ކުޅިވަރު

ކްލަބް ސްޓިލްރެޑުން ވެލިދޫ ސޮކަރ ކަޕް 8ވަނަ ފަހަރަށް ކާމިޔާބުކޮށްފި

ކްލަބް ސްޓިލްރެޑުން ވެލިދޫ ސޮކަރ ކަޕް 8ވަނަ ފަހަރަށް ކާމިޔާބުކޮށްފި

ކްލަބް ސްޓިލްރެޑުން މުބާރާތުގެ ތަށި އުފުލާލަނީ، ފޮޓޯ: ނޫނު ފޮޓޯ

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

03 އޯގަސްޓު 2025، 08:55

03 އޯގަސްޓު 2025، 08:55

ހަތް އަހަރުގެ މެދުކެނޑުމަކަށްފަހު ނ. ވެލިދޫ ކައުންސިލުން އިންތިޒާމްކޮށްގެން ބޭއްވި "ވިޒިޓް ވެލިދޫ ސޮކާރ ކަޕް 2025"ގެ ޗެމްޕިއަންކަން ކްލަބް ސްޓިލްރެޑުން 8ވަނަ ފަހަރަށް ހޯދައިފިއެވެ. 

ހަތަރު ޓީމެއް ވާދަކުރި މި މުބާރާތުގެ ފައިނަލް މެޗުގައި ބައްދަލުކުރީ ކްލަބް ސްޓިލްރެޑާއި ޓީކޭއެފް ސްޕޯޓްސް ކްލަބެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ ފައިނަލު މެޗު ސްޓިލްރެޑުން ކާމިޔާބުކުރީ 1-0އިންނެވެ.

މިނިވަން ދުވަހާ ދިމާކޮށް ޖުލައި 26ގައި މި މުބާރާތް ފެށިއިރު، ފައިނަލުން ޖާގަ ލިބެނީ ލީގު ބުރުގެ އެއްވަނަ އަދި ދެވަނަ ޓީމަށެވެ. އެގޮތުން ޓީކޭއެފް އަދި ސްޓިލްރެޑު ވެސް ފައިނަލަށް ދަތުރުކުރީ އެއްވެސް މެޗަކުން ބަލިނުވެއެވެ. ލީގު ބުރުގައި އެ ދެ ޓީމު ބައްދަލުކުރި މެޗު ވަނީ 1-1 އިން އެއްވަރުވެފައެވެ.

ލީގު ބުރުގެ ފުރަތަމަ މެޗުގައި ބީއެފްސީއާ ވާދަކޮށް ޓީކޭއެފް ކާމިޔާބު ކުރީ 2-0 އިންނެވެ. އެ ޓީމުގެ ދެވަނަ މެޗުގައި ލީޑްސް ސްޓަރ ބަލިކޮށްފައި ވަނީ 3-0 އިންނެވެ. 

ސްޓިލްރެޑުން ފުރަތަމަ މެޗުގައި 2-1 އިން ލީޑްސް ސްޓަރ ބަލިކުރުމަށްފަހު، ފައިނަލުން ޖާގަ ކަށަވަރުކުރީ ދެވަނަ މެޗުގައި 5-2 އިން ބީއެފްސީ ބަލިކުރުމަށްފަހުއެވެ.

ފައިނަލުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ގިނަ ހަމަލާތަކެއް އުފެއްދީ ސްޓިލްރެޑުންނެވެ. ނަމަވެސް އެ ހާފު ނިމުނީ އެއްވެސް ޓީމަކަށް ގޯލެއް ކާމިޔާބު ނުކުރެވިއެވެ.

މެޗުގައި ސްޓިލްރެޑުން ލީޑު ނެގީ ދެވަނަ ހާފުގެ ދެވަނަ މިނެޓުގައި، ފުރަތަމަ ޑިވިޝަނުގައި ބުރު ސްޕޯޓްސް ކްލަބަށް ކުޅެމުން އަންނަ ޢަލީ ޙަމްދާންއެވެ. އެ ޓީމުގެ ޢަލީ މާއީސް ބޮލުން ފޮނުވާލި ހަމަލާއެއް ދިފާއުކުރުމަށް ޓީކޭއެފްގެ ގޯލްކީޕަރު ޢަލީ ނާޖިހު ޖައްސާލި ބޯޅަ ހޯދައި، ހަނި އޭންގަލުން އެ ބޯޅަށް ގޯލުގެތެރެއަށް ފޮނުވާލީ ޢަލީ ޙަމްދާންއެވެ. 

އެ ގޯލަށް ފަހު ޓީކޭއެފްގެ ކުޅުން ރަގަޅުކޮށް، ސްޓިލްރެޑުގެ ޑިފެންސް ފޫއަޅުވާލުމަށް ގިނަ ހަމަލާތަކެއް އުފެއްދުމަށް މަސައްކަތް ކުރިއެވެ. ނަމަވެސް ރާއްޖޭގެ ޤައުމީ ޓީމަށް މެދުނުކެނޑި ގިނަ ދުވަސްތަކެއް ވަންދެން ކުޅުނު އަޙުމަދު އަބްދުالله (ލިލީ) ލީޑުކުރަމުން ދިޔަ ޑިފެންސް ލައިން އެ ޓީމަށް ފޫއަލުވާލެވިފައެއް ނުވެއެވެ.

މެޗުގެ އިތުރު ވަގުތުގައި، ޓީކޭއެފްގެ ގޯލްކީޕަރު ޢަލީ ނާޖިޙު ކުރި ފައުލަކަށް އޭނާއަށް ރަތް ކާޑެއް ދައްކާފައިވެއެވެ. އޭގެ ފަހުން، ފައިނަލު މެޗުގެ ހަމައެކަނި ގޯލު ކާމިޔާބުކުރި ހަމްދާނަށް ވެސް ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑެއް ދައްކާފައި ވެއެވެ. 

މުބާރާތުގެ އެވޯޑުތައް ހާސިލްކުރި ފަރާތްތައް:

  • އެންމެ މޮޅު ކޯޗު: އަޙުމަދު ޒިޔާދު (ކްލަބް ސްޓިލްރެޑް)
  • އެންމެ ގިނަ ގޯލުޖެހި ކުޅުންތެރިޔާ: އަޙުމަދު މާއިޝް ރަޝީދު (ކްލަބް ސްޓިލްރެޑް)
  • އެންމެ މޮޅު ޑިފެންޑަރު: އަޙުމަދު އަބްދުالله – ލިލީ (ކްލަބް ސްޓިލްރެޑް)
  • އެންމެ މޮޅު މިޑްފީލްޑަރު: އިބްރާޙިމް ޝައުފް އަޙުމަދު (ޓީކޭއެފް އެސްސީ)
  • އެންމެ މޮޅު ގޯލްކީޕަރ: ޢަލީ ނާޖިޙު (ޓީކޭއެފް އެސްސީ)
  • އެންމެ އުންމީދީ ކުޅުންތެރިޔާ: މުޙައްމަދު ސިމާޙު (ލީޑްސް ސްޓާރ އެސްސީ)
  • މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ: އަޙުމަދު މާއިޝް ރަޝީދު (ކްލަބް ސްޓިލްރެޑް)

Ads by MSS

މި ލިޔުން ކިޔާލުމުން