ޚަބަރު
ސޯޝަލް މީޑިއާގައި ރައީސްއަށް މަރުގެ އިންޒާރު ދިން މީހާ ހައްޔަރުކޮށްފި

ރައީސްއަށް މަރުގެ އިންޒާރު ދިނުމާ ގުޅިގެން ހައްޔަރުކުރި ތ. ތިމަރަފުށި، މަލަސް، މަސީޙު މޫސާ---
ސޯޝަލް މީޑިއާގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއަށް މަރުގެ އިންޒާރު ދިން މީހާ ހައްޔަރުކޮށްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފައިވާ ގޮތުގައި އެ މީހާ ހައްޔަރުކޮށްފައި ވަނީ ރޭގެ ވަގުތެއްގައި، ކޯޓު އަމުރެއްގެ ދަށުންނެވެ. ނަމަވެސް އޭނާ ހައްޔަރުކުރީ ކޮން ތަނަކު ހުއްޓާކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ތ. ތިމަރަފުށި، މަލަސް، މަސީޙު މޫސާއެވެ. އުމުރުން 25 އަހަރުގެ އެ ޒުވާނާގެ ފޯނު ވެސް ފުލުހުން ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.
ރައީސް މުޢިއްޒުއަށް މަސީޙް މަރުގެ އިންޒާރު ދީފައި ވަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އަދި އޭގެ ވިޔަފާރިކުރާ މީހުންނަށް މަރުގެ އަދަބު ހިމެނޭހެން ބޮޑެތި އަދަބުތައް ދިނުމަށް އެ މަނިކުފާނު ބޭނުންފުޅުވާކަން ހާމަކުރެއްވުމުންނެވެ.
އޮންލައިން މީޑިއާއެއްގައި ލިޔެފައި އޮތް އެ ޚަބަރު، އެ ނޫހުގެ ފަރާތުން ސޯޝަލް މީޑިއާގައި ޙިއްސާކުރުމުން، އެ ޚަބަރު ޝެއާރ ކުރުމަށްފަހު މަސީޙް ލިޔެފައި ވަނީ އެންމެ ފުރަތަމަ މަރާލަން ޖެހޭނީ ރައީސް މުޢިއްޒު ކަމަށެވެ.
މިކަމާ ގުޅިގެން ސޯޝަލް މީޑިއާ ރައީސް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ނުވަތަ އޭގެ ވިޔަފާރިކުރުމުގެ ކުށް ސާބިތުވާ މީހުންނަށް މަރުގެ އަދަބު ހިމެނޭހެން ބޮޑެތި އަދަބުތަކެއް ކަނޑައަޅަން ބޭނުންފުޅުވާތީ، ރައްޔިތުންގެ މަޖިލިހަށް މިހާރު ހުށަހަޅާފައިވާ މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިސްލާޙު ގެނައުމަށްޓަކައި އެ ބިލް އިތުރަށް ދިރާސާ ކުރަން ކަމާ ގުޅޭ އިދާރާތަކަށް ދަންނަވާފައިވާނެ ކަމަށެވެ.