Ads by Stelco

ޚަބަރު

ޣައްޒާގެ ޙާލަތު ބަދަލުކުރުމަށް އިތުރު ފިޔަވަޅުތަކެއް އެޅުމަށް އ.ދ.ގެ ބައްދަލުވުމުގައި ރާއްޖެއިން ގޮވާލައިފި

ޣައްޒާގެ ޙާލަތު ބަދަލުކުރުމަށް އިތުރު ފިޔަވަޅުތަކެއް އެޅުމަށް އ.ދ.ގެ ބައްދަލުވުމުގައި ރާއްޖެއިން ގޮވާލައިފި

އ.ދ.ގެ މައި މަރުކަޒުގައި ކުރިޔަށްދިޔަ ހައިލެވެލް ބައްދަލުވުން، ފޮޓޯ: ހާރިޖީ ވުޒާރާ

farudhun logo

ފަރުދުން

31 ޖުލައި 2025، 08:14

31 ޖުލައި 2025، 08:14

ޣައްޒާއަށް ކުރިމަތިކުރުވާފައިވާ ޙާލަތު ބަދަލުކުރުމަށް އިތުރު ފިޔަވަޅުތަކެއް އަޅާ، އެއްބާރުލުން ދިނުމަށް، ރާއްޖޭގެ ފަރާތުން އެކުވެރި ދައުލަތްތަކުގެ ޖަމުޢިއްޔާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވައިފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ޢަލީ ނަޞީރު ގޮވާލައްވައިފިއެވެ.

ރާއްޖެއިން މިކަމަށް ގޮވާލާފައިވަނީ ޖުލައި މަހުގެ 28 އިން 30 އަށް އެމެރިކާގެ ނިއު ޔޯކުގައި ހުންނަ އ.ދ.ގެ މައިމަރުކަޒުގައި ކުރިއަށްދާ "ހައި-ލެވަލް އިންޓަރނޭޝަނަލް ކޮންފަރެންސް ފޮރ ދަ ޕީސްފުލް ސެޓަލްމަންޓް އޮފް ދަ ކުއެސްޝަން އޮފް ޕަލަސްޓައިން އެންޑް ދަ އިޕްލިމެންޓޭޝަން އޮފް ދަ ޓޫ ސްޓޭޓް-ސޮލިއުޝަން" ގައި ޑރ. ޢަލީ ނަޞީރު ދެއްވި ތަޤުރީރުގައެވެ.

މި ތަޤްރީރުގައި ޑރ. ޢަލީ ނަޞީރު ވިދާޅުވީ، ފަލަސްޠީނުގައި އިސްރާއީލުން ގަސްދުގައި ހިންގަމުންދާ ލާއިންސާނީ އަމަލުތައް އަދި ޤަތުލު ޢާންމު ނިންމުމަކަށް ގެނެއުމަށް ޑިޕްލޮމެސީއާއި މަލްޓިލޭޓަރަލިޒަމްގެ އުޞޫލުތައް އިސްކުރުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް ގޮވާލާފައެވެ.



އަދި ޑރ. ޢަލީ ނަޞީރު ވަނީ 1967 ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައި އޮތް އިންތަކުގެ މައްޗަށް، އިރުމަތީ ޤުދުސްއަކީ ފަލަސްޠީނުގެ ވެރިރަށް ކަމުގައި ކަނޑައަޅާ، މިނިވަން މުސްތަޤިއްލު ދައުލަތެއްގެ ގޮތުގައި އޮތުމުގެ ޙައްގު ބަލައިގަނެ، ޔުނައިޓަޑް ނޭޝަންސް ރިލީފް އެންޑް ވަރކްސް އެޖެންސީ ފޮރ ޕަލަސްޓައިން އިން ދަ ނިއަރ އީސްޓް (އަންރުވާ) އިން ފޯރުކޮށްދޭ އެހީތެރިކަން ދެމިއޮތްކަން ކަށަވަރުކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން، ޢަރަބި ރީކޮންސްޓްރަކްޝަން ޕްލޭން ތަންފީޒުކުރުމަށް ބޭނުންވާ އެހީތެރިކަން، ވީ މިންވަރަކުން ދިވެހިރާއްޖެ އިން ފޯރުކޮށްދޭން ތައްޔާރަށް ތިބިކަމުގައި ވެސް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ.

"ހައި-ލެވަލް އިންޓަރނޭޝަނަލް ކޮންފަރެންސް ފޮރ ދަ ޕީސްފުލް ސެޓަލްމަންޓް އޮފް ދަ ކުއެސްޝަން އޮފް ޕަލަސްޓައިން އެންޑް ދަ އިޕްލިމެންޓޭޝަން އޮފް ދަ ޓޫ ސްޓޭޓް-ސޮލިއުޝަން" 2024 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 3 ވަނަ ދުވަހު އ.ދ.ގެ ޢާންމު މަޖިލީހުން ފާސްކުރި އެ މަޖިލީހުގެ ޤަރާރު ނަންބަރު A/RES/79/81 އިން ލާޒިމުކުރި ކޮންފަރެންސްއެކެވެ. މި ކޮންފަރެންސްގެ މަޤްޞަދަކީ ކުއެސްޝަން އޮފް ޕަލަސްޓައިން އާއި ޓޫ ސްޓޭޓް-ސޮލިއުޝަންއާ ގުޅިގެން އ.ދ. އިން ފާސްކޮށްފައިވާ ޤަރާރުތައް ތަންފީޒުކުރަމަށް ބާރުއެޅުމެވެ.

މި ކޮންފަރެންސް ޗެއަރ ކުރައްވަނީ ފްރާންސް އަދި ސަޢުދީ އަރަބިއްޔާގެ ޚާރިޖީ ވަޒީރުންނެވެ. މެދު އިރުމަތީގެ ހާލަތު ގޯސްވުމާ ގުޅިގެން މި ކޮންފަރެންސް ވަނީ ޖޫން މަހުގެ ތެރޭގައި މެދުކަނޑާލާފައެވެ. އަދި މިހާރު ކުރިޔަށްދާ ތިން ދުވަހުގެ ކޮންފަރެންސް އަލުން ފައްޓާފައި ވަނީ ޖުލައި މަހުގެ 28 ވަނަ ދުވަހުއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން