ދުނިޔެ

ބެއިޖިންގ ގައި ބޯކޮށްވާރޭވެހި ފެންބޮޑުވުމުގެ ނުރައްކާ ބޮޑުވެއްޖެ

ބެއިޖިންގ ގައި ބޯކޮށްވާރޭވެހި ފެންބޮޑުވުމުގެ ނުރައްކާ ބޮޑުވެއްޖެ

ބެއިޖިންގ ގައި ފެންބޮޑުވެފައި

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

04 އޯގަސްޓު 2025، 12:56

04 އޯގަސްޓު 2025، 12:56

ޗައިނާގެ ވެރިކަންކުރާ ސިޓީ، ބެއިޖިންގގެ ހުރިހާ އަވަށަކަށް އަނެއްކާވެސް ބޯކޮށްވާރޭވެހޭނެ ކަމުގެ އިންޒާރު ދީފިއެވެ. މިދިޔަ ހަފްތާގައި ބެއިޖިންގ އަށް ކުރި ވިއްސާރައިގެ ސަބަބުން 44 މީހުން މަރުވުމުން، އެސިޓީގެ ރައްޔިތުންނަށް ވަނީ ބޭރަށް ނުނިކުތުމަށް އަންގާފައެވެ. މިއީ 2012 ވަނަ އަހަރުން ފެށިގެން އެ ސިޓީއަށް ކުރި އެންމެ ނުރައްކާތެރި ވިއްސާރައިގެ ކާރިސާއަށްފަހު ދީފައިވާ އިންޒާރެކެވެ.

ބެއިޖިންގގެ މޫސުމާ ބެހޭ އިދާރާއިން މައުލޫމާތު ދީފައިވާ ގޮތުގައި، ހޯމަ ދުވަހުގެ މެންދުރުފަހުން ފެށިގެން ހަ ގަޑިއިރު ތެރޭގައި 200 މިލިމީޓަރާ ހަމައަށް ވާރޭ ވެހުން އެކަށީގެންވެއެވެ. 22 މިލިއަން މީހުންގެ އާބާދީއެއް އޮންނަ މި ސިޓީއަށް އަހަރަކު އެވްރެޖްކޮށް 600 މިލިމީޓަރު ވާރޭ ވެހެއެވެ.

މި އިންޒާރު އައިސްފައިމިވަނީ، ގައުމުގެ އެކި ކަންކޮޅުތަކުން ފެންބޮޑުވެގެން މީހުން މަރުވެފައިވާ ކަމުގެ ރިޕޯޓްތައް ލިބެމުންދާއިރު، ސަރުކާރުން ފެންބޮޑުވުމުން ދިފާއުވުމަށް ހަދާފައިވާ ދުވަސްވެފައިވާ ހުރަސްތައް ވަރުގަދަކުރުމާއި، މޫސުމީ ލަފާކުރުންތައް އިތުރަށް ހަރުދަނާކުރުމަށް މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ. ހެބެއި ޕްރޮވިންސަށް ވެހުނު ވާރެއިން ފެންބޮޑުވި ވެލްނެސް ކެމްޕަކުން މަދުވެގެން ތިން މީހެއްގެ ހަށިގަނޑު ފެނިފައިވެއެވެ.

މިދިޔަ ޖުލައި މަހުގެ 23 އިން 29 އަށް ވެހުނު ބޯވާރޭގެ ސަބަބުން ބެއިޖިންގގައި 44 މީހުން މަރުވިއެވެ. މަރުވި މީހުންގެ ތެރެއިން ގިނަ ބަޔަކީ، ސިޓީގެ އިރުއުތުރުފަރާތު މިޔުންގު ޑިސްޓްރިކްޓްގައި ހުންނަ ނަރސިންގ ހޯމެއްގައި، ކުއްލިއަކަށް ފެން ބޮޑުވެ ފެންގަނޑުގައި ނުކުމެވޭގޮތް ނުވެ ތާށިވެފައި ތިބި މީހުންނެވެ. މި ހާދިސާއާއެކު، މޫސުމީ ނުރައްކާތަކަށް ތައްޔާރުވުމަށް އެކަށީގެންވާ ރިހެބިލިޓޭޝަން ޕްލޭނެއް ނެތްކަން ބެއިޖިންގގެ ކަމާބެހޭ ފަރާތްތަކުން ވަނީ އެއްބަސްވެފައެވެ.

ހޯމަ ދުވަހުގެ މެންދުރުގެ ނިޔަލަށް، ބެއިޖިންގގެ 16 ޑިސްޓްރިކްޓްގައި ވެސް ވަނީ އެންމެ މަތީ ދަރަޖައިގެ ތައްޔާރީތައް ފަށާފައެވެ. މިއީ ޖުލައި 28 އިން ފަހު، ސިޓީ ފެންވަރުގައި މިފަދަ ތައްޔާރީތަކެއް ފެށި ފުރަތަމަ ފަހަރެވެ. މިކަމުގެ ސަބަބުން 'ގްރޭޓް ވޯލް'ގެ ބައެއް ސަރަހައްދުތަކާއި، ބޭރުގައި ހިންގާ ހުރިހާ މުނިފޫހިފިލުވުމުގެ ކަންކަން އަދި ބިންގަރާހުގައި ހިންގާ ވިޔަފާރިތައް ވަނީ ބަންދުކޮށްފައެވެ. ކަމާބެހޭ ފަރާތްތަކުން ބުނެފައިވަނީ، ކުއްލިއަކަށް ފެންބޮޑުވުމާއި ވާރޭވެހުން "އެތަށް ގުނައަކަށް އިތުރުވެފައިވާ" ކަމަށެވެ.

ބެއިޖިންގގެ ބައްޓަމަކީ ބައެއް ފަރާތްތަކުން ސިފަކުރާ ގޮތުގައި، ވާރޭ "ހަރުލާ" ބައްޓަމެކެވެ. ސަބަބަކީ އެ ސިޓީގެ ހުޅަނގުގަޔާއި އުތުރުގައި ހުންނަ ފަރުބަދަތަކުން  ވައި ހިފަހައްޓައި، ވާރޭ އިތުރަށް ގަދަކުރާ ކަމަށް ވާރޭ މިންކުރާ ފަރާތްތަކުން ބުނެއެވެ.

ވެލްނެސް ރިޓްރީޓްގެ ހާދިސާ

ޗައިނާގެ ސަރުކާރުގެ ޚަބަރު އެޖެންސީ ޝިންހުއާ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ހެބެއި ޕްރޮވިންސުގެ ޗެންގްޑެ ސިޓީގައި، ބެއިޖިންގ އާ ޖެހިގެން އޮންނަ "ބެއިޖިންގ ވެލީ" ނަމަކަށް ކިޔާ ވެލްނެސް ރިޓްރީޓަށް ވެހުނު ބޯވާރޭގެ ސަބަބުން ހޮނިހިރު ދުވަހާ ހަމައަށް ތިން މީހުން މަރުވެ، ހަތަރު މީހުން ގެއްލިފައިވެއެވެ. ކައިޝިން މީޑިއާ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޖުލައި 27 ގައި އެ ސަރަހައްދުގައި އޮތް އިވެންޓެއްގައި ގާތްގަޑަކަށް 40 މީހުން ބައިވެރިވެފައިވެއެވެ. އެ އިވެންޓް އިންތިޒާމްކުރި ފަރާތްތަކުން ބައިވެރިންނަށް ތަންތަން ހަދައިދީފައިވަނީ ކޯރެއްގެ ކައިރީގައި، ފެންބޮޑުވުމުގެ ނުރައްކާ ބޮޑު ހިސާބެއްގައެވެ.
ޖެހިގެން އައި ދުވަހުގެ ފަތިހު 2:00 ވީއިރު، ފެންބޮޑުވެ ކަކުލާ ހަމައަށް ފެންގަނޑު އަރައި، ބައިވެރިންނަށް މަޖުބޫރުވީ އެ ކެމްޕުން ނުކުންނަން އޮތް ހަމައެކަނި މަގުން އަވަހަށް ނުކުތުމަށެވެ.

ގުއަންގްޑޮންގ ޕްރޮވިންސުން ވެސް މީހުން މަރުވެއްޖެ

ޗައިނާގެ ދެކުނުގެ ގުއަންގްޑޮންގ ޕްރޮވިންސުން މި ހަފްތާ ބަންދުގައި ބޯވާރޭގެ ސަބަބުން ގެއްލުނު ފަސް މީހެއްގެ ހަށިގަނޑު، 1,300 އަށް ވުރެ ގިނަ މީހުން ހިމެނޭ ބޮޑު ރެސްކިއު އޮޕަރޭޝަނެއްގެ ތެރެއިން ވަނީ ފެނިފައެވެ. ޝިންހުއާ އިން އާދިއްތަ ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި، ހުކުރު ދުވަހުގެ ރޭ ގެއްލިފައިވާ މި ފަސް މީހުންނަކީ، މިދިޔަ ދުވަސްތަކުގައި ވެހުނު ބޯވާރޭގެ ސަބަބުން ފެންގަނޑަށް ގެނބިފައިވާ ބައެކެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން