ވިޔަފާރި / ޚަބަރު
ބާޒާރުގައި ފިޔާގެ އަގު އުފުލުމުން، އެސްޓީއޯއިން ކިލޯއެއް 15 ރުފިޔާއަށް ވިއްކަން ފަށައިފި

ފިޔާ
ރާއްޖޭގެ ބާޒާރުގައި ފިޔާ ލިބުން ދަތިވެ، އަގު ބޮޑުވެފައިވާ ދަނޑިވަޅެއްގައި، އެކަން ހައްލުކުރުމަށްޓަކައި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ފިޔާގެ ޝިޕްމަންޓެއް ގެނެސް، މިހާރު ކިލޯއެއް 15 ރުފިޔާއަށް ވިއްކަން ފަށައިފިއެވެ. މި ފިޔާ މިހާރު ލިބެން ހުންނާނީ އެސްޓީއޯގެ މައި ފިހާރަ، ޕީޕަލްސް ޗޮއިސް އަދި ހޯލްސޭލް ސެންޓަރުންނެވެ.
މޫސުމީ ގޯސް ކަންކަމުގެ ސަބަބުން ރާއްޖެއަށް ފިޔާ ގެނައުމަށް ދަތިތަކެއް ކުރިމަތިވެފައިވާއިރު، މިކަމުގެ ސަބަބުން ބާޒާރުގައި ފިޔާގެ އަގު ވަރަށް ބޮޑަށް އުފުލިގެން ދިޔައެވެ. އެގޮތުން، ފިޔާ ކިލޯއެއްގެ އަގު 40 ރުފިޔާއިން މައްޗަށް އުފުލިފައިވީ ނަމަވެސް، ކޮންމެވެސް ވަރަކަށް ފިޔާ ލިބެން ފެށުމުން އަގު 20 ރުފިޔާއަށް ދަށްވެފައިވެއެވެ.
ޢާންމުކޮށް ރާއްޖެއަށް ފިޔާ ގެންނަނީ މުދާ އިމްޕޯޓްކުރާ އަމިއްލަ ވިޔަފާރިތަކުން ކަމަށްވާއިރު، އެސްޓީއޯއިން ދާއިމީކޮށް ފިޔާ ނުގެނެއެވެ. ނަމަވެސް، ޢާންމުކޮށް ބޭނުންކުރާ ކާބޯތަކެތީގެ ބާވަތްތައް ލިބުމުގައި ދަތިވާ ޙާލަތްތަކުގައި ޢާންމު ރައްޔިތުންނަށް ދިމާވާ ދަތިތައް ހައްލުކޮށްދިނުމަށް އެސްޓީއޯއިން ވަނީ އަބަދުވެސް އެހީތެރިކަން ފޯރުކޮށްދީފައެވެ. މިގޮތުން މިހާރު ފިޔާ ލިބެން ދަތިވެ، އަގުބޮޑުވުމާ ގުޅިގެންވެސް އެސްޓީއޯއިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.