ޚަބަރު
އުތުރުގެ އަތޮޅުތަކަށް ރީނދޫ ސަމާލު ނެރެފި

މާލެ ކައިރިން ދުއްވާފައިދާ ލޯންޗެއް، ފޮޓޯ: މިހާރު
ހއ އަތޮޅުން ފެށިގެން މާލެ އަތޮޅަށް މޫސުން ބޮޑަށް ގޯސްވާނެކަމަށް ލަފާކޮށް ރީނދޫ ސަމާލު ނެރެފިއެވެ.
އެގޮތުން ހެނދުނު 07:30 އިން ފެށިގެން މެންދުރުފަހު 13:30އާ ހަމައަށް ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރު މިނެއްގައި ވައިޖެހޭނެކަމަށް ލަފާކޮށްފައި ވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވާނެކަމަށް ވަނީ ލަފާކޮށްފައެވެ.
އަދި މި ވަގުތުތަކުގައި ކަނޑުތައް ވަރަށް ގަދަވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ހާމަކޮށްފައެވެ.
މި ވަގުތުތަކުގައި މާލެއިން ދެކުނުގެ އަތޮޅުތަކަށް ބަލާލާއިރު، އއ އަތޮޅުން ލ އަތޮޅަށް ވަނީ ހުދު ސަމާލު ނެރެފައެވެ.
އެގޮތުން ހެނދުނު 07:30 އިން ފެށިގެން މެންދުރުފަހު 13:30އާ ހަމައަށް ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރު މިނެއްގައި ވައިޖެހޭނެކަމަށް ލަފާކޮށްފައި ވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެކަމަށް ވަނީ ލަފާކޮށްފައެވެ.
ކުރިއަށް އޮތް ބުދަ ދުވަހާ ހަމައަށް މުޅި ރާއްޖެއަށް މޫސުން ގޯސްވެ، އާންމު ގޮތެއްގައި ވައި ބާރުވެ ކަނޑުތައް ގަދަވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ. އެހެންކަމުން ކަނޑުމަގުން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފުން) އިން ވަނީ އިލްތިމާސްކޮށްފައެވެ.
މޫސުމަށް ސަމާލުވުމަށް އިލްތިމާސްކުރަމުން އެމްއެންޑީއެފްއިން ވަނީ، ކޮންމެހެން ދަތުރުކުރަންޖެހޭ ފަރާތްތަކުން ވެސް ދަތުރުކުރައްވާއިރު މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އެދިވަޑައިގެންފައެވެ. އަދި ރޭގަނޑު ދަތުރު ނުކުރެއްވުމަށާއި، މޫސުން ތަންނުދޭނަމަ މޫސުން ރަނގަޅު ވަންދެން ދަތުރު ފަސްކޮށްލެއްވުމަށާއި، ރީނދޫ ނުވަތަ އޮރެންޖު ސަމާލު ނެރެފައިވަނިކޮށް ދަތުރުނުކުރެއްވުމަށް އިލްތިމާސްކޮށްފައެވެ.