ކުޅިވަރު
ލޯންގްކޯސް 100 މީޓަރު ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯޑު ތަޒްކިޔާ އާކޮށްފި

އަމްނާ ތަޒްކިޔާ މިރުޞާދު---
ސިންގަޕޫރުގައި މިހާރު ކުރިއަށްދާ 22 ވަނަ ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްސްގައި ލޯންގްކޯސް 100 މީޓަރު ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯޑު އަމްނާ ތަޒްކިޔާ މިރުޞާދު އާކޮށްފިއެވެ.
މި އިވެންޓުގެ ރެކޯޑު ތަޒްކިޔާ އާކޮށްފައި ވަނީ 01:04.04 އިން ރޭސް ނިންމައިގެންނެވެ.
މި އިވެންޓުގެ ޤައުމީ ރެކޯޑު ކުރިން އޮތީ ޢާއިޝަތު ޢުލްޔާ ޝާއިޤްގެ އަތުގައެވެ. އޭނާ އެ ރެކޯޑު ހެދީ ޔޫ.ޑަބްލިއު.އެސް.ސީ (ދަ ޔުނިވަރސިޓީ އޮފް ވެސްޓަރން އޮސްޓްރޭލިއާ ވެސްޓްކޯސްޓް ސްވިމިންގ ކްލަބް) ކްލަބް ނައިޓް ނަންބަރު 5 ގައި 01:04.32 އިން ރޭސް ފުރިހަމަކޮށްގެންނެވެ.
މިހާރު ސިންގަޕޫރުގައި ކުރިޔަށްދާ މުބާރާތުގައި ތަޒްކިޔާ ވަނީ ލޯންގްކޯސް 100 މީޓަރު ބެކްސްޓްރޯކް އިވެންޓުގެ ރެކޯޑު ވެސް މުގުރާލާފައެވެ. އޭނާ މި ރެކޯޑު މުގުރާލީ 01:13.49 އިން ރޭސް ނިންމައިގެންނެވެ.
މީގެ އިތުރުން ހަތަރެއް ގުނަ ސަތޭކަ މީޓަރު މިކްސްޑް މެޑްލޭ ރިލޭ އިވެންޓުގެ ޤައުމީ ރެކޯޑު މުގުރާލި ޓީމުގައި ވެސް ތަޒްކިޔާ ހިމެނެއެވެ.