި އަހަރު ޝޯޓު ލިސްޓުވެފައެއް ނުވެއެވެ. އެއީ މިދިޔަ ސީޒަންގެ ކުރީކޮޅު އޭނާއަށް ލިބުނު އަނިޔާއަކާ ގުޅިގެން ގިނަ ދުވަސްތަކަކަށް ކުޅުމާ ދުރުގައި ހުންނަންޖެހުމުންނެވެ.