ވިޔަފާރި / ޚަބަރު

އެމްޕީއެލްއިން މިދިޔަ ހަފްތާގައި 1300އަށް ވުރެ ގިނަ ކޮންޓެއިނަރ ކްލިއަރކޮށްފި: އަސާސީ ކާބޯތަކެތި ގިނަ

އެމްޕީއެލްއިން މިދިޔަ ހަފްތާގައި 1300އަށް ވުރެ ގިނަ ކޮންޓެއިނަރ ކްލިއަރކޮށްފި: އަސާސީ ކާބޯތަކެތި ގިނަ

އެމްޕީއެލްއިން ފިޔާ ބޭލުމުގެ މަސައްކަތް ކުރަނީ ފޮޓޯ: އެމްޕީއެލް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

04 އޯގަސްޓު 2025، 12:49

04 އޯގަސްޓު 2025، 12:49

މޯލްޑިވްސް ޕޯޓްސް ލިމިޑެޓް (އެމްޕީއެލް) އިން މިދިޔަ ހަފްތާގައި 1314 ކޮންޓެއިނަރ ކްލިއަރކޮށްފައިވާކަމަށް އެކުންފުނިން ވިދާޅުވެއްޖެއެވެ. މީގެތެރެއިން އެންމެ ގިނައީ ރާއްޖެއަށް މުހިންމު އަސާސީ ކާބޯތަކެތިކަމަށްވާ ފިޔައާއި ބިހެވެ. މިކަން ހާމަވެފައިވަނީ އެމްޕީއެލްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުންނެވެ.

އެމްޕީއެލްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން، ޖުލައި މަހުގެ 27 ވަނަ ދުވަހުން ފެށިގެން އޮގަސްޓް މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް މާލޭ ވިޔަފާރި ބަނދަރުން ވަނީ 1314 ކޮންޓެއިނަރ ކްލިއަރކޮށްފައެވެ. މި ކޮންޓެއިނަރތަކުގެ ތެރޭގައި 20 ފޫޓުގެ 500 ކޮންޓެއިނަރއާއި 40 ފޫޓުގެ 407 ކޮންޓެއިނަރ ހިމެނެއެވެ.


މިދިޔަ ހަފްތާގައި މާލޭ ވިޔަފާރި ބަނދަރުން އެންމެ ގިނައިން ކްލިއަރކޮށްފައިވަނީ ބިހެވެ. އެއީ 16،988 ކޭހެވެ. ދެވަނައަށް އެންމެ ގިނައިން ކްލިއަރކޮށްފައިވަނީ 13،096 ބަސްތާ ފިޔާއެވެ. މީގެ އިތުރުންވެސް ގިނަ އަދަދެއްގެ އަސާސީ ކާބޯތަކެތި މިދިޔަ ހަފްތާގައި ވަނީ ކްލިއަރކޮށްފައެވެ.


ކްލިއަރކުރި މުހިންމު ކާބޯތަކެތީގެ ތަފްސީލުތައް ތިރީގައި މިވަނީއެވެ.

  • ކަރާ: 7،437 ކޭސް
  • އަލުވި: 5،538 ބަސްތާ
  • ޓޮމާޓޯ: 3،888 ކޭސް
  • އަލަނާސި: 3،181 ކޭސް
  • ކެބެޖު: 2،920 ކޭސް
  • ދޮންކެޔޮ: 2،634 ކޭސް

މުދާ ކްލިއަރކުރާ ކޮންޓެއިނަރުގެ އަދަދު އިތުރުވަމުންދާއިރު، އެމްޕީއެލްއިން ދަނީ އެކުންފުނީގެ އޮޕަރޭޝަންތައް އަވަސްކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މީގެކުރިއާ އަޅާބަލާއިރު އެމްޕީއެލްއިން މުދާ ކްލިއަރކުރުމަށް ނަގާ ވަގުތު ވަނީ އެތައް ގުނައަކުން ކުޑަވެފައިކަމަށް އެ ކުންފުނިން ވިދާޅުވެއެވެ. އަދި އެކުންފުނީގެ ޑިޖިޓަލައިޒޭޝަން މަސައްކަތުގެ ދަށުން ފަސޭހަކަމާއެކު މުދާ ގެންނަން ބޭނުންވާ ފަރާތްތަކަށް ބޭނުންވާ ހުރިހާ މަޢުލޫމާތެއް އެއްތަނަކުން ލިބޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައެވެ. މިކަމުގެ ސަބަބުން މުދާ ހުސްކުރުމުގެ މަސައްކަތްތައް ހަލުވިވެ، އާންމުންނާއި ވިޔަފާރިވެރިންނަށް ފަސޭހަތަކެއް ލިބިގެންދާނެއެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން