ޚަބަރު
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ފަރާތްތަކަށް މިފްކޯއިން ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދެނީ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ފަރާތްތަކަށް މިފްކޯއިން ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް އެއްބަސްވުމުގައި ސޮއިކުރުން، ފޮޓޯ: އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ

ފަރުދުން
05 އޯގަސްޓު 2025، 11:14
05 އޯގަސްޓު 2025، 11:14
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ފަރާތްތަކަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ)އިން ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމާ ގުޅޭ އެއްބަސްވުމެއް އެކުލަވާލައިފިއެވެ.
މިކަމާ ގުޅިގެން އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ، މިއީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ދައުލަތުގެ ބެލުމުގެ ދަށުގައި ބަލަހައްޓަމުންދާ ފަރާތްތަކަށް އާމްދަނީ ލިބޭނެ މަގު ފަހިކުރުމުގެ ގޮތުން އެ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތުތައް ހަމަޖެއްސުމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ އާއި މިފްކޯއާ ދެމެދެ ވެވުނު އެއްބަސްވުމެއް ކަމަށެވެ.
މި އެއްބަސްވުމުގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ދައުލަތުގެ ބެލުމުގެ ދަށުގައި ބަލަހައްޓަމުންދާ ފަރާތްތަކުގެ ތެރެއިން، ވަޒީފާއަށް އެދޭ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތުތައް ހޯދައިދިނުމުގެ މަސައްކަތްތައް ކުރެވިގެންދާނެކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.
މި ފަހުމުނާމާގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ވަޒީފާއަށް އައްޔަނުކޮށް މަސައްކަތް ހަވާލުކުރެވޭއިރު، މަސައްކަތްކުރަން ކަނޑައަޅާ ތަނަކީ މި ފަރާތްތައް މަސައްކަތްކުރުން އެކަށީގެންވާ ތަންތަންކަން ޔަޤީން ކުރެވިގެން ދާނެއެވެ. އަދި މީގެ އިތުރުން، މި އެއްބަސްވުމުގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް އެހެން މީހުންނަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ފުދުންތެރިކަން އިތުރުކުރެވި، އަބުރުވެރިކަމާއެކު ދިރިއުޅެވޭނެ މަގު ފަހިކޮށްދެވޭނެކަމަށް ވެސް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ހާމަކުރެއެވެ.