ޚަބަރު
ހުޅުމާލެ ހޮސްޕިޓަލުގައި މެޑިކަލް އިންޓާރންޝިޕް ފަށަން ތައްޔާރުވަނީ

ހުޅުމާލެ ހޮސްޕިޓަލުގައި ކުރިޔަށްދިޔަ އޮރިއެންޓޭޝަން ޕްރޮގްރާމް، ފޮޓޯ: ހުޅުމާލެ ހޮސްޕިޓަލް
ހުޅުމާލެ ހޮސްޕިޓަލުގައި މުޅިން އަލަށް މެޑިކަލް އިންޓާންޝިޕް ފެށުމަށް ތައްޔާރުވެއްޖެއެވެ. އެ ހޮސްޕިޓަލުގައި މެޑިކަލް އިންޓާރންޝިޕް ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 10ވަނަ ދުވަހުއެވެ.
ރާއްޖެއިން ބޭރުން މެޑިސިން ކިޔަވާ ދަރިވަރުންނަށް އިންޓާރންޝިޕް ނުވަތަ ތަޖުރިބާގެ ފުރުޞަތު ލިބުމުގެ ދަތިކަން ބޮޑުވެފައިވުމާ ގުޅިގެން، މިކަމަށް ޙައްލެއް ހޯދުމަށް ސަރުކާރުން ވަނީ މަސައްކަތް ފަށާފައެވެ. އެގޮތުން ރާއްޖޭގެ މައި ހޮސްޕިޓަލުތަކުން މި ފުރުސަތު ހޯދައިދިނުމަށް ކުރެވުނު މަސައްކަތުން، މާލޭ ސަރަޙައްދުން ދެ ހޮސްޕިޓަލަކުން މި ފުރުސަތު ވަނީ ފަހިކޮށްދީފައެވެ. އެއީ އައިޖީއެމްއެޗް އަދި އޭޑީކޭއިންނެވެ.
މާލޭ ސަރަޙައްދުން ތިންވަނަ ހޮސްޕިޓަލެއްގެ ގޮތުން، ދެން އިންޓާރންޝިޕް ފެށުމަށް ތައްޔާރުމިވީ ހުޅުމާލެ ހޮސްޕިޓަލުންނެވެ. އެ ހޮސްޕިޓަލުގެ ފުރަތަމަ އިންޓާރންޝިޕް ބެޗަށް މިއަދު ވަނީ އޮރިއެންޓޭޝަން ޕްރޮގްރާމް ފަށާފައެވެ.
މި އިންޓާރންޝިޕް ޕްރޮގްރާމްގައި 15 ދަރިވަރަކު ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމަކީ އެއް އަހަރު ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދާ ޕްރޮގްރާމެކެވެ.
We have started the orientation for our first batch of medical interns. We extend our sincere appreciation to IGMH’s NHA Team for planning and leading the program@igmhmv @MoHmv pic.twitter.com/v6i96TAYWe
— Hulhumalé Hospital (@HMH_mv) August 4, 2025
މާލެ ސަރަޙައްދުން ބޭރުން، އައްޑޫ ސިޓީ އިކުއެޓޯރިއަލް ހޮސްޕިޓަލްގައިވެސް މިދިޔަ ޖުލައިމަހު ވަނީ އިންޓާރންޝިޕް ފަށާފައެވެ.
މީގެ އިތުރުން، ރާއްޖެއިން ބޭރުގެ ހޮސްޕިޓަލުތަކުން މި ފުރުސަތު ހޯދައިދިނުމަށް ވެސް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.
މެޑިސިން ދާއިރާއިން ކިޔަވާ ދަރިވަރުންނަށް ޑޮކްޓަރުކަމުގެ ފާސް ލިބެނީ އިންޓާރންޝިޕް ޕްރޮގްރާމް ފުރިހަމަ ކުރުމުންނެވެ. އެހެންކަމުން މިކަން ފަހިކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.
ބަންގްލަދޭޝްގެ ސަރުކާރާއެކު ރައީސުލްޖުމްހޫރިއްޔާ މިދިޔަ އަހަރު ބޭއްވެވި ބައްދަލުކުރެއްވުމަށްފަހު އެ ޤައުމުން ވަނީ ރާއްޖޭގެ ޑޮކްޓަރުންނަށް އިންޓާރންޝިޕް ފުރުސަތު، އެ ޤައުމުގެ 7 ކޮލެޖަކުން ދިނުމަށް ނިންމާފައެވެ. ބަންގްލަދޭޝް އާއި ނޭޕާލްގެ އިތުރުންވެސް، އަވައްޓެރި އެހެން ޤައުމުތަކުގައި ދިވެހީން ދަނީ އިންޓާރންޝިޕް ޕްރޮގްރާމް ފުރިހަމަކުރަމުންނެވެ.