ޚަބަރު
ރޭންޖާރސްއަކީ މުހިންމެ ދައުރެއް އަދާކުރާ ބައެއް – އެމީހުންގެ ޤުރުބާނީގެ އަގު ވަޒަންކުރަން ޖެހޭ
ރާއްޖޭގެ ރޭންޖާރއެއް މަސައްކަތުގައި، ފޮޓޯ: ފަތުރުވެރިކަމާ ތިމާވެއްޓާ ބެހޭ ވުޒާރާ
ރޭންޖާރސްއަކީ މުހިންމެ ދައުރެއް އަދާކުރާ ބައެއްކަމަށާއި އެމީހުންގެ ހިތްވަރާއި ޤުރުބާނީގެ އަގު ވަޒަންކުރުން މުހިންމު ކަމުގައި ފަތުރުވެރިކަމާ ތިމާވެއްޓާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
ފަތުރުވެރިކަމާ ތިމާވެއްޓާ ބެހޭ ވުޒާރާއިން މިފަދައިން ހާމަކުރީ، "ވޯލްޑް ރޭންޖަރ ޑޭ" އާ ގުޅުވައިގެން އެ ވުޒާރާއިން ނެރުނު ނޫސް ބަޔާނެއްގައެވެ.
"ވޯލްޑް ރޭންޖަރ ޑޭ"ގެ ގޮތުގައި މުޅި ދުނިޔޭގައި ފާހަގަކުރަމުން އަންނަނީ ޖުލައި މަހުގެ 31 ވަނަ ދުވަހެވެ. މި ދުވަސް ފާހަގަކުރުމުގެ މަޤުސަދަކީ ރޭންޖަރސްގެ މަސްއޫލިއްޔަތު އަދާކުރަމުގައި ޒަޚަމްވެ ނުވަތަ ނިޔާވެފައިވާ ރޭންޖަރސް (ފޯލެން ރޭންޖާރސް) އާއި ތިމާވެށި ހިމާޔަތްކޮށް ބެލެހެއްޓުމުގެ މަސައްކަތުގެ ކުރީސަފުގައި ހިތްވަރާއެކު މަސައްކަތްކުރާ ރޭންޖަރސް ގެ އަގު ވަޒަންކުރުމެވެ. މި އަހަރުގެ ވޯލްޑް ރޭންޖަރ ޑޭގެ ތީމްއަކީ "ރޭންޖާރސް ޕަވަރިންގ ޓްރާންސްފޯރމޭޓިވް ކޮންސަރވޭޝަން" އެވެ.
ރޭންޖާރސްގެ ކަންކަން ބައިނަލްއަޤުވާމީ ގޮތުން ބަލަހައްޓާ އިންޓަރނޭޝަނަލް ރޭންޖަރ ފެޑެރޭޝަން (އައި.އާރ.އެފް( އިން ރޭންޖަރސްއިން ދެކެނީ، ދުނިޔޭގެ ސިއްޙަތު ދަމަހައްޓާ ޙިމާޔަތްކުރުމުގައި ފަޚުރުވެރިކަމާއެކު ޚިދުމަތްކުރާ ބައެއްގެ ގޮތުގައެވެ. ރޭންޖަރސްގެ ތަފާތު މަސްއޫލިއްޔަތްތަކުގެ ތެރޭގައި ދިރޭތަކެތީގެ ނަސްލު ޙިމާޔަތްކުރުމާއި، ޤާނޫނުތައް ތަންފީޒުކުރުމާއި، ތިމާވެއްޓާއިބެހޭ ގޮތުން އާންމުން ހޭލުންތެރިކުރުވުމާއި، ޤުދުރަތީ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރިކޮށް ބެލެހެއްޓުމާއި، ދެމެހެއްޓެނިވި ގޮތްތަކުގެ މަތިން ޤުދުރަތީ ވަސީލަތްތައް ބޭނުންކުރުން ހިމެނެއެވެ. އަދި މިއީ ޙިމާޔަތްކޮށްފައިވާ ދިރޭ ތަކެއްޗާއި ސަރަޙާއްދުތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް މުހިއްމު ދައުރެއް ކަމުގައި ފަތުރުވެރިކަމާ ތިމާވެއްޓާ ބެހޭ ވުޒާރާއިން ފާހަގަކުރެއެވެ.
އައި.އާރ.އެފްއިން ހާމަކޮށްފައިވާ ގޮތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގާތްގަނޑަކަށް 286،000 ރޭންޖަރސް މިވަގުތު ދަނީ ހަރަކާތްތެރިވަމުންދެއެވެ.
This year, we celebrate “Rangers, Powering Transformative Conservation” — a call to reimagine rangers not just as protectors of nature, but as partners in community-led conservation.
— Ministry of Tourism and Environment (@MoTmv) July 31, 2025
From safeguarding biodiversity to honoring local knowledge and livelihoods, rangers are at the… pic.twitter.com/shrsMC8Xlf
އަދި މި ވަގުތު ރާއްޖޭގެ އެކިކަންކޮޅުތަކުގައި ރޭންޖަރސްގެ ގޮތުގައި 15 އަށް ވުރެ ގިނަ ފަރާތަކުން މަސައްކަތް ކުރަމުންދާ ކަމުގައި ފަތުރުވެރިކަމާ ތިމާވެއްޓާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވެއެވެ. އެގޮތުން ބ. އަތޮޅު ބަޔޮސްފިއަރ ރިޒާވް، އައްޑޫ އަތޮޅު ބަޔޮސްފިއަރ ރިޒާވް، އަދި ފުވައްމުލަކު ބަޔޮސްފިއަރ ރިޒާވްގައި މަސައްކަތްކުރާ ފަރާތްތަކާއި ލ. ގާދޫ، ރ. ވަންދޫ، ސައުތު އަރި މެރިން ޕްރޮޓެކްޓެޑް އޭރިއާ، އަދި ށ. ފަރުކޮޅުގައި މަސައްކަތްކުރާ ފަރާތްތައް ހިމެނެއެވެ. މީގެ އިތުރުން އެ ވުޒާރާ އާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ގުޅިގެން ރޭންޖަރސްއަށް ޚާއްސަކޮށްގެން ބޭސިކް ރޭންޖަރސް ކޯހެއް ކުރިޔަށް ގެންގޮސްފައިވެއެވެ. މި ކޯހުގެ ފުރަތަމަ ބެޗްގައި 18 މީހަކު ބައިވެރިވެ، ކޯސް ފުރިހަމަކޮށްފައި ވެއެވެ.