ޚަބަރު
އެމްޕީއެލްގެ ނޯރތު ހާބަރުން އިތުރު ފީއެއް ނެގުމަށް ނިންމާފައެއް ނުވޭ: ރިޝްވާން

މާލޭ މަސްމާރުކޭޓު ސަރަޙައްދު---
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ނޯރތު ހާބަރު ސަރަޙައްދުން އިތުރު ފީއެއް ނެގުމަށް ނިންމާފައި ނުވާކަމުގައި އެ ކުންފުނީގެ ސީއީއޯ ޑީސީޕީ ރިޓަޔަޑް މުޙައްމަދު ރިޝްވާން ވިދާޅުވެއްޖެއެވެ.
ރިޝްވާން މިފަދައިން ވިދާޅުވީ، އެމްޕީއެލްއަށް އަލަށް އިތުރު ކުރެވުނު ބައިން ފީ ނަގަމުން ދާކަމަށް މީޑިއާތަކުގައި ޚަބަރު ފެތުރިފައިވާ ވަގުތެއްގައެވެ.
އެމްޕީއެލްއިން ހާމަކޮށްފައިވާ ގޮތުގައި މާލޭ އުތުރުފަރާތު ބަނދަރަށް އިތުރު ކުރެވުނު ސަރަޙައްދުގައި މަސް ދޯނި ފަހަރަށް ޚާއްސަކޮށްފައިވާ ސަރަޙައްދު ބޭނުންކުރާ މަސްވެރި އުޅަނދުތަކުން އެއްވެސް ފީއެއް ނަގާ ގޮތަށް ހަމަޖައްސާފަނުވާކަމަށެވެ. އެހެންނަމަވެސް މުދަލާއި ފަސިންޖަރުން އުފުލާ އުޅަނދުތަކުން މިހާރުވެސް ނަގާ އުސޫލުން ފީ ނަގާނެކަމަށް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ.
މަސް ދޯނި ފަހަރަށް ކަނޑައަޅާފައިވާ ސަރަޙައްދު ތަރުތީބުކޮށް، އެ ސަރަޙައްދުގެ ޚިދުމަތް ކުރިއަށް އޮތް ތަނުގައި ދޭނީ ކިއު ތަރުތީބުންނެވެ. މި ސަރަޙައްދު ތަރުތީބުކުރުމުގެ މަސައްކަތް ކުރިއަށް އޮތް ދެ ތިން ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ލަފާކުރެވޭކަމަށް އެމްޕީއެލްއިން ހާމަކޮށްފައި ވަނީ މިދިޔަ ހުކުރު ދުވަހެވެ.
މި ސަރަހައްދު ތަރުތީބުކުރެވުމުން، މަސް ދޯނި ފަހަރަށް އިތުރު ޖާގަ ލިބި، އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެ. އަދި އަތޮޅުތަކަށް މުދާ އުފުލާ އުޅަނދުތަކަށް މުދާ ބޭލުމާއި އެރުވުމުގެ މަސައްކަތްތައްވެސް މިހާރަށްވުރެ އަވަހަށް ކުރެވޭނެ މަގު ފަހިވެގެންދާނެ.
އެމްޕީއެލްގެ ސީއީއޯ ޑީސީޕީ ރިޓަޔަޑް މުޙައްމަދު ރިޝްވާން.
އޭގެ އިތުރުން، އެ ސަރަޙައްދަށް ގެނެވޭ ބަދަލާއެކު، ޤަވާއިދާ ޚިލާފަށް އެ ސަރަޙައްދުގައި ވިޔަފާރި ކުރަމުންދާ ބިދޭސީންގެ މައްސަލައަށް ވެސް ޙައްލެއް ހޯދޭނެ ކަމުގައި ސީއީއޯ ވަނީ ހާމަކޮށްފައެވެ. އެގޮތުން އެ ސަރަޙައްދުގައި އަޅާފައިވާ ބިދޭސީން ދިރިއުޅުމަށް ގެދޮރުގެ ގޮތުގައި ބޭނުންކުރާ އަދި ވިޔަފާރިކުރަމުންދާ އުޅަނދުތައް އެތަނުން ނަގައި، މަސްވެރި އުޅަނދުތަކަށް އެކަނި އެ ސަރަޙައްދު ބޭނުންކުރެވޭނެ ލުއިފަސޭހަގޮތަކަށް އެ ތަން ބަދަލުގެންނާނީ މަސްވެރިންގެ ޚިޔާލާއި މަޝްވަރާގެ މަތިން ކަމަށް ހާމަކޮށްފައިވެއެވެ.
މާލޭ އުތުރުފަރާތު ބަނދަރުގެ މަސްމާރުކޭޓާއި ހަމައަށް އޮތް ސަރަޙައްދު ތަރުތީބުކޮށް، އެ ސަރަޙައްދުގައި 99 އުޅަނދު އަޅާނެ ޖާގަ ތަނަވަސްކޮށްފައިވާކަމަށް އެމްޕީއެލްއިން ހާމަކޮށްފައިވެއެވެ. މިގޮތުން 25 އުޅަނދު ވެއިޓިންގައި ބާއްވާފައި، މުދަލާއި ފަސިންޖަރުން އުފުލާ 54 އުޅަނދަށް ޖާގަ ދެވޭނެކަމަށާއި އަދި މަސްވެރިކަން ކުރާ އުޅަނދަށް 20 ޖާގަ އޮންނާނެކަމަށާއި، މަސް ބާނައިގެން އައިސް މަސް ބާލާފައި ނިކުމެވޭ ގޮތަށް ހުރަސް ތޮށި ހުޅުވާލާފައި އޮންނާނެކަމަށްވެސް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ.
🔈 ނޯތު ހާބަރު ސަރަހައްދު މަސް މާރުކޭޓާ ހަމައަށް ބޮޑުކުރަނީ! 🔈
— Maldives Ports Limited (@Portmv) August 1, 2025
އެމް.ޕީ.އެލްގެ މާލޭ ނޯތު ހާބަރު ސަރަހައްދު މިހާރު ވަނީ ބަނދަރާއި އިންވެގެން އޮތް ސަރަޙައްދުން ފެށިގެން، ލޯކަލް މަސްމާރުކެޓާ ހަމައަށް ބޮޑުކޮށްފައި.
🗓️ 2025 އޯގަސްޓް 1 އިން ފެށިގެން:
ޚިދުމަތް ލިބޭނީ ހަމައެކަނި… pic.twitter.com/6ChZQCvu1N
އަދި މީގެ ކުރިން ޚިދުމަތް ހޯދުމަށް އަންނަ ބޯޓުތަކުން މާލޭ އުތުރުފަރާތު ބަނދަރުން ކީވޯލުން ޖާގަ ހޯދަން 5 ވަރަކަށް ދުވަސް ނަގާކަމަށް އެމްޕީއެލުން ހާމަކޮށްފައި ވެއެވެ. ނަމަވެސް މި ބަދަލާއެކު، އިންތިޒާމުތައް ރޭވިފައި ހުރި ގޮތުން، ބަނދަރުން 1 ދުވަސް ނުނީ 2 ދުވަސް ތެރޭގައި ޖާގަ ލިބޭނެކަމަށް އެމްޕީއެލްއިން ފާހަގަކުރެއެވެ.