ކުޅިވަރު
މެންޗެސްޓަރ ޔުނައިޓެޑު ފަރުވާ ކުޑަކަމަށާއި ޓީމަށް އިތުރު ކުޅުންތެރިން ހޯދަންޖެހޭކަމަށް ފެނާންޑޭޒް ބުނެފި

ބްރޫނޯ ފެނާންޑޭޒް، ފޮޓޯ: ރޮއިޓާސް
ޕްރީސީޒަންގައި އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުވުމުން، ޓީމު ފަރުވާކުޑަކަމަށް ލޭބަލްކޮށް އިތުރު ކުޅުންތެރިން ހޯދާ، ޓީމު ވަރުގަދަ ކުރަންޖެހޭކަމަށް މެންޗެސްޓަރ ޔުނައިޓެޑުގެ ކެޕްޓަން ބްރޫނޯ ފެނާންޑޭޒް ބުނެފިއެވެ.
އާދީއްތަ ދުވަހު ޖޯޖިއާގެ އެޓަލާންޓާގައި ކުޅުނު މި މެޗުގައި މެންޗެސްޓަރ ޔުނައިޓެޑުގެ ފުރަތަމަ ގޯލު ކާމިޔާބުކުރީ ފެނާންޑޭޒްއެވެ. އަދި އެއަށްފަހު އިލިމަން ޑިއާއީގެ ގޯލުން އެވަޓަންއިން މެޗުގެ ނަތީޖާ ހަމަހަމަކޮށްފައި ވަނިކޮށް، ދެވަނަ ހާފުގައި މޭސަން މައުންޓު ވަނީ ޔުނައިޓެޑަށް އަނބުރާ ލީޑު ނަގައިދީފައެވެ. ނަމަވެސް 75 ވަނަ މިނެޓުގައި ޔުނައިޓެޑުގެ އައިޑެން ހެވަންގެ އަތުން ބައިކޮޅަށް ވަތް ގޯލާއެކު، މެޗު ނިމުނީ 2-2 އިން އެއްވަރުވެގެނެވެ.
މި މެޗުން އެއްވަރުވި ނަމަވެސް، މިދިޔަ މަހު ވެސްޓް ހޭމް ޔުނައިޓެޑާއި ބޯނެމައުތުއާ ބައްދަލުކުރި މެޗުން ޔުނައިޓެޑު ވަނީ މޮޅުވެފައެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން ފެނާންޑޭޒް ބުނީ، އެވަޓަން މެޗުގެ ނަތީޖާއަކީ ބޭނުންވި ނަތީޖާއެއް ނޫންކަމަށާއި، މިހެން ދިމާވީ ފަރުވާކުޑަ ކުޅުމެއް ކުޅުންތެރިންގެ ފުށުން ފެނުމުން ކަމަށެވެ. އަދި ފަރުވާކުޑަ ވުމަކީ އެކަމުގެ އަގު މެޗުގެ ކޮންމެ ވަގުތެއްގައި ވެސް އަދާކުރަން ޖެހިދާނެ ކަމެއްކަމަށް އޭނާ ހާމަކުރިއެވެ.
ނިމުނު ސީޒަނަކީ ޔުނައިޓެޑަށް އެންމެ ނާކާމިޔާބު ސީޒަނެވެ. ލީގުގެ 15ވަނައިގައި ޔުނައިޓެޑަށް މިދިޔަ ސީޒަން ނިންމާލަން ޖެހުނުއިރު، އެކަން ރަގަޅު ކުރުމަށް އެ ކްލަބުން ވަނީ މިދިޔަ ސީޒަނުގައި މޮޅު ކުޅުމެއް ދެއްކި ދެ ފޯވާޑުން ކަމުގައިވާ ކޫނާ އާއި އެމްބެއުމޯ އެ ކްލަބަށް ގެންގޮސްފައެވެ. އަދި އެ ދެ ކުޅުންތެރިން ވަނީ އެވަޓަން މެޗުގައި ފުރަތަމަ 11ގައި ހިމެނިގެން ކުޅެފައެވެ.
އަންނަ ސީޒަނުގައި ޔުނައިޓެޑުން ފުރަތަމަ ނިކުންނަން ޖެހެނީ އާސެނަލްއާ ދެކޮޅަށެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 17 ވަނަ ދުވަހެވެ.