ޚަބަރު
ސްރީލަންކާއިން ދިވެހިންނަށް އެއް އަހަރު ދުވަހާ ހަމައަށް މެޑިކަލް ވިސާ ދޭން ފަށައިފި

ސްރީލަންކާ---
ސްރީލަންކާއަށް ބޭސްފަރުވާއަށް ދާ ދިވެހިންނަށާއި، އެ ޤައުމުގެ ރައްޔިތުންނާ ކައިވެނިކޮށްގެން އުޅޭ ދިވެހީންނަށް އެއް އަހަރު ދުވަހާ ހަމައަށް ވިސާ ދޭން ފަށައިފިއެވެ.
ސްރީލަންކާގެ ސަރުކާރުން މިގޮތަށް ޢަމަލުކުރަން ފަށާފައި ވަނީ މި މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.
މިކަމާ ގުޅިގެން ހާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ، ސްރީލަންކާއަކީ ގިނަ ދިވެހިން ދިރިއުޅެމުންދާ އަދި ޞިއްޙީ ފަރުވާއަށް ދަތުރުކުރާ ޤައުމަކަށްވާތީ، މި ނިންމުމުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ވިސާއާ ގުޅޭ ކަންކަމުގައި ދިމާވާ ގޮންޖެހުންތަކަށް ޙައްލެއް ލިބިގެންދާނެކަމަށެވެ.
އެ ވުޒާރާއިން ވަނީ ވިސާއަށް އެދޭ ފަރާތްތަކުން އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަކުރުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފައެވެ. އަދި ވަކިން ޚާއްޞަކޮށް، ސެކިއުރިޓީ ކްލިއަރެންސްއަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަކުރުމަށް ސަމާލުކަން ދިނުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
ވިސާ ހޯދުމަށް ހުށަހަޅާއިރު ސެކިއުރިޓީ ކްލިއަރެންސްގެ ރެކޯޑުގައި އެއްވެސް މައްސަލައެއް ފާހަގަކުރެވިއްޖެނަމަ، އޭގެ ސަބަބުން ވިސާ ބާޠިލުވުން ފަދަ ނޭދެވޭ ނަތީޖާއެއް ކުރިމަތިވެދާނެތީ، މިކަމަށް ސަމާލުވުމަށް ސްރީލަންކާ ސަރުކާރުން ވަނީ އިލްތިމާސްކޮށްފައެވެ.
ސްރީލަންކާއިން އެއް އަހަރުގެ ދުވަހުގެ ވިސާ ދިވެހީންނަށް ހަމަޖެއްސުމާ ގުޅޭ ގޮތުން، އެ ޤައުމުގެ ރައީސް، އަނޫރާ ކުމާރާ ޑިސަނާޔަކެ ރާއްޖެއަށް މިދިޔަ މަހު ފަހުކޮޅު ކުރެއްވެވި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެސް ވަނީ މަޝްވަރާކުރައްވާފައެވެ.