Ads by Stelco

ޚަބަރު

ސްރީލަންކާގެ ރައީސް ރާއްޖެއަށް ކުރެއްވެވި ފުރަމާނަ ދަތުރުފުޅު ނިންމަވާލައްވައިފި

ސްރީލަންކާގެ ރައީސް ރާއްޖެއަށް ކުރެއްވެވި ފުރަމާނަ ދަތުރުފުޅު ނިންމަވާލައްވައިފި

ސްރީލަންކާގެ ރައީސްގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ވަޑައިގެންނެވުން، ފޮޓޯ: ރައީސް އޮފީސް

farudhun logo

ފަރުދުން

31 ޖުލައި 2025، 07:00

31 ޖުލައި 2025، 07:00

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް ރާއްޖެއަށް ވަޑައިގެންނެވި ސްރީލަންކާގެ ރައީސް، އަނޫރާ ކުމާރާ ޑިސަނާޔަކެގެ ފުރަމާނަ ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.

ސްރީލަންކާގެ ރައީސް މި މަހުގެ 28 ވަނަ ދުވަހު ރާއްޖެއަށް ވަޑައިގެންނެވުމުން، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އާއި ސަރުކާރުގެ އިސް ބޭފުޅުން ވަނީ އެ މަނިކުފާނުގެ އިސްތިޤުބާލުގައި އެއާރޕޯޓަށް ވަޑައިގެންފައެވެ. އަދި ހަމަ އެ ދުވަހު އެ މަނިކުފާނަށް ވަނީ ރަސްމީކޮށް މަރުޙަބާ ދަންނަވާފައެވެ. 

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު އާއެކު ރަސްމީ މަޝްވަރާތައް ކުރައްވައި، ދެ ޤައުމުގެ މެދުގައި މުހިންމު ދާއިރާތަކުން އެއްބާރުލުން ދިނުމުގެ ފަހުމުނާމާއަކާއި މުއާހަދާއެއްގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތުގައި ރައީސް ޑިސަނާޔަކެ ބައިވެރިވެވަޑައިގެންފައިވެއެވެ.

މީގެ އިތުރުން، ދެ ޤައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިކުރެއްވުމުގެ ގޮތުން، ދެ ޤައުމުގެ ވެރިން ގުޅިގެން ވަނީ ބަޔާނެއް ދެއްވާފައެވެ.  އަދި ސްރީލަންކާގެ ރައީސްގެ ޝަރަފުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ފުރަމާނަ ޖާފަތެއް ވެސް ދެއްވާފައެވެ. 

މީގެ އިތުރުން މި ދަތުރުފުޅުގެ ތެރެއިން ކެބިނެޓުގެ ބައެއް ވަޒީރުންނާއި ދައުލަތުގެ އިސްވެރިން ސްރީލަންކާގެ ރައީސްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތް ކުރައްވާފައިވެއެވެ.

މިއީ ސްރީލަންކާގެ ރައީސް ޑިސަނާޔަކެ، މިދިޔަ ސެޕްޓެމްބަރ މަހު އެ ޤައުމުގެ ރައީސްކަމާއި ޙަވާލުވެވަޑައިގަތުމަށްފަހު ދިވެހިރާއްޖެއަށް ކުރެއްވި ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ. ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 1965 ވަނަ އަހަރުގައެވެ. އަދި މި އަހަރަކީ މި ގުޅުމަށް 60 އަހަރު ފުރޭ ތާރީޚީ މުނާސަބާ ފާހަގަކުރާ އަހަރުވެސްމެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން