ޚަބަރު
ފަލަސްޠީނުގެ މައްސަލައިގައި ނެރުނު "ނިއުޔޯކް ޑެކްލެރޭޝަން" ބަލައިގަތުމުން ސަރުކާރުން މަރުޙަބާ ވިދާޅުވެއްޖެ

އ.ދ.ގެ މައި މަރުކަޒުގައި ކުރިޔަށްދިޔަ ހައިލެވެލް ބައްދަލުވުން، ފޮޓޯ: ހާރިޖީ ވުޒާރާ
ސުލްޙަވެރިގޮތުގައި ފަލަސްޠީނުގެ މައްސަލަ ޙައްލުކުރުމާއި ދެ ދައުލަތުގެ ޙައްލު ތަންފީޒުކުރުމާ ގުޅޭ ޤަރާރު ކަމުގައިވާ "ނިއުޔޯކް ޑެކްލެރޭޝަން" ބަލައިގަތުމުން، ދިވެހި ސަރުކާރުގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެކަމަށް މަރުޙަބާ ވިދާޅުވެއްޖެއެވެ.
މިކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ބަޔާނުގައި ވިދާޅުވީ، "ނިއުޔޯކް ޑެކްލެރޭޝަން" އަކީ ފަލަސްޠީނުގެ ރައްޔިތުންގެ ދާއިމީ ސިޔާދަތަށާއި، ފަލަސްޠީނުގެ ދައުލަތް ބަލައިގަތުމަށާއި، އެ ދައުލަތަށް އ.ދ ގެ ފުރިހަމަ މެންބަރުކަން ދިނުމަށް، ބައިނަލްއަޤުވާމީ މައިދާނުން ދޭ އެއްބާރުލުމުގެ ފާޅުކަން ބޮޑު ހެއްކެއްކަމުގައެވެ.
މީގެ އިތުރުން އެއީ، އިސްރާއީލުން ފަލަސްޠީނަށް ކެނޑިނޭޅި ދެމުންދާ ޙަމަލާތަކުން ލިބޭ ގެއްލުމުން އަރައިގަތުމަށް ދެމެހެއްޓެނިވި ގޮތްތަކެއް ހޯދައިދިނުމުގައްޔާއި، ފަލަސްޠީނުގެ އިޤްތިޞާދީ ޤާބިލުކަމާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި އެއްބާރުލުން ދިނުމަށް، ބައިނަލްއަޤުވާމީ މައިދާނުން އެކަށައެޅި ވަރުގަދަ އިލްތިޒާމެއް ކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ބަޔާން ނިންމާލައްވަމުން ވިދާޅުވީ، 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކާ އެއްގޮތަށް، އިރުމަތީ ޤުދުސް ހިމެނޭހެން، ބައިނަލްއަޤުވާމީ ޤާނޫނުތަކާއި އދ.ގެ ގުޅުންހުރި ޤަރާރުތަކާ އެއްގޮތްވާގޮތުގެ މަތިން ފަލަސްޠީނުގައި މިނިވަން، މުސްތަޤިއްލު ދައުލަތެއް ޤާއިމުކުރުމަށް، ދިވެހި ސަރުކާރާއި ރައްޔިތުން ސާބިތުކަމާއެކު އެއްބާރުލުން ދެމުންގެންދާނެ ކަމަށެވެ.
މި މަހުގެ 28 އިން 30 އަށް އެމެރިކާގެ ނިއު ޔޯކުގައި ހުންނަ އ.ދ.ގެ މައިމަރުކަޒުގައި ކުރިއަށްދާ "ހައި-ލެވަލް އިންޓަރނޭޝަނަލް ކޮންފަރެންސް ފޮރ ދަ ޕީސްފުލް ސެޓަލްމަންޓް އޮފް ދަ ކުއެސްޝަން އޮފް ޕަލަސްޓައިން އެންޑް ދަ އިޕްލިމެންޓޭޝަން އޮފް ދަ ޓޫ ސްޓޭޓް-ސޮލިއުޝަން" ގައި ރާއްޖޭގެ ފަރާތުން ބައިވެރިވެފައިވަނީ އެކުވެރި ދައުލަތްތަކުގެ ޖަމުޢިއްޔާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވައިފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ޢަލީ ނަޞީރުއެވެ.
މި ބައްދަލުވުމުގައި ތަޤުރީރު ކުރައްވަމުން ޑރ. ޢަލީ ނަޞީރު ވަނީ، ފަލަސްޠީނުގައި އިސްރާއީލުން ގަސްދުގައި ހިންގަމުންދާ ލާއިންސާނީ އަމަލުތައް އަދި ޤަތުލު ޢާންމު ނިންމުމަކަށް ގެނެއުމަށް ޑިޕްލޮމެސީއާއި މަލްޓިލޭޓަރަލިޒަމްގެ އުޞޫލުތައް އިސްކުރުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް ގޮވާލާފައެވެ.
އަދި ޑރ. ޢަލީ ނަޞީރު ވަނީ 1967 ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައި އޮތް އިންތަކުގެ މައްޗަށް، އިރުމަތީ ޤުދުސްއަކީ ފަލަސްޠީނުގެ ވެރިރަށް ކަމުގައި ކަނޑައަޅާ، މިނިވަން މުސްތަޤިއްލު ދައުލަތެއްގެ ގޮތުގައި އޮތުމުގެ ޙައްގު ބަލައިގަނެ، ޔުނައިޓަޑް ނޭޝަންސް ރިލީފް އެންޑް ވަރކްސް އެޖެންސީ ފޮރ ޕަލަސްޓައިން އިން ދަ ނިއަރ އީސްޓް (އަންރުވާ) އިން ފޯރުކޮށްދޭ އެހީތެރިކަން ދެމިއޮތްކަން ކަށަވަރުކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.