ޚަބަރު
އުއްތަމަ ފަނޑިޔާރުގެ މަޤާމަށް ޢަބްދުލްޣަނީ އައްޔަންކުރުމަށް މަޖިލީހަށް ހުށަހަޅައިފި

ޓެކްސްއެޕީލް ޓްރައިބިއުނަލްގެ ރައީސް އަދި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލް ޣަނީ

ފަރުދުން
04 އޯގަސްޓު 2025، 12:03
04 އޯގަސްޓު 2025، 12:03
އުއްތަމަ ފަނޑިޔާރުގެ މަގާމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލްޣަނީ މުޙައްމަދު ޢައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.
އުއްތަމަ ފަނޑިޔާރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމުން ޣަނީގެ އިތުރުން ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނާއި ފެމިލީ ކޯޓުގެ ގާޒީ އަދި ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަބްދުﷲ މުހައްމަދު ކުރިމަތި ލެއްވިއެވެ. އެ ތިން ބޭފުޅުންނާ އިންޓަރވިއުކުރުމަށްފަހު ޖުޑީޝަލް ސަރވިސް ކޮމިޝަން، ޖޭއެސްސީން އިސްކަން ދެއްވާފައިވަނީ އުއްތަމަ ފަނޑިޔާރުކަމުގެ މަޤާމަށް ޢަބްދުލްޣަނީ މުޙައްމަދު ޢައްޔަންކުރެއްވުމަށެވެ. އަދި ރައީސުލްޖހުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީގައިވެސް ވަނީ އުއްތަމަ ފަނޑިޔާރުގެ މަޤާމަށް ޢަބްދުލްޣަނީ މުޙައްމަދު އައްޔަންކުރެއްވުމަށް ޖޭއެސްސީން އެމަނިކުފާނަށް ލަފާދެއްވާފައިވާކަމަށް ބަޔާންކުރައްވާފައެވެ.
ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާ އަށް އިއްވެވި ރައީސުލްޖުމްހޫރިއްޔާގެ ސިޓީގައި ވިދާޅުވީ، އުއްތަމަ ފަނޑިޔާރުގެ މަގާމަށް ޣަނީ އައްޔަން ކުރައްވަން ޖޭއެސްސީން އެ މަނިކުފާނަށް ލަފާ އަރުވާފައިވާ ކަމަށެވެ. އެހެންވެ، މަޖިލިހަށް އެ ނަން އިއްވެވުމަށް ފަހު، ދިރާސާ ކުރަން ޖުޑިޝަރީ ކޮމިޓީ އަށް ފޮނުވިކަން މަޖިލިހުގެ ރިޔާސަތުން އިއުލާން ކުރެއްވި އެވެ.
އުއްތަމަ ފަނޑިޔާރުގެ މަޤާމު ހުސްވީ އެ މަޤާމުގައި ހުންނެވި އަލްއުސްތާޛު އަޙްމަދު މުޢުތަސިމް އަދުނާން މިދިޔަ މަހު އެ މަޤާމުން ރިޓަޔަރ ކުރެއްވުމާއި ގުޅިގެންނެވެ. އުއްތަމަ ފަނޑިޔާރު ކަމަށް ބޭފުޅަކު އައްޔަން ކުރާނީ ޖޭއެސްސީގެ ލަފާގެ މަތިން ރައްޔިތުންގެ މަޖިލީހަށް ރައީސް ފޮނުއްވާ ނަންފުޅެއް މަޖިލީހުން ފާސްކޮށްގެންނެވެ.