ޚަބަރު
ހައިކޯޓުގެ ފަނޑިޔާރަކަށް ޢަބްދުالله ޖަމީލު މޫސާ އައްޔަންކުރައްވައިފި

ހައިކޯޓުގެ ފަނޑިޔާރަކަށް ޢަބްދުالله ޖަމީލު މޫސާ އައްޔަންކުރެއްވުން، ފޮޓޯ: ޕީއެސްއެމް

ފަރުދުން
03 އޯގަސްޓު 2025، 10:32
03 އޯގަސްޓު 2025، 10:32
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރަކަށް އަލްއުސްތާޛު ޢަބްދުﷲ ޖަމީލު މޫސާ ޢައްޔަންކުރައްވައިފިއެވެ.
ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ޢަބްދުﷲ ޖަމީލު އައްޔަންކުރެއްވީ، ސުޕްރީމް ކޯޓުން ހުސްވި ފަނޑިޔާރުކަމުގެ މަޤާމަށް އެ ކޯޓުގެ ދެ ފަނޑިޔާރުން އައްޔަންކުރެއްވުމާ ގުޅިގެންނެވެ. ހައިކޯޓުން ސްޕްރީމް ކޯޓަށް ބަދަލުވީ އަލްއުސްތާޛު ޢަބްދުﷲ ޙަމީދާއި އަލްއުސްތާޛު މުޙައްމަދު ސަލީމްއެވެ.
ހައިކޯޓުގެ ފަނޑިޔާރުކަމަށް ޢަބްދުﷲ ޖަމީލު ޢައްޔަންކުރައްވާފައިވަނީ ޖުޑިޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެންބަރުންގެ އަޤުލަބިއްޔަތުންނެވެ. އަދި މިއަދު ޖޭއެސްސީއިން ބޭއްވި ރަސްމިއްޔާތެއްގައި ހައިކޯޓުގެ ފަނޑިޔާރުކަމުގެ ހުވާކޮށް، ހުވާގެ އިޤުރާރުގައި އޭނާ ވަނީ ސޮއިކޮށްފައެވެ. ޢަބްދުﷲ ޖަމީލަށް މަޤާމުގެ ހުވައި ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަބްދުﷲ ހަމީދެވެ.
އަލްއުސްތާޛު ޢަބްދުﷲ ޖަމީލު މޫސާއަކީ ކުއްލިއްޔަތުލް ދިރާސާތުލް އިސްލާމިއްޔާއިން ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ ވިތު އޮނަރސް ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. ޢަބްދުﷲ ޖަމީލް ފަނޑިޔާރުކަމުގައި 15 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވިއެވެ. ޖަމީލް އެންމެ ފަހުން ހުންނެވީ ސިވިލް ކޯޓުގެ ޤާޟީކަމުގެ މަޤާމުގައެވެ. ފަނޑިޔާރުކަމުގެ މަޤާމުން ވަކިވެވަޑައިގެންނެވުމަށް ފަހު، ޢަބްދުﷲ ޖަމީލް ވަނީ ޤާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރައްވާފައެވެ.
ހައިކޯޓުން މައްސަލަތައް ބަލައި ނިންމާނީ އޮނަހިރި އަދަދެއްގެ މައްޗަށް އެކުލެވޭ ފަނޑިޔާރުންގެ މަޖިލީހަކުން ކަމަށް ޤާނޫނު އަސާސީގައި ބުނެފައިވެއެވެ. އެގޮތުން ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 27 ވަނަ މާއްދާގެ ދަށުން ހައިކޯޓު އެކުލެވިގެންވަނީ އިސްފަނޑިޔާރާއި އެކު ޖުމްލަ 11 ފަނޑިޔާރުންގެ މައްޗަށެވެ.
ޢަބްދުﷲ ޖަމީލުގެ އިތުރުން މިވަގުތު ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމުގައި ތިއްބެވީ 10 ފަނޑިޔާރުންނެވެ. އެއީ އެ ކޯޓުގެ އިސްފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ފައިސަލް އާއި ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ނިޔާޒް އާއި ފަނޑިޔާރު އަލްއުސްތާޛު ޙުސައިން މަޒީދު އާއި ފަނޑިޔާރު އަލްއުސްތާޛު ޙަސަން ޝަފީޢު އާއި ފަނޑިޔާރު އަލްއުސްތާޛާ ފާޠިމަތު ފަރްހީޒާ އާއި ފަނޑިޔާރު އަލްއުސްތާޛާ ޙުޒައިފާ މުޙައްމަދާއި، ފަނޑިޔާރު އަލްއުސްތާޛު ޢަބްދުލްމާނިޢު ޙުސައިން އާއި އަލްއުސްތާޛާ ދީބާނާޒް ފަޙުމީ އަދި އަލްއުސްތާޛު މުޙައްމަދު ޝަނީޒް ޢަބްދުﷲއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓަކީ ދަށު ކޯޓުތަކާއި ޓްރައިބިއުނަލްތަކުން ނިންމާ ނިންމުންތަކުގެ ތެރެއިން، ޤާނޫނަކުން އެ ނިންމުމެއް، ހައިކޯޓަށް ހުށަހެޅުން އިސްތިސްނާކޮށްފައި ނުވާ އެންމެހައި ނިންމުންތައް އިސްތިއުނާފު ކުރެވޭކޯޓެވެ. ޤާނޫނުއަސާސީ ނުވަތަ ޤާނޫނެއްގައި މައްސަލައެއްގެ ފުރަތަމަ މަރުޙަލާގެ ކޯޓަކީ ހައިކޯޓު ކަމުގައި ކަނޑައަޅާފައިވާ އެންމެހައި މައްސަލަތައްވެސް ބަލާނީ ހައިކޯޓުންނެވެ.