ކުޅިވަރު
ގިނަ އަހަރުތަކަކަށްފަހު ޓޮޓެންހަމް ދޫކޮށްލުމަށް ކޮރެއާގެ ސޮން ނިންމައިފި

ސޮން ހިއުންގު-މިން ---
އިނގިރޭސިވިލާތުގެ ޓޮޓެންހަމް ހޮޓްސްޕާރއަށް ކުޅެމުން އަންނަ ސައުތު ކޮރެއާގެ ސޮން ހިއުންގު-މިން 10 އަހަރަށްފަހު އެ ކްލަބު ދޫކޮށްލަން ނިންމާފައިވާކަމަށް އިޢުލާންކޮށްފިއެވެ.
ސައުތު ކޮރެއާގެ ވެރިރަށް ސޯލްގައި ނޫސްވެރިންނާ ވާހަކަ ދައްކަމުން ޓޮޓެންހަމްގެ ކެޕްޓަން ބުނީ، މިއީ ފުޓުބޯޅަ ހަޔާތުގައި އޭނާއަށް އެންމެ އުނދަގޫވި ނިންމުން ކަމަށެވެ. ނަމަވެސް މިއީ އެކަމަށް އެންމެ ރަގަޅު ވަގުތުކަމަށާއި، މިކަން ކްލަބުގެ ހުރިހާ ފަރާތްތަކުން ވެސް ޤަބޫލުކުރާނެ ކަމަށް އުންމީދުކުރާކަމަށް ބުންޏެވެ.
ޓޮޓެންހަމްގައި ސޮން ހޭދަކުރި ދުވަސްތަކަށް އަލިއަޅުވާލަމުން އޭނާ ބުނީ، އުތުރު ލަންޑަނަށް ނިސްބަތްވާ ކްލަބަށް އޭނާ ބަދަލުވީ އުމުރުން އެންމެ 23 އަހަރުގައި ކަމަށާއި، އޭރު އިނގިރޭސި ބަހުން ވާހަކަ ދައްކަން ވެސް ނޭންގޭކަމަށެވެ.
ރިޕޯޓުތައް ބުނާ ގޮތުން އެމެރިކާގެ ލޮސް އޭންގެލްސްއިން އެ ޓީމަށް ސޮން ގެންދިއުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.
ނަމަވެސް ނޫސްވެރިންނާ ބައްދަލުކޮށް ވާހަކަ ދައްކަމުން ސޮން ބުނީ، އޭނާގެ ކުރިމަގާ މެދު އަދި ވަކިގޮތެއް ނުނިންމާ ކަމަށެވެ.
ޓޮޓެންހަމްގެ އާ ކޯޗު، ތޯމަސް ފްރޭންކް ބުނީ، މިއަދު ނިއުކާސްލްއާ ދެކޮޅަށް ސޯލްގެ ވޯލްޑް ކަޕް ސްޓޭޑިއަމްގައި ކުޅޭ މެޗުގައި ސޮން ކުޅޭނެ ކަމަށެވެ. އަދި ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ޕެރިސް ސެއިންޓް-ޖަމެއިން (ޕީއެސްޖީ) އާ ދެކޮޅަށް ޔޫއެފާ ސުޕަރ ކަޕްގައި މި މަހު 13ވަނަ ދުވަހު ޓޮޓެންހަމް ކުޅުމަށް ތާވަލުކޮށްފައިވީނަމަސް، މިއީ ނިއުކާސްލްގެ ޖާރޒީގައި އޭނާ ކުޅޭ ފަހު މެޗަށް ވުން ގާތް ކަމުގައި ތޯމަސް ބުންޏެވެ.
ދިހަ ސީޒަން ސްޕާސްގައި ސޮން ހޭދަކުރިއިރު، ޕްރިމިއަރ ލީގުގައި އޭނާ ވަނީ ޖުމްލަ 333 މެޗު ކުޅެފައެވެ. އަދި މި މުއްދަތުގައި ޖުމްލަ 127 ގޯލު ކާމިޔާބުކޮށްފައިވާއިރު، 71 އެސިސްޓު ވެސް ކޮށްދީފައިވެއެވެ.