ވިޔަފާރި / ޚަބަރު / ރިޕޯޓް

ދައުލަތުގެ ރިޒާވް ހަރުދަނާކުރުމުގެ މަސައްކަތް: ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށް ނުކޮށް އެއް ހަމައެއްގައި

ދައުލަތުގެ ރިޒާވް ހަރުދަނާކުރުމުގެ މަސައްކަތް: ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށް ނުކޮށް އެއް ހަމައެއްގައި

އެމެރިކާ ޑޮލަރު

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

07 އޯގަސްޓު 2025، 02:09

07 އޯގަސްޓު 2025، 02:09

ދިވެހިރާއްޖޭގެ އިޤްތިޞާދީ ހާލަތު ދައްކުވައިދޭ އެއް މުހިންމު މިންގަނޑަކީ ޤައުމުގެ ރަސްމީ ރިޒާވް ނުވަތަ ބޭރުފައިސާގެ ރިޒާވްގެ މިންވަރެވެ. މި ރިޒާވަކީ، ބޭރުގެ ކްރެޑިޓް ރޭޓިންގ އެޖެންސީތަކުން ރާއްޖޭގެ ކްރެޑިޓް ރޭޓިންގ ކަނޑައެޅުމުގައި ބަލާ މުހިންމު ކަމެކެވެ. ރާއްޖޭގެ މަނިޓަރީ ސިޔާސަތު ނުވަތަ ފައިސާއާއި ބެހޭ ސިޔާސަތު އެކުލަވާލައި، ތަންފީޒުކުރުމަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ މައިގަނޑު އެއް މަސްއޫލިއްޔަތުކަމަށްވާއިރު، މިދިޔަ އަހަރުތަކުގައި ރިޒާވަށް އައިސްފައިވާ ބަދަލުތަކާއި، އެ ބަދަލުތައް ހެޔޮކުރުމަށް އެމްއެމްއޭއިން އަޅާފައިވާ ފިޔަވަޅުތަކަކީ ފާހަގަކޮށްލެވޭ ކަންކަމެވެ.

ކޯވިޑް-19 ބަލިމަޑުކަމަށްފަހު، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެ، ބޭރުފައިސާގެ އާމްދަނީއަށް ނޭދެވޭ އަސަރުތަކެއް ކުރިއެވެ. 2021 ވަނަ އަހަރުން ފެށިގެން ފަތުރުވެރިކަން ކުރިއަރައި އާމްދަނީ އިތުރުވި ނަމަވެސް، މިކަމުން ރިޒާވަށް ހެޔޮ ބަދަލެއް ނައިސް، ރުފިޔާގެ އެކްސްޗޭންޖް ރޭޓަށް އޮތް ޕްރެޝަރު އިތުރުވެ، ޑޮލަރުގެ އަގު އުފުލިގެން ދިޔަކަން އެމްއެމްއޭއިން ފާހަގަކުރައްވައެވެ. މީގެ އިތުރުން، 2022 ވަނަ އަހަރުން ފެށިގެން ތެލަށް ކުރާ ޚަރަދު އިތުރުވެ، ބޭރުފައިސާ ވިއްކުމުގެ ސިޔާސަތުގެ ދަށުން ބޭރުފައިސާ ވިއްކި ނިސްބަތް 2022 ވަނަ އަހަރު %33 ގައި ހުރިނަމަވެސް، މިދިޔަ އަހަރު އެ އަދަދު %49 އަށް އަރާފައިވެއެވެ. ދައުލަތުގެ ކުންފުނިތަކަށް (އެސްއޯއީތަކަށް) ބޭންކުތައް މެދުވެރިކޮށް ވިއްކާ ޑޮލަރު އިތުރުވުމާއި، ވިޔަފާރިތަކާއި އާންމުންގެ ބޭނުންތަކަށް ވިއްކާ ޑޮލަރު އިތުރުވުމުގެ ސަބަބުން 2021 ވަނަ އަހަރުން ފެށިގެން ރިޒާވް ދަށްވަމުން ގޮސް 2024 ވަނަ އަހަރު ސެޕްޓެމްބަރު މަހު ރަސްމީ ރިޒާވް 371.2 މިލިޔަން ޑޮލަރަށް ވެއްޓިފައިވެއެވެ. ދައުލަތުގެ ރިޒާވް މިހާ ބޮޑަށް ދަށްވުމާއެކު، ފާއިތުވި އަހަރުތަކުގެ ތެރޭގައި ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނި އިތުރުވެ، ސަރުކާރަށް ބޭރުން އެހީ ހޯދުމަށް ދަތިތަކާ ކުރިމަތިވިއެވެ.

ނަމަވެސް، މިކަން ހައްލުކުރުމަށް އެމްއެމްއޭއިން އެޅި ފިޔަވަޅުތަކުގެ ސަބަބުން ރަސްމީ ރިޒާވް އިތުރުވެފައިވެއެވެ. އެގޮތުން، މިދިޔަ ޖޫން މަހުގެ ނިޔަލަށް އެ އަދަދު 832.4 މިލިޔަން ޑޮލަރަށް އިތުރުވެފައިވާކަމަށް އެމްއެމްއޭއިން ވިދާޅުވެއެވެ. ރަސްމީ ރިޒާވަށް ހެޔޮ ބަދަލުތަކެއް އައުމާއެކު ބޭރުގެ ރޭޓިން އެޖެންސީތަކުން އެންމެ ފަހުން ރާއްޖެއަށް ދިން ކްރެޑިޓް ރޭޓިންވެސް ވަނީ ބަދަލެއް ނުގެނެސް ދަމަހައްޓާފައެވެ. ރިޒާވް އިތުރުވުމާއެކު، ރާއްޖެއިން ދައްކަން ޖެހޭ ދަރަނި ދެއްކުމަށް ކުރާ ޚަރަދުތައް އިތުރުވެފައިވާކަން އެމްއެމްއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ރިޒާވް އިތުރުވުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި:

ފަތުރުވެރިކަމުން ލިބޭ ބޭރުފައިސާގެ އާމްދަނީ އިތުރުވުން: އަހަރުން އަހަރަށް ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވަމުންދާއިރު، މިދިޔަ އަހަރު ރާއްޖެއަށް ލިބުނު ބޭރުފައިސާގެ އާމްދަނީވެސް ވަނީ އިތުރުވެފައެވެ. މިއަހަރުގެ ފުރަތަމަ 7 މަސް ދުވަހު ލިބުނު ބޭރުފައިސާގެ އާމްދަނީ މިދިޔަ އަހަރާއި އަޅާބަލާއިރު %30 އިތުރުވެފައިވާކަމަށް މަރުކަޒީ ބޭންކުގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ބޭރުފައިސާއާ ބެހޭ ޤާނޫނު ތަންފީޒުކުރުން: މިއަހަރު ޖެނުއަރީ މަހު ބޭރުފައިސާގެ ޤާނޫނު ތަންފީޒުކުރަން ފެށުމުން، ބޭންކުތަކަށް މާރުކުރާ ޑޮލަރުގެ %90 ވިއްކަމުން ދަނީ އެމްއެމްއޭއަށެވެ. މީގެ ތެރެއިން %50 ރިޒާވް ހަރުދަނާކޮށް، ދަރަނި ދެއްކުމާއި އަސާސީ ބޭނުންތަކަށް ތަކެތި ގަތުމަށް ބޭނުންކުރެއެވެ. އަދި %40 ކޮންމެ ހަފްތާއަކުވެސް ބޭންކުތަކަށް ވިއްކަމުން ދަނީ ވިޔަފާރިތަކަށް ދޫކުރުމަށެވެ. މި ޤާނޫނުގެ ދަށުން ބޭންކުތަކަށް މާރުކުރި ޑޮލަރުގެ ތެރެއިން އެމްއެމްއޭއަށް 247.2 މިލިޔަން ޑޮލަރު ލިބިފައިވާކަމަށް މަރުކަޒީ ބޭންކުން ވިދާޅުވިއެވެ.

ސާކު ފްރޭމްވޯކްގެ ދަށުން އިންޑިއާގެ މަރުކަޒީ ބޭންކާއި އެކު ސޮއިކޮށްފައިވާ ކަރަންސީ ސްވޮޕް: މި އެއްބަސްވުމުގެ ސަބަބުންވެސް ރިޒާވަށް ދިމާވާ ދަތިކަން ހައްލުކުރުމަށް އެހީތެރިވެއެވެ.

މީގެ އިތުރުން، ދައުލަތުން ދަރަނިތައް ދެއްކުންވެސް ވަނީ އިތުރުވެފައެވެ. މިއަހަރު ޖުލައި މަހުގެ ނިޔަލަށް ދަރަނި ދެއްކުމަށް އެކަނި 212.6 މިލިޔަން ޑޮލަރު ރިޒާވުން ޚަރަދުކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ކުރި ޚަރަދާއި ބަލާއިރު %60 އިތުރު އަދަދެކެވެ. ތެލާއި، ކާޑު އަދި ބޭހާއި މެޑިކަލް އިކުއިޕްމަންޓް އެތެރެކުރުމަށްޓަކައި އެސްޓީއޯއަށް މި މުއްދަތުގައި 274.3 މިލިޔަން އެމެރިކާ ޑޮލަރު ވިއްކާފައިވާކަމަށްވެސް މަރުކަޒީ ބޭންކުގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

މަރުކަޒީ ބޭންކުގެ އަމާޒު ހިފާފައިވަނީ ބޭރުފައިސާގެ ޤާނޫނުގެ ތެރެއިން ލިބޭ ބޭރުފައިސާއިން ބޭންކުތަކަށް ވިއްކާ ޑޮލަރުގެ ނިސްބަތް %50 އަށް އިތުރު ކުރުމަށެވެ. ރަސްމީ ރިޒާވް އެކަށީގެންވާ މިންވަރެއްގައި ހިފެހެއްޓުމަކީ ޤައުމުގެ އިޤްތިޞާދީ ހަމަޖެހުމާއި، ބޭރުގެ އިތުބާރު ހޯދުމަށްޓަކައި ކޮންމެހެން ބޭނުންތެރި ކަމެކެވެ. އެމްއެމްއޭއިން އަޅަމުންދާ ފިޔަވަޅުތަކާއި، ބޭރުފައިސާގެ ޤާނޫނުގެ ހަރުދަނާކަމުގެ ސަބަބުން ރާއްޖޭގެ މާލީ ހާލަތު އިތުރަށް ރަނގަޅުވެ، ދައުލަތުގެ ދަރަނި ދެއްކުމުގެ ކުޅަދާނަކަން އިތުރުވެގެން ދާނެއެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން